މިދިޔަ އަންގާރަ ދުވަހުގެ ހަވީރު އަލް ގައްސާމް ބްރިގޭޑްސް އިން ވަނީ، ހޯމަ ދުވަހު ޣައްޒާގެ ދެކުނުގައި ހިނގި ހަނގުރާމައިގެ ތެރޭގައި، އެ މީހުން ދިން ޙަމަލާގައި މަރުވި ޒަޔަނިސްޓް އޮފިސަރުންނާއި ސިފައިންގެ 21 މީހުންގެ ވާހަކަ ޝާއިޢުކޮށްފައެވެ.
އަލްޤައްސާމުން ނެރުނު ބަޔާނުގައި ބުނެފައިވާގޮތުން އިއްޔެ ހަވީރު، ގަޑިން ބަރާބަރު 4:00 ޖެހި އިރު، މަޣާޒީ ކޭމްޕްގެ އިރުމަތީގައި، މުޖާހިދުން އޮޕަރޭޝަނެއް ހިންގި އެވެ.
މި އޮޕަރޭޝަނުގައި ޙަމަލާ ދީފައިވަނީ، އިސްތިޢުމާރީ ލަޝްކަރުގެ އިންޖިނިއަރިން ފޯސްއެއް، ޖާގަ ޖަހައިގެން ތިބި ގެއަކަށް އަމާޒުކޮށް، އެންޓި ޕާސަނަލް މިސައިލަކުންނެވެ. ނަތީޖާއެއްގެ ގޮތުން، އެ ގޭގައި ތިބި އިސްތިއުމާރީ ސިފައިން، އެ މީހުންގެ އަތުގައި ހުރި ގޮވާ ތަކެއްޗާއި އިންޖިނިއަރިން އިކުއިޕްމަންޓްތަކާއެކު ގޮވީއެވެ.
އަދި ހަމަ އެއާއެކު މުޖާހިދުން ވަނީ، އެ ގޭގެ ކައިރީގައި ފޯރި މަރަމުން ދިޔަ މެރެކުވާ ޓޭންކަކަށް، [އަލް ޔާސީން 105] ގެ އެންޓި ޓޭންކް މިސައިލަކުން ޙަމަލާދީ، އެ ޓޭންކު ގޮއްވާލާފައެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުން މުޖާހިދުން ވަނީ، ހަމަ އެ ސަރަޙައްދުގައި ތިބި އެހެން އިސްތިޢުމާރީ ސިފައިންތަކަކާއެކު، އިސްތިޢުމާރީ ސިފައިން އަޅަމުންދިޔަ މައިން ފީލްޑެއް ގޮއްވާލައި، އޭގެތެރެއިން އެއްބަޔަކު މަރާލައި އަނެއް ބަޔަކު ޒަޚަމްކުރުމަށްފަހު، ސަލާމަތުން އެމީހުންގެ މަރުކަޒުތަކަށް އެނބުރި އައިސްފައެވެ.
އިސްރާއީލުގެ އިސްތިއުމާރީ ސިފައިންގެ ތަރުޖަމާނު މީޑިއާއަށް ދިން ބަޔާނެއްގައި ބުނެފައިވަނީ، ހޯމަ ދުވަހު ހިނގި ވަރަށް ސީރިއަސް ހާދިސާއެއްގައި ރިޒާވް ފޯސްގެ ސިފައިންގެ 21 މީހުން މަރުވެފައިވާ ކަމަށެވެ. ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނުސްގައި އިސްރާއީލު ސިފައިން ކުރަމުންދާ ހަނގުރާމަތަކަކީ ވަރަށް އުނދަގޫ ހަނގުރާމަތަކެއްކަމަށްވެސް އޭނާ ވަނީ އިޢްތިރާފު ވެފައެވެ.
21 ޔަހޫދީ އިސްތިޢުމާރީ އޮފިސަރުންނާއި ސިފައިން މަރާލި ޙާދިސާގެ ތަފްސީލާ ގުޅޭ ގޮތުން ޔެޑިއޮތު އަހްރޮނޮތު ނޫހުގެ ވެބްސައިޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޣައްޒާގެ ދެކުނުގެ ފެންސް ސަރަޙައްދުގައި ސަލާމަތީ މަސައްކަތްތައް ކުރާ 261 ވަނަ ބްރިގޭޑްގެ ރިޒާވް ސިފައިންގެ ގްރޫޕަކުން ދިޔައީ އެ އެކަހެރި ސަރަޙައްދުގައި ހުރި ޢިމާރާތްތައް ގޮއްވާލުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތް ކުރުމަށް، މި ގްރޫޕުން ވަނީ، އެ ސަރަޙައްދުގެ 600 މީޓަރު އެތެރެއަށް ވަދެފައެވެ. އެއީ އެ ސަރަޙައްދުގައި ހުރި އެތައް ބުރިއަކަށް ހަދާފައި ހުރި 10 ޢިމާރާތް ގޮއްވާލުމުގެ މަސައްކަތް ކުރުމަށެވެ.
އެ ބާރުތަކުން އެ އިމާރާތްތައް ނައްތާލުމަށް ތައްޔާރުވުމުގެ ގޮތުން އެ ޢިމާރާތްތައް ވަށާލަން ފެށި އެވެ. އެވަގުތު ޓަނަލްތަކުގެ ތެރެއިން ނިކުމެގެން އައި ކާކުކަން ނޭނގޭ މީހަކު ވަނީ އެންޓި ޓޭންކް މިސައިލަކުން ޓޭންކަށް ޙަމަލާ ދީ، އޮޕަރޭޝަން ސެކިއުރިޓީ ފޫ ދުއްވާލާފައެވެ.
އަދި ހަމަ އެއާއެކު، މުޖާހިދުން ވަނީ، އާރުޕީޖީގެ ދެ މިސައިލްގެ ތެރެއިން އެއް މިސައިލުން ޓޭންކަށް ޙަމަލާދީ އޭގައި ތިބި ދެ ސިފައިން މަރާލާފައެވެ. އަދި ދެވަނަ އާރުޕީޖީ ޝެލް އިން ޙަމަލާދީފައިވަނީ، ޢިމާރާތްތައް ގޮއްވާލަން ތައްޔާރުކޮށްފައި ހުރި މައިންތަކާއި ގޮވާތަކެތި ހުރި ޢިމާރާތްތަކުގެ ތެރެއިން އެއް ޢިމާރާތަށެވެ.
ޢިމާރާތުގެ ސްޓްރަކްޗަރަށް މި ޙަމަލާ އަމާޒުވެ، ބާރުގަދަ ގޮވުމަކާއެކު ގިނަ މައިންތަކެއް ގޮވާފައިވާއިރު، މިއީ އިޒްރޭލްގެ އިސްތިޢުމާރީ ސިފައިން ނާއި އެ ޣައިރުޤާނޫނީ ދައުލަތުގެ ކަރަށް މުޖާހިދުން ހަރާލި، ވިހަގަދަ ކަށްޓެކެވެ. އަދި އަޤްޞާގެ ޠޫފާން ފެށުނީއްސުރެ، މުޖާހިދުން ދަނީ، ޒަޔަނިސްޓް އިސްތިޢްމާރީ ސިފައިންގެ ގަޔަށް އެކި ވަރުގެ ކަށިތައް ހަރަމުންނެވެ.
މަޞްދަރު: Nabatieh.org
23.01.2024
ތައްޔާރުކުރީ: ޙަސަން ލަޠީފް މޫސާ
•••✧•✧•✧•✧•✧•✧•✧•✧•••
އެޑިޓަރުގެ ބަސް:

އައްޝައިޚް ޙަސަން ލަޠީފް މޫސާ އަކީ "ފިޔަ އޮންލައިން" އަށް ސިލްސިލާ ގޮތެއްގައި ލިޔުއްވަމުން ގެންދަވާ ކުޅަދާނު ލިޔުންތެރިއެކެވެ. އެމަނިކުފާނަށް ވަނީ ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވީ، އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން؛ އިސްލާމްދީން އުނގަންނައިދިނުމުގެ ރޮނގުންނެެވެ.
އައްޝައިޚް ޙަސަން ލަޠީފަކީ 1989 ވަނަ އަހަރުން ފެށިގެން ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ހަރުދާނާ ޝަޚްޞިއްޔަތެވެ. އަލްމަދީނަތުލް މުނައްވަރާގެ އިސްލާމިކް ޔުނިވަރސިޓީން ދީނީ ތަޢުލީމް ލިބިވަޑައިގެން ހުންނެވި، ޚިދުމަތްތެރިއެކެެވެ. އައްޝައިޚް ޙަސަން ލަޠީފް މޫސާއަކީ ޤައުމީ ޔުނިވަރސިޓީގެ އެސޯސިއޭޓް ލެކްޗަރަރގެ ގޮތުގައި މަސައްކަތްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އައްޝައިޚް ޙަސަން ލަޠީފް މޫސާ އަކީ ދީނީ ފޮތްތައް ލިޔުއްވަމުން ގެންދަވާ ބޭފުޅެކެވެ.


