ރ. އިނގުރައިދޫ ޞިއްޙީމަރުކަޒުގެ އައު އިމާރާތުގެ މަސައްކަތާއި، ހއ. ކެލާ ޞިއްޙީމަރުކަޒުގެ އައު ބިލްޑިންގެ ނުނިމިހުރި މަސައްކަތް ނިންމުމަށް ބިޑަށް ފިނޭންސް މިނިސްޓްރީން ހުޅުވާލައިފިއެވެ. މި މަސައްކަތްތައް ހެލްތު މިނިސްޓްރީން ބޭނުންވާ ތާވަލާއެއްގޮތަށް ކޮށްދޭނެ ޝަރުޠުހަމަވާ ފަރާތްތައް ހޯދުމަށް މި ބީލަމަށް ހުޅުވާލާފައިވާއިރު، މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ވެސް ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި ބީލަންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެންސީ.ބީ) އުޞޫލުން، ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދު (R-158/2023) އާއި އެއްގޮތަށެވެ. މީގެ އިތުރުން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" އާއި، ފިނޭންސް މިނިސްޓްރީގެ "ނޭޝަނަލް ޓެންޑަރުން ކުރިޔަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލު" އަދި އިކޮނޮމިކް މިނިސްޓްރީގެ "ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ" އަށް ރިއާޔަތްކުރާނެއެވެ.
މި ބީލަންތަކުގައި ބައިވެރިވާ ފަރާތްތަކުން ކޮންމެ ޕްރޮޖެކްޓަކަށް -/500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ. ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 26 އިން ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހާ ހަމައަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް ބަނޑޭރި ޕޭ ޕޯޓަލް މެދުވެރިކޮށެވެ. މަސައްކަތާ ބެހޭ އެންމެހާ ލިޔެކިޔުންތައް 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހުން ފެށިގެން މިނިސްޓްރީގެ ވެބްސައިޓް (www.finance.gov.mv) އިން ޑައުންލޯޑް ކުރެވޭނެއެވެ.
މި ޕްރޮޖެކްޓްތަކަށް ބިޑް ހުށަހެޅުމުގައި ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ. ބިޑާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ދިނުމަށް 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި އޮންލައިންކޮށް ޕްރީ-ބިޑް ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ސުވާލުތައް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ ވެސް ނޮވެމްބަރު 4، 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 އެވެ.
ބީލަން ހުށަހެޅުމުގެ އެންމެ ފަހު މުއްދަތަކީ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ. މި ހުށަހެޅުންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ބީލަން ޕޯޓަލް މެދުވެރިކޮށެވެ. އަދި ބިޑުތައް ހުޅުވުން އޮންނާނީ އޭގެ ފަހު ދުވަސްކަމަށްވާ ނޮވެމްބަރު 13، 2025 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައެވެ.



