ނަން-އެލައިންޑް މޫވްމަންޓް، ނާމްގެ 19 ވަނަ ސަމިޓުގެ ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުޙައްމަދު ލަތީފު ބައިވެރިވެވަޑައިގެންފިއެވެ.
ނައިބު ރައީސް މި ސަމިޓުގައި ބައިވެރިވެވަޑައިގެންނެވީ ޔުގާންޑާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ސަމިޓު ކުރިއަށްދަނީ ޔުގަންޑާގެ ވެރިރަށް ކަމްޕާލާގައެވެ. މި ސަމިޓުގައި އެމަނިކުފާނު ތަގުރީރު ކުރައްވާނެ ކަމަށް ރައީސުިލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.
މި ސަމިޓުގެ އިތުރުން "ގްރޫޕް އޮފް 77 އެންޑް ޗައިނާ" (ޖީ77) ގެ ދަށުން ބާއްވާ ތިންވަނަ ސައުތު ސަމިޓްގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގަންނަވާނެއެވެ. އެ ސަމިޓުގައި ވެސް އެމަނިކުފާނު ތަގުރީރު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.
ނާމްގެ މެންބަރު ޤައުމަކަށް 1976 ވަނަ އަހަރު ދިވެހިރާއްޖެ ވީފަހުން ރާއްޖެއަކީ ނާމްގައި ވަރަށް ހަރަކާތްތެރި ޤައުމެކެވެ. ނާމްގައި ޖުމްލަ 120 މެންބަރު ޤައުމު ހިމެއެވެ.
ހަމައެހެންމެ، ދިވެހިރާއްޖެއިން ޖީ77 އެންޑް ޗައިނާގައި ބައިވެރިވީ ވެސް 1976 ވަނަ އަހަރުގައެވެ.


