ދިރާގުން ކުރިއަށްގެންދިޔަ "ވިން އަ ސްޕީޑް ބޯޓު ޕްރޮމޯޝަން" ގެ ދެވަނަ ނަސީބުވެރިޔާ ޚާއްޞަ ހަފްލާއެއްގައި ރޭ ހޮވައިފިއެވެ. މި ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔާ ހޮވާފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ.
ދިރާގުން ބުނިގޮތުގައި، ނަސީބުވެރިޔާ ހޮވުމުގެ ކަންކަން ކުރިއަށްދިޔައީ މިނިވަން އޮޑިޓް ފާމެއް ކަމަށްވާ ނެކްސިއާ މޯލްޑިވްސްގެ ބެލުމުގެ ދަށުން ވަރަށް އިންސާފުވެރިކަމާއެކުގައެވެ.
މި ހަފްލާގައި ވާހަކަދައްކަވަމުން ދިރާގުގެ ޑިރެކްޓަރ ބްރޭންޑް އެންޑް މާކެޓިންގ ކޮމިއުނިކޭޝަންސް މުޙައްމަދު މިރްޝާން ޙަސަން ވިދާޅުވީ، ދިރާގުގެ މަޤްޞަދަކީ ހަމައެކަނި ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދިރިއުޅުން ފަސޭހަކޮށްދިނުން ނޫން ކަމަށާއި، ކަސްޓަމަރުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނެސްދޭނެ ފަދަ ބޮޑެތި ޕްރޮމޯޝަންތައް ގެނެސްދިނުމަކީ ވެސް އެ ކުންފުނީގެ އަމާޒެއް ކަމަށެވެ. އަދި ދިރާގަށް ކަސްޓަމަރުން ކުރާ އިތުބާރަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ.
މި ޕްރޮމޯޝަންގެ ދަށުން ނަސީބުވެރިޔާއަށް ދީފައިވަނީ ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނަކާއެކު، އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑް ބޯޓެކެވެ. ދިރާގުން ހާމަކުރި ގޮތުގައި މިއިން ކޮންމެ ބޯޓަކީ 1.1 މިލިއަން ރުފިޔާގެ އަގުހުރި ބޯޓެކެވެ.
މީގެ ކުރިން ދިރާގުން ކުރިއަށްގެންދިޔަ "ވިން އަ ޓެސްލާ" ޕްރޮމޯޝަނެކޭ އެއްފަދައިން، މިފަހަރުގެ "ވިން އަ ސްޕީޑް ބޯޓު" ޕްރޮމޯޝަނަށް ވެސް ކަސްޓަމަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާކަން އެ ކުންފުނިން ފާހަގަކުރެއެވެ.


