އިންޑިޔާގެ ފޮރިން ސެކްރެޓަރީ އާއި ރާއްޖޭގެ ފޮރިން މިނިސްޓަރ، ފައިލް ފޮޓޯ

އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރާއި ޚާރިޖީ ވަޒީރު ބައްދަލުކުރައްވައިފި

އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ. ސުބްރަމާނިއަމް ޖައިޝަންކަރުއާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ބައްދަލުކުރައްވައިފިއެވެ.

ޔުގަންޑާގެ ވެރިރަށް ކަމްޕާލާގައި ކުރިއަށްދާ ނަން-އެލައިންޑް މޫވްމަންޓް، ނާމްގެ 19 ވަނަ ސަމިޓުގެ ހަވާސާގެ ތެރެއިން ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރާއްޖޭގައި ޤާއިމުވެތިބި އިންޑިއާ ސިފައިން އަނބުރާ އެ ޤައުމަށް ގެންދިއުމާގުޅޭގޮތުން ރާއްޖެއާއި އިންޑިއާއާދެމެދު ކުރަމުންދާ މަތީ ފަންތީގެ މަޝްވަރާތަކާއި، އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތައް އަވަހަށް ނިންމުމާގުޅޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

 

އަދި ނަން-އެލައިންޑް މޫވްމަންޓް، ނާމްއާއި ސައުތު އޭޝިއަން އެސޯސިއޭޝަން ފޯރ ރީޖަނަލް ކޯރޕަރޭޝަން ސާކްގެ ތެރެއިން ދެ ޤައުމު ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައިވާކަމަށާއި، ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކޮށް ހަރުދަނާކުރުމަށް ރާއްޖެއިން ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ ދެއްވާފައެވެ.

އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ވެސް ވިދާޅުވެފައިވަނީ، ރާއްޖެއާއި އިންޑިޔާގެ ގުޅުމާ ބެހޭ މުހިއްމު ވާހަކަތަކެއް ދެކެވުނު ކަމަށާއި، ނާމްއާ ބެހޭ މަޝްވަރާތައް ކުރިއަށް ގެންދެވުނު ކަމަށެވެ.

އެ ސަމިޓުގެ ހަވާސާގެ ތެރެއިން ޚާރިޖީ ވަޒީރު ވަނީ އަޒަރުބައިޖާންގެ ޚާރިޖީ ވަޒީރު ޖޭހުން ބައިރަމޮވްއާއި، ނޭޕާލްގެ ޚާރިޖީ ވަޒީރު ނާރަޔަން ޕްރަކާޝް ސައުދުގެ އިތުރުން މެލޭޝިއާގެ ޚާރިޖީ ވަޒީރުގެ ނައިބު ދާތުކް މުހައްމަދު ބިން އަލަމިންއާވެސް ބައްދަލުކުރައްވާ އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

19 ވަނަ ނާމް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ޔުގަންޑާއަށް ވަޑައިގަތީ މިމަހުގެ 16 ވަނަ ދުވަހުއެވެ. މި ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްވެސް ވަނީ ޔުގަންޑާއަށް ވަޑައިގެންފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ