24 އޮކްޓޫބަރު 2025

ތުޅާދޫ މިސްކިތުގައި ގަބުރުކަށި ހުރިތޯ ބެލި ވަފުދުގައި ބައިވެރިވިން؛ ކައުންސިލްގެ ބަޔާނާ މެދު ހިތާމަކުރަން: ޝައިޚް ރަޝީދު

އިސްލާމިކް މިނިސްޓްރީގެ ފަރާތުން ބ. ތުޅާދޫ މަސްޖިދުއްރަޙްމާނުގައި ގަބުރުކަށި ހުރިތޯ ބެލުމަށް ފޮނުއްވި ވަފުދުގައި، މިނިސްޓްރީގެ ރަސްމީ ދީނީ ޢިލްމުވެރިއެއްގެ ހައިސިއްޔަތުން އިސްލާމީ މަރުކަޒުގެ އިމާމު، އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަން ބައިވެރިވެވަޑައިގެންފައިވާ ކަމަށް ވިދާޅުވެ، މިކަމާ ގުޅޭގޮތުން ކައުންސިލުން ނެރުނު ބަޔާނާމެދު ހިތާމަކުރައްވާ ކަމަށް ޝައިޚް ވިދާޅުވެއްޖެއެވެ. މިފަދަ ދީނީ މައްސަލަތަކުގައި ރައްޔިތުންނަށް އޮޅުން ނާރާނެހެން ޢަމަލުކުރުމަށް ޝައިޚް ވަނީ އިލްތިމާސް ކުރައްވާފައެވެ.

މިނިސްޓްރީގެ ޚާއްސަ ވަފުދު ތުޅާދޫއަށް ކުރެއްވި ދަތުރުފުޅާ ބެހޭގޮތުން ވާހަކަ ދައްކަވަމުން، އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަން ވިދާޅުވީ، އެ މައްސަލައާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ދީނީގޮތުން ޚިޔާލު ތަފާތުވުމެއް އުފެދިފައިވާތީ، މި ދަތުރުގައި އެކަމާ ބެހޭގޮތުން ރައްޔިތުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވާފައިވާނެ ކަމަށެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ދީނީ ޢިލްމުވެރިއެއްގެ ހައިސިއްޔަތުން އެ ރަށު ރައްޔިތުންނަށް އަމާޒުކޮށް ދީނީ ދަރުސެއް ވެސް ދީފައިވާނެއެވެ. މިއީ މިނިސްޓްރީގެ ފަރާތުން ދީނީގޮތުން ކަން އޮތްގޮތް ބަޔާންކުރުމުގެ މަސައްކަތް ކުރިކަމުގެ ހެއްކެކެވެ.

ޝައިޚް އިބްރާހީމް ރަޝީދު ޙަސަން ވަނީ ތުޅާދޫ ކައުންސިލުން ނެރުނު ބަޔާނާ މެދު ހިތާމަފާޅުކުރައްވާފައެވެ.

"އިސްލާމިކް މިނިސްޓްރީގެ ފަރާތުން، ދީނީގޮތުން ކަން އޮތްގޮތް ބަޔާން ކޮށްދިނުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށް ދޭހަވާފަދަ ޢިބާރާތަކުން އެ ރަށު ކައުންސިލުން ބަޔާން ނެރުއްވިކަމީ ހިތާމަކުރާކަމެކެވެ،" ޝައިޚް ވިދާޅުވިއެވެ.

ޝެއިޚް ފާހަގަކުރެއްވި ގޮތުގައި މި ކަމަކީ ދީނީ ކަމެއް ކަމަށްވާއިރު، މިފަދަ ކަންކަމުގައި ނެރޭ ބަޔާންތައް ރައްޔިތުންނަށް އޮޅުން ނާރާނޭ ފަދަ ގޮތަކަށް ނެރުއްވުމަކީ ވަރަށް މުހިންމު ކަމެކެވެ. ރަށު ކައުންސިލަކުން މިނިސްޓްރީގެ މަސައްކަތާ ގުޅޭގޮތުން އޮޅުން އަރާނެ ފަދަ ބަޔާން ނެރުމަކީ ދީނީގޮތުން ވެސް އަދި އިޖުތިމާޢީ ގޮތުން ވެސް ހަމަނުޖެހުން އުފެއްދިދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ބ. ތުޅާދޫގެ މަސްޖިދުއްރަޙްމާނު ހުންނަ ސަރަޙައްދަކީ ކުރިން ގަބުރުސްތާނެއް ހުރި ތަނަކަށްވުމުން، އެތަނުގައި ހުރި ގަބުރުކަށިތައް މިސްކިތުގެ ތެރޭގައިވާ ކަމުގެ ޝައްކުތަކެއް ރައްޔިތުންގެ ތެރޭގައި އުފެދިފައިވާތީ، އެކަން އިތުރަށް ބެލުމަށް މިނިސްޓްރީން ވަނީ ވަފުދެއް ފޮނުވާފައެވެ.

މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް (އިސްލާމީ މަރުކަޒު) ގެ އިމާމު، އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަން މިހެން ވިދާޅުވެފައިވާއިރު، ވަގުތީ ގޮތުން ބަންދުކޮށްފައިހުރި ބ. ތުޅާދޫ މަސްޖިދުއްރަހްމާން ނުފެށި ލަސްވާ ސަބަބު ހޯދުމަށް ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާނު އަބޫބަކުރު ސުވާލު ކުރެއްވުމުން، އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް ދޮގު ހެއްދެވި ކަމަށް ތުޅާދޫ ކައުންސިލުން ވަނީ ބުނެފައެވެ.

އެ މިސްކިތް ވަގުތީ ގޮތުން ބަންދުކުރީ އެ މިސްކިތުގައި ގަބުރުކަށި ހުރި ކަމަށް ގަބޫލުކުރެވިގެން، 10 ތަނަކުން ކޮނެގެން ބެލިއިރު އޭގެ ތެރެއިން 8 ތަނަކުން ގަބުރު ކަށި ފެނުމުންނެވެ.

ހަންނާނުގެ ސުވާލަށް ޖަވާބު ދެއްވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ މިސްކިތް ނުހުޅުވި ލަސްވަނީ ކައުންސިލްގެ އިހުމާލުން ކަމަށް ވިދާޅުވެފައެވެ. މިނިސްޓްރީގެ މަސައްކަތްތަަކަށް ކައުންސިލުން އެއްބާރުލުން ނުދޭ ކަމަށް ވެސް ވިދާޅުވިއެވެ.

"ރަށުގައި އޮތް ކައުންސިލުން މިކަމަށް އެއްވެސް އެއްބާރުލުމެއް ނުދެއްވާ މިދިޔަ މުއްދަތުގެ ތެރޭގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް. އަޅުގަނޑު ވެސް އެކި ފަހަރު މަތިން ކައުންސިލްގެ އިސް ބައެއް ބޭފުޅުންނާ ވާހަކަ ދެއްކީމު. އަދި މިނިސްޓްރީން ވަފުދުތައް ވެސް އެ ރަށަށް ޒިޔާރަތްކުރި. އިލްމުވެރިން ވެސް ޒިޔާރަތްކުރި. އެހެން ނަމަވެސް ރަށުގެ ކައުންސިލުން ދަނީ އެކަމަށް ވަރަށް ބޮޑަށް ހުރަސްތައް ކުރިމަތި ކުރަމުން." މަޖިލީހުގައި އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ތުޅާދޫ ކައުންސިލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަޖިލީހުގައި ތުޅާދޫ ކައުންސިލަށް ރައްދުކޮށް ޝަހީމު ދޮގު ހެއްދެވުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި، މިސްކިތް ބަންދުކުރުމާ ގުޅޭގޮތުން އެލްޖީއޭގެ އެންގުމަށް ކައުންސިލުން ތައްޔާރުކުރި ރިޕޯޓެއް ބަޔާނާއެކު ވަނީ އާންމުކޮށްފައެވެ. މި ރިޕޯޓާ ގުޅިގެން ކައުންސިލާއި އެލްޖީއޭ އަދި އިސްލާމިކް މިނިސްޓްރީން މެއި މަހު ބައްދަލުވުމެއް ބޭއްވި ކަމަށް ކައުންސިލްގެ ބަޔާނުގައި ބުނެފައިވެއެވެ. އެ ބައްދަލުވުމަށް ތުޅާދޫ ކައުންސިލްގެ ރައީސް އާއި މެންބަރުން މާލެ އައި ނަމަވެސް ބައްދަލުވުމަށް އިސްލާމިކް މިނިސްޓްރީން ހާޒިރު ނުވާ ކަމަށް ކައުންސިލްގެ ބަޔާނުގައިވެއެވެ.

މިސްކިތް އަލުން ހުޅުވަން ކުރާ މަސައްކަތުގައި މިނިސްޓްރީން މާލީ އެހީތެރިކަން ދޭނެ ކަމަށް ބުނި ނަމަވެސް އެއްވެސް ފައިސާއެއް ނުދޭކަން ކައުންސިލުން ފާހަގަކޮށްފައިވެއެވެ. ގަބުރު ކަށި ހުރިތޯ ބަލަން ފޮނުވި ވަފުދުގެ ހަރަދު ވެސް ހަމަޖައްސަން ޖެހުނީ ކައުންސިލުން ކަމަށް ބަޔާނުގައިވެއެވެ.

"ރައްޔިތުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދުނު ފަހުން ދީނީގޮތުން ކަން އޮތް ގޮތް އޮޅުން ފިލުވައިދެއްވުމަށް، ދީނީ އިލްމުވެރިއެއް ނުވަތަ އެ ނޫން ވެސް އެއްވެސް ފުރާނަ އެޅުއްވި މަހުލޫގެއް އިސްލާމިކް މިނިސްޓްރީން މި ރަށަށް ފޮނުއްވިކަން ދެނެހުރި އެއްވެސް އިންސާނަކު މި ބިންމަތީގައި އިހަށް ވެސް އަދާ ހަމައަށް ވެސް ތުޅާދޫގައި ހުރިކަމެއް މި ކައުންސިލަށް އެނގިފައެއްނުވެ އެވެ." ކައުންސިލްގެ ބަޔާނުގައި ބުނެފައިވެއެވެ.

މި މައްސަލާގައި ރައްޔިތުންގެ މަސްލަހަތަށް ނުބަލައި މައުލޫމާތު ސާފުނުކޮށް މެންބަރު ހަންނާނު ސުވާލު ކުރެއްވީ ރަށުގެ މަސްލަހަތަށް ބެއްލެވުމެއް ނެތި ކަމަށް ވެސް ތުޅާދޫ ކައުންސިލުން ސިފަކޮށްފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު