ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ސަޢޫދީ ޢަރަބިއްޔާގެ ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް، އަދި ވަޒީރުންގެ މަޖިލީހުގެ މެންބަރު، ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު ރާއްޖެއިން ފުރާވަޑައިގެންފިއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، ސަޢޫދީގެ ވަލީއަޙުދު އަދި ބޮޑުވަޒީރު، ޕްރިންސް މުޙައްމަދު ބިން ސަލްމާންގެ ފަރާތްޕުޅުން އެމަނިކުފާނު ކުރެއްވި ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ޕްރިންސް ޑޮކްޓަރ މަންޞޫރު ވަނީ ރައީސް މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް އުޚުއްވަތްތެރި ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ރައީސް މުޢިއްޒު ދެއްވި މެންދުރުގެ ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގަތުމަށްފަހު، އެމަނިކުފާނު ދަތުރުފުޅު ނިންމަވާލެއްވީ ޖުމްހޫރީ މައިދާނުގައި ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށްފަހުގައެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް އަލްވަދާޢު ވިދާޅުވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އާއި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރެވެ.


