26 އޮކްޓޫބަރު 2025

އެކަން އެދިމާވަނީ ކީއްވެ ހެއްޔެވެ؟

ދުނިޔެ ހިނގަނީ ތޮށަލި ދުޅައަށެވެ. އެއް ދުވަހު އުފާވެރިކަމެވެ. ހިނިތުންވުމެވެ. އަނެއް ދުވަހު ހިތާމަވެރިކަމެވެ. ކަރުނައެވެ. މިމަގުން ދުނިޔެ ހިނގަމުންދާއިރު، ކޮންމެ މީހަކުވެސް އެންމެ ބޮޑަށް އެދޭނީ، ކުރިމަތިވާ މުޞީބާތްތަކުން އަވަހަށް އަރައިގަނެ، ހަމަޖެހިގެން އުޅެވޭނެ ފަސޭހަ މަގެއް ހޯދުމަށެވެ. ހުރަސްތައް ކުުރިމަތިވުމުން، އެ ހުރަސްތަކުން އަރައިގަނެވޭނެ ގޮތާމެދު ވިސްނާ ފިކުރު ކުރެއެވެ. އަދި މިކަމުގެ ޖަވާބުގައި މުޞީބާތްތަކުން އެންމެ އަވަހަށް ސަލާމަތް ވެވޭނީ މުޞީބާތެއް ކުރިމަތިވުމުން އެކަމަށް ވެސް ޝުކުރުވެރިވެ ޘާބިތުވާ މީހުން ކަމަށް ބުނެފިނަމަ އެކަން ޤަބޫލުކުރަން ދަތިވެއެވެ. އެކަމާ ޝައްކު އުފެދެއެވެ. ނުބައި ވަސްވާސްތައް ވަދެއެވެ. އެކަން އެދިމާވަނީ ކީއްވެ ހެއްޔެވެ؟

ޝުކުރުވެރިވާ މީހުން ދެކެ މާތް ﷲ ލޯބިވެވޮޑިގަންނަވައެވެ. ޝުކުރުވެރިވުމުން ނިޢްމަތްތައް އިތުރުކުރައްވަވައެވެ. އެހެންކަމުން، މުޞީބާތެއް ކުރިމަތި ކުރެއްވެވުމުން ވެސް ﷲ ތަޢާލާއަށް ޝުކުރުވެރިވުމުން ހިތްފުރައިލާންޖެހެއެވެ. މުޞީބާތުން ސަލާމަތްވުމަށް އޮތް އެންމެ ފަސޭހަ މަގަކީ އެއީއެވެ. އެހެންނަމަވެސް، އެ ކަންވެސް ގިނަފަހަރު ހަނދާނެއް ނުހުރެއެވެ. އެކަން އެދިމާވަނީ ކީއްވެ ހެއްޔެވެ؟

މުޞީބާތެއް، ދަތި ޙާލަތެއް ކުރިމަތިވުމުން، އެއްބަޔަކު އެ މުޞީބާތާ މެދު ވިސްނައެވެ. އަނެއް ބަޔަކު ދެއްވަވާފައިވާ ނިޢްމަތްތަކާއިމެދު ވިސްނައެވެ. މިއީ މުޅިން ދެކަމެކެވެ. ހުދާއި ކަޅުގެ ތަފާތު އެބަހުއްޓެވެ. މި ދެ ވިސްނުމަށް ބަލާއިރު، ޝިފާ ލިބޭ ގޮތް ވަރަށް ތަފާތެވެ. އެހެނީ ދަތި ޙާލާއި މުޞީބާތާމެދު ކަންބޮޑުވެ ވިސްނާ މީހާއަށް ހިތްހަމަޖެހުން ލިބުމަކީ ވަރަށް ދުރުކަމެކެވެ. އޭނާ އުޅޭނީ ހާސްކަމާއި ކަންބޮޑުވުމުގެ ތެރޭގައެވެ. އަދި އެންމެފަހުން އޭނާ ނަފްސާނީ ބަލިމަޑުކަމެއްގެ ތެރެއަށް ހުށަހެޅެއެވެ. އަޅުކަމާ ދުރުހެލިވެ ބަނަކަމާއި ފުސްކަމުގެ ތެރެއަށް ވިސްނުމުގެ ލަގަން ދޫކޮށްލައެވެ. އެކަން އެދިމާވަނީ ކީއްވެ ހެއްޔެވެ؟

ދެއްވަވާފައިވާ ނިޢުމަތްތަކާމެދު ވިސްނާ މީހާ، އޭނާއަށް ކުރިމަތިވެފައިވާ މުޞީބާތާމެދު ވިސްނާނީ އުންމީދީ ރޫޙެއްގައެވެ. ކުރިއަށްދާނެ ޢަޒުމެއްގައެވެ. މާޔޫސްވުމެއް ނެތިއެވެ. އޭނާ ފުރަތަމަވެސް ޔަޤީން ކުރާނީ އެކަމަކީ މާތް ﷲ ކުރިމަތި ކުރެއްވެވި އިމްތިޙާނެއް ކަމަށެވެ. އޭނާ މަސައްކަތްކުރާނީ ކޮންމެ ގޮތަކުންވެސް އިމްތިޙާނުން ފާސްވާށެވެ. އެހެންކަމުން، އޭނާގެ ޢަމަލުތައް ސީދާކުރެއެވެ. އަޅުކަންތައް ގިނަ ކުރުއެވެ. ދުޢާކުރުން ގިނަކުރެއެވެ. ދީލަތިވުން އިތުރުކުރެއެވެ.

ރަނގަޅު މަގު އިޚްތިޔާރުކޮށް، ޝުކުރުވެރިވުމުން ތިމާގެ ޙަޔާތް ބާއްޖަވެރިވާނެ ކަން ނުދަންނަ ފަހަރު އާދެއެވެ. ކިތަންމެ ކުޑަ ނަމަވެސް ދަތިކަމެއް މެދުވެރިކުރައްވަވައިފިނަމަ ސިކުނޑި ފުރާލަނީ ހާސްކަމާއި ނާއުންމީދުންނެވެ. ވަށައިލަނީ އަނދިރިކަމެވެ.

އެކަން އެދިމާވަނީ ކީއްވެ ހެއްޔެވެ؟ ޖަވާބު ވަރަށް ކުރެއެވެ. އެކަން އެދިމާވާ ސަބާބު މި އޮތީއެވެ. އެހެނީ، މުސީބާތެއް މެދުވެރިވާ ހިސާބުން އެމީހާ ބަދަލުވެގެންދަނީ ޝައިޠާނާގެ އަޅަކަށެވެ. އޭނާ ހެއްލެނީ ޝައިޠާނާގެ ބަހަށެވެ. ބެދެނީ އެ ނުބައި ޝައިޠާނާގެ ކަސްތޮޅުގައެވެ. އެ ޝައިޠާނާ އިންސާނާއަށް ހެވެއް ނޭދޭނެއެވެ. އެ ޝައިޠާނާ އެދޭނީ އިންސާނާގެ ހަލާކަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު