ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ފަތުރުވެރިކަމުގެ ދާއިރާއިން ޤާއިމުކުރެވި އެއްބަސްވުމުގެ ދަށުން، އަންނަ މަހުގެ 14ވަނަ ދުވަހުން ފެށިގެން ޗާރޓަރ ދަތުރުތަކެއް ރާއްޖެއަށް ފެށުމަށް އެ ޤައުމުން ނިންމައިފިއެވެ.
ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު ވާންގްލީ ޒިންގް ރާއްޖޭގެ ބައެއް މީޑިއާތަކުގެ ނޫސްވެރިންނާ ބައްދަލުކުރައްވައި، ސަފީރު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ނަންބަރު މާކެޓްގެ ގޮތުގައި ޗައިނާގެ މަރކެޓް ހެދުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު ފައްޓަވާފައިވާ މަސައްކަތްޕުޅަށް އެ ޤައުމުން ފުރިހަމައަށް މަސައްކަތް ކުރައްވާނެކަމަށެވެ.
އެގޮތުން، ފުރަތަމަ ޗަރޓަރ ފްލައިޓްގެ ދަތުރުތައް ޗައިނާ ފޫޖީ ސިޓީން، ރާއްޖެއަށް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 14 ވަނަ ދުވަހު ކަމަށާއި، ފުރަތަމަ ފަށާއިރު ޗަރޓަރ ދަތުރުތައް ބޭއްވި ނަމަވެސް، ޑިމާންޑަށް ބަލާ ކޮމަރޝަލް ދަތުރުތައްވެސް ފައްޓަވާނެކަމަށް ސަފީރު ވިދާޅުވިއެވެ.
ޗައިނާ ދަތުރުފުޅަށްފަހު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ޗައިނާއިން ރާއްޖެއަށް ފަތުރުވެރިން އިތުރުކުރުމަށް ކާމިޔާބު މަޝްވަރާތަކެއް ކުރެވުނުކަމަށާއި އަދި ޗައިނާއިން ރާއްޖެއަށް އިތުރު ފްލައިޓްތައް ގެނައުމަށްވެސް މަޝްވަރާކުރެވުނު ކަމަށާއި، ދެ ޤައުމުގެ ދެމެދުގައި ބާއްވާ ސީދާ ދަތުރުތައް އިތުރުކުރުމަށް މުހިއްމު މަޝްވަރާތަކެއް ކުރެއްވި ކަމަށާއި، މިއަހަރުގެ މާރޗް ހިސާބުގައި ޗައިނާގެ ޝިއަމެން އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުމުން ހަމަޖެހިފައިވާކަމަށެވެ. ހަމައެހެންމެ، ޗައިނާގައި ރާއްޖެ މާކެޓްކުރުމުގެ މަސައްކަތްތައްވެސް ފުޅާކުރައްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރިކޯޑުތަކުން ދައްކާ ގޮތުގައި، ކޯވިޑްގެ ކުރިން ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި ޤައުމެކެވެ. އެގޮތުން، 2019 ވަނަ އަހަރު ޗައިނާއިން ރާއްޖެއަށް 284،029 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އެހެންނަމަވެސް މިދިޔަ އަހަރު ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 187،118 ފަތުރުވެރިންނެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުގައި، ސަރުކާރުގެ ޢަމާޒަކީ ޗައިނާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު ދެގުނަ އިތުރުކުރުމެވެ.


