26 އޮކްޓޫބަރު 2025

މިސްކިތްތަކަށް އަނދިރީގައި ހިނގާފައި ދާ މީހުން

ތިމާގެ ޙަޔާތަކީ ހާދަހާވާ ކުރު ޙަޔާތެކޭ ބުނާ އަޑު އިވެއެވެ. އިންސާނަކު މި ދުނިޔެ ދޫކޮށްދާ ހިނދު ދިރިތިބީން އެހެން ބުނެ އުޅެތެވެ. އެހިނދު އިޞްލާޙުގެ ފޭރާން ލުމަށް ތަކުރާރުކޮށް ބުނަމުންދާނެއެވެ. ތިމާގެ ހިތުގައިވެސް ހަމަ އެފަދަ ޝުޢޫރުތައް ހިނގަންފަށާނެއެވެ.

ނަމަވެސް، ގިނަ ފަހަރަށް ކަން ވަނީ ހީކުރި ފަދައަކުން ނޫނެވެ. ދުވަސް ކޮޅެއް ވާއިރަށް އެ ހަނދާންތައް ބީވެދެއެވެ.

އިންސާނާގެ ޙަޔާތުގައި، މިވެނި އެވެނި ކަންކަން ކުރިމަތިވާ ކަމަށް ބުނެ ކަންބޮޑުވެއެވެ. ހިތުގައި ހިނގާ އެފަދަ އޮއިވަރުތައް ބަންޑުން ކޮށްލާ ޙާލަތްތައްވެސް އާދެއެވެ. ނަމަވެސް ތިމާއަށް ފައިދާއެއް މިންވަރުކުރައްވާނީ ހަމަ އެކަނި އެންމެ ގޮތަކުންނެވެ. އެއީ، ކަންބޮޑުވާ ކަންކަން ކުރިމަތިކުރައްވަނީ ﷲ ތަޢާލާ ކަން ދަނެ، އެކަލާނގެ ޙަޟްރަތަށް ކުއްތަންވުމެވެ. ކުރެވިފައިވާ ކުށް ފާފަތަކުން ތައުބާވ،ެ އެކަލާނގެ ހަޟްރަތަށް ރުޖޫޢަވުމެވެ. ހަމަ ޔަޤީނުންވެސް އެކަމުން ޙަޔާތަށް ދިރުން އަންނާނެއެވެ.

އެހެންވެ، ދުވަސް ފަށަންވީ ފަތިސް ނަމާދުންނެވެ. ގޮތްބަލަންވެސް ނިކަން ފަތިސް ނަމާދުން ފަށަމާ ހިނގާށެވެ. ދުވަހުގެ ކަންކަން ތަރުތީބު ކުރަންވީ ފަތިސް ނަމާދަކީ އެންމެ އިސްކަންދޭ ކަންތައް ކަމުގައި ހަދައިގެންނެވެ. ދުވަހުގެ މަސައްކަތްތައް ފެށުމުގެ ކުރިން، ކުރާންވީ ފަތިސް ނަމާދެވެ. ހަމަ ޔަޤީނުންވެސް، އެފަދައިން ތިމާގެ މިސްރާބު ނަގަހައްޓައިފިނަމަ، ތިމާއަށް ހުރެވެނީ، ﷲ ތަޢާލާގެ ރަޙްމަތުގައިކަމާއި، އެކަލާނގެ ރައްކައުތެރިކަމުގައި ކަން އިޙްސާސްކުރެވެން ފަށާނެއެވެ.

ތިމާގެ މަންޒިލަކީ ކޮބައިކަން ތަސައްވުރު ކުރެވޭ ހެއްޔެވެ؟ އެހެންކަމަށްވާނަމަ، ފަތިސް ނަމާދުން ދުވަސް ފަށައި ދުވަސް އާރޯ ނުކުރަންވީ ކީއްވެ ހެއްޔެވެ؟

އީމާންކަމުގެ އަހުލުވެރިންނީ ހެޔޮ ބަސް އަހައި ހެޔޮ ބަސް ޤަބޫލުކުރާ މީހުންނެވެ. ތިބާގެ ޙަޔާތަށް ދިރުން ބޭނުންވޭ ހެއްޔެވެ؟ މިކަމާ ފެޔަށް ޖެހެވޭކަށް ނެތެވެ. އެހެނީ، ދުވަސް ފަށަން އަންގަވާފައިވަނީ ފަތިސް ނަމާދުންނެވެ. ހަމައެހެންމެ، ފަތިސްނަމާދުގެ އިހު ސުންނަތަކީ މީހަކަށް ކުރެވޭނެ ޢަމަލުތަކުގެ ތެރެއިން އެންމެ ފައިދާ ބޮޑު އެއް ޢަމަލެވެ. ހިތުގައި ބިންވަޅު ނަގަންވީ، ފަތިސްނަމާދުގެ އިހު ސުންނަތުގެ މަތިވެރިކަން ދުނިޔެއާއި ދުނިޔޭގައި ވާހައި އެއްޗަކަށްވުރެ ﷲ ތަޢާލާގެ ޙަޟްރަތުގައި ބޮޑު ކަމެވެ.

ކަތުންނޭ! މިއީ ވަގުތީ ގޮވައްޗެކެވެ. ޙަޔާތުން ވޭތުވެގެންދާ އެންމެ ފަޅި ސިކުންތެއްވެސް އަނބުރާ ނުލިބޭނެއެވެ. ތިމާގެ ޢަމަލުތައް ސީދާ ކުރުމުން މެނުވީއެވެ.

ތިމާގެ ހިތުގައި ﷲ އަށް އިޚްލާޞްތެރިކަން އެބަ އޮތް ހެއްޔެވެ؟ ސީދާ ކުރަންވީ ޢަމަލެވެ. އެހެނީ، އިޚްލާޞްތެރިކަމާއި ކިޔަމަންތެރިކަން ދައްކަން ޖެހޭނީ ތިމާގެ ޢަމަލުންނެވެ. ހެޔޮ ޢަމަލުންނެވެ.

އިންކާރު ކުރާނެ ޖާގައެއް ނެތެވެ. ކޮންމެ ދުވަހަކުވެސް ތިމާކުރާ ފުރަތަމަ ޢަމަލަކީ ފަތިސް ނަމާދުކަމަށް ހަދާންޖެހެއެވެ. ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމަކީ އެންމެ މާތްވެގެންވާ ސިފައެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރައްކާތެރިކަމުގައި ތިބޭމީހުން ކަމުގައި އަހަރެމެން ނުވާންވީ ކީއްވެ ހެއްޔެވެ؟ ކަންނެތްކަމުން ހަށިގަނޑު ސަލާމަތް ވެގެންވާ މީހުން ކަމުގައި އަހަރެމެން ނުވާންވީ ކީއްވެ ހެއްޔެވެ؟ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.

"مَنْ صلَّى الصُّبْحَ فَهُوَ في ذِمَّةِ الله" (أخرجه مسلم)

"ފަތިސް ނަމާދު (ޖަމާޢަތުގައި) ކޮށްފިމީހާ ދަންނައެވެ. ފަހެ އޭނާ ވާހުށީ ﷲގެ ބެއްލެވުމުގެ ދަށުގައެވެ."

މިއަދުގެ ހަރުމީހުން މާދަމާ މުސްކުޅިވެދެއެވެ. ގައިބާރު ދެރަ ވެދެއެވެ. މިއަދުގެ ކުޑަކުދީން މާދަމާ ޒުވާނުންނަށް ވެދެއެވެ. އެއަށްފަހު، ހަރު މީހުންނަށް ވެދެއެވެ. މާތްﷲ ދެއްވާ އެންމެ ބޮޑު އެއް ނިޢުމަތަކީ ތިމާއަށް ދެއްވާ ދަރިންނެވެ. ބަސް އަހާ ކިޔަމަންތެރި ދަރިން އުފެދުމަށް އަހަރުމެން ބޭނުން ނުވޭ ހެއްޔެވެ؟

މާތް ﷲ ގެ މަގަށް ރުޖޫޢުވުމުން ތިމާގެ އަތުން އެއްވެސް ކަމެއް އުންޏެއް ނުވެއެވެ. ލިބެނީ ބަރަކާތާއި ފުއްސެވުމާއި ދިންނެވުމެވެ. އެކަލާނގެއީ ކިޔަމަންތެރިނުވާ އަޅުންގެ ބޭނުންތައްވެސް ފުއްދަވައި ދެއްވަވާ އޯގާތެރިވަންތަ، ދީލަތިވަންތަ އިލާހް ކަން ދަންނާށެވެ. މިބީދައިން، ﷲ އަށް އިޚްލާޞްތެރި ކިޔަމަންތެރި އަޅުންގެ ބޭނުންތައް ފުއްދަވައި ދެއްވަވަން ﷲ އިސްކަން ދެއްވަވާނެ މިންވަރު ތިމާގެ ހިތަށް ނިކަން ގެންނާށެވެ.

ފަތިސް ނަމާދު ކުރާ މީހުންނަށް ހުރީ ހެޔޮ ޚަބަރެވެ. އެމީހުންނަށް ލިބުން އޮތީ ޤިޔާމަތް ދުވަހުގެ އުފާވެރި ޚަބަރެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.

“بَشِّرِ المشَّائينَ في الظُّلَمِ إلى المسَاجدِ بِالنُّورِ التَّامِ يَوْمَ القِيامَةِ” (أخرجه الترمذي وأبو داوود)

މާނައީ: "މިސްކިތްތަކަށް އަނދިރީގައި ހިނގާފައިދާ މީހުންނަށް، ޤިޔާމަތްދުވަހުގައި ފުރިހަމަ ނޫރެއް ވާކަމުގެ އުފާވެރި ޚަބަރު ދޭށެވެ."

ސުވަރުގޭގައި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ވަޖުހުފުޅު ފެންނާނޭ މީހުންނަށް އެދުވަހުން އެލިބޭ ނަސީބަށްވުރެ ބޮޑު ނަސީބެއް އެއްވެސް އިންސާނަކަށް ދުވަހަކުވެސް ނުލިބޭނެއެވެ. އެދުވަހުން އެ ނަސީބު ލިބިއްޖެ މީހަކަށް އިމެއްނެތް އުފާވެރިކަން ހުއްޓެވެ.

އެހެންވެ، ދުވަސް ފަށަންވީ ބަރާކާތުންނެވެ. އެ ބަރަކާތް ޙާޞިލުކުރެވެގެން އޮން އެންމެ ރާސްތާ މަގަކީ، ހިމޭންކަމުގެ ވަގުތުގައި ބަރަކާތްތެރިވެގެންވާ ފަތިސް ނަމާދުން ދުވަސް ފެށުމެވެ. ވުމާއެކު، މިސްކިތްތަކަށް އަނދިރީގައި ހިނގާފައި ދާ މީހުން ކަމުގައި ވަމާތޯއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު