ޒަކާތު ފަންޑުން ޣައްޒާއަށް 1.5 މިލިޔަން ރުފިޔާގެ އެހީއެއް

ޒަކާތު ފަންޑުން ޣައްޒާއަށް 1.5 މިލިޔަން ރުފިޔާގެ އެހީއެއް ދިނުމަށް ނިންމާފައިވާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ވިދާޅުވީ ޒަކާތު ފަންޑުން ޣައްޒާގެ މުސްލިމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭނީ ޤަޠަރުގެ ރެޑްކްރެސެންޓް މެދުވެރިކޮށް ކަމަށެވެ. އަދި މިއީ ބޭރުގެ ފަރާތްތަކަކަށް ޒަކާތު ފަންޑުން ފޮނުވާ ފުރަތަމަ އެހީކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ޑރ. ޝަހީމް ވިދާޅުވީ ޣައްޒާއަށް ފައިސާ ފޮނުވާނީ 2 ޕޭމަންޓަކަށް ބަހާލައިގެން ކަމަށެވެ. އަދި މި އެހީއަކީ ޣައްޒާގެ ރައްޔިތުން ކާބޯތަކެއްޗަށް ހޭދަކުރުމަށް ފޮނުވޭ އެހީއެއްކަމަށް ވަޒީރު ވިދާޅުވިއެވެ. މި އެހީ ހަމަޖައްސަވަނީ ރައީސުލްޖުމުހޫރިއްޔާގެ އިރުޝާދުގެ ދަށުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ ޤައުމީ ފެންވަރުގެ އެހީ 2 ފަހަރެއްގެ މަތިން ޤަޠަރުގެ ރެޑްކްރެސެންޓް މެދުވެރިކޮށް ފޮނުވާފައިވާ ކަމަށެވެ.

ޒަކާތު ފަންޑަކީ ޒަކާތުގެ ގޮތުގައި ލިބޭ ފައިސާއިން ޔަތީމުންނާއި މިސްކީނުންނާއި ފަޤީރުންނަށް ބެހުމަށްފަހު ބާކީވާ ފައިސާ ޖަމާކުރާ ފަންޑެވެ. އަދި އެފަންޑުގައި ހުންނަ ފައިސާ ޚަރަދު ކުރަނީ ވަކި އުޞޫލެއްގެ ދަށުން ޒަކާތު ކޮމިޓީގެ ލަފަޔާ މަޝްވަރާގެ މަތިންނެވެ.

"މި ފައިސާއަކީ ޣައްޒާގެ ރައްޔިތުންގެ ކާބޯތަކެއްޗަށް ހޭދަކުރުމަށްޓަކައި ފޮނުވޭ އެހީއެއް. މިއީ އިއްޒަތްތެރި ރައީސުލްޖުމުހޫރިއްޔާގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދެވޭކަމެއް. މިއީ ދިވެހިރާއްޖޭގެ ޒަކާތު ފަންޑުން ބޭރުގެ ފަރާތަކަށް އެހީވާ ފުރަތަމަ ފަހަރު." ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީން ހިންގަމުންދާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 33,137އަށް އަރާފައެވެ. ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރެއިން 25000 އަކީ އަންހެނުންނާއި މައުސޫމު ކުޑަކުދިން ކަމަށް އެމެރިކާގެ ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިން ދާދި ފަހުން ވިދާޅުވެފައިވެއެވެ. އަދި, މި ޢުދުވާނުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 75,815އަށް އަރާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. މަރުޙަބާ އަޅުގަނޑު އެދެނީ ސަޢުދީން ދެއްވި ކަދުރުވެސް ފަލަސްޠީނުގެ ޙާލުގައި ޖެހިފައިވާ މުސްލިމުންނަށް ހަދިޔާކުރަން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ