އަނިޔާވެރި އިސްރާއީލުން ބުނަނީ، ދުނިޔެ ދެކޮޅަސް ހަނގުރާމަ ހުއްޓާ ނުލާނެ ކަމަށް

މުޅި ދުނިޔެ ދެކޮޅަށް ތެދުވެ، ބައިނަލްއަޤްވާމީ އެއްބާރުލުން ނުލިބުނަސް ހަނގުރާމަ ކުރިއަށް ގެންދާނެކަމަށް އިސްރާއީލުން ބުނެފިއެވެ.

އިސްރާއީލުގެ ފޮރިން މިނިސްޓަރު އީލައި ކޮހެންވަނީ ހަނގުރާމަ ނިންމާނުލާނެކަމަށާއި، އަދި މިވަގުތު ހަނގުރާމަ ހުއްޓާލުމަކީ ޓެރަރިސްޓު ޖަމާއަތަކަށް ހަދިޔާއެއް ދިނުންކަމަށާއި، އެކަމުގެ ސަބަބުން އަލުން އެނބުރި އައިސް އިސްރާއީލުގެ ރައްޔިތުންނަށް ހަމަލާ ދިނުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށެވެ.

އޭނާ މިހެން ބުނެފައިވާއިރު، ދާދި ފަހުން އދ. ގެ އާންމު މަޖިލީހުގައި ނެގި ވޯޓަކުން ފަލަސްތީނުގައި ހިނގަމުންދާ ހަނގުރާމަ ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލުމަށް ނިންމާފައިވެއެވެ. އަދި އިސްރާއީލު އެންމެ ގާތް ބައިވެރިޔާކަމަށްވާ އެމެރިކާގެ ރައީސް ޖޯ ބައިޑެންވެސް ވަނީ އެ ގައުމަށް ބައިނަލްއަގުވާމީ އެއްބާރުލުން ގެއްލެމުންދާކަން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންތަންޔާހޫއާ ހިއްސާކޮށްފައިކަމަށް ވެއެވެ.

ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތައް ހިންގަމުންދާ ހައްދުފަހަނަ އަޅާފައިވާ ޔަހޫދީންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ތާޢީދު ކުރައްވާ ކަމުގައި ވިލާތުގެ އިއްތިހާދު (އީ.ޔޫ) ކޮމިޝަނުގެ ރައީސާ އުރްސުލާ ފޮންޑެ ލަޔަން ވަނީ ވިދާޅުވެފައެވެ. ހައްދުފަހަނަ އަޅާފައިވާ ޔަހޫދީންނޭ ވިދާޅުވެ އޭނާ އިޝާރާތް ކުރައްވާފައި މި ވަނީ، ފަލަސްޠީނުގެ ބިންތަކުގައި ވަޒަންވެރި ކޮށްފައިވާ ޔަހޫދީންނަށެވެ.

ހައްދުފަހަނަ އެޅި ޔަހޫދީންނާ ދެކޮޅަށް ފިޔަވަޅު އެޅުމާ މެދު އީ.ޔޫން ވިސްނަމުންދާއިރު، އެމެރިކާއިން ވެސް ދާދި ފަހުން ވަނީ ހައްދުފަހަނަ އެޅި ޔަހޫދީންނާ ދެކޮޅަށް ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައެވެ. އެމެރިކާއިން ބުނީ، ހުޅަނގު އައްސޭރީގައި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތައް ހިންގާ ޔަހޫދީންނަށް ވިސާ ދޫ ކުރުން އެ ޤައުމުން ހުއްޓައިލާފައިވާނެ ކަމުގައެވެ

އިސްރާއީލަށް ވާގިވެރިވާ ބައިޑެން ވިދާޅުވީ، އިސްރާއީލަށް ޔޫރަޕިއަން ޔުނިއަންގެ އެއްބާރުލުން އޮތް ނަމަަވެސް، ދުނިޔޭގެ ގިނަ ގައުމުތަކުން އެ ގައުމަށް ތާއީދުކުރާ ނަމަވެސް އެ ގައުމުން ބެލުމެއް ނެތި ދެމުންދާ ބޮމުގެ ހަމަލާތަކުގެ ސަބަބުން އެ އެއްބާރުލުން ގެއްލެމުންދާކަމަށް ފާހަަގަކުރެއްވިއެވެ.

ކޮހެންވަނީ ކަނޑު ދަތުރު ކުރުމަށް ބޭނުންކުރާ މަގުތައް ރައްކައުތެރިކުރުމަށް ފިޔަވަޅުތައްެ އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމައަށް ގޮވާލާފައެވެ. އޭނާ އެ މަސައްކަތްތައް ހަރުދަނާކުރުމަށް ގޮވާލާފައިވަނީ ޔަމަނުގެ ހޫތީ ހަނގުރާމަވެރިން އިސްރާއީލަށް ބަނދަރުކުރުމަށް މިސްރާބު ހިފާފައިވާ އުޅަނދުތަކަށް ހަމަލާ ދޭނެކަމުގެ އިންޒާރުތައް ދީފައިވަނިކޮށްކަންވެސް ފާހަގަކުރެވެއެވެ.

7 އޮކްޓޫބަރު އިން ފެށިގެން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ އުދުވާންތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 18,600 އަށް އުފުލިފައެވެ. އޭގެ ތެރޭގައި 6,000 އަށްވުރެ ގިނަ ޢަދަދަކަށް ކުޑަކުދިން ހިމެނެއެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 50,000 އަށް އުފުލިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ