އެމެރިކާގައި މިހާރު ކުރިޔަށްދާ ކްލަބް ވޯލްޑްކަޕްގައި ޔޫރަޕްގެ ގަދަ ކްލަބްތަކުން ވަނީ އިއްޔެ ކުޅުނު މެޗުތަކުން ފަސޭހަކަމާއެކު މޮޅުވެފައެވެ. އެގޮތުން ޖަރުމަންގެ ޗެމްޕިއަން ބަޔާން މިޔުނިކް ވަނީ ނިއުޒިލޭންޑްގެ ޗެމްޕިއަން އޮކްލޭންޑް ސިޓީކޮޅަށް 10 ގޯލު ޖަހާފައެވެ. އެމެރިކާގެ ސިންސިނަޓީގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ބަޔާނުން 6 ގޯލު ޖެހިއެވެ. އަދި އަނެއް 4 ގޯލު ޖެހީ ފަހު ހާފުގައެވެ. ބަޔާނުން ޖެހި ގޯލުތަކުގައި ކޮމަން ، އޮލިސޭ އަދި މުލާރ ވަނީ ކޮންމެ ކުޅުންތެރިޔެއް ދެ ގޯލު ޖަހާފައެވެ. އަދި ފަހުހާފުގައި ބަދަލު ކުޅުންތެރިޔަކަށް ނިކުތް މުސިއަލާ ވަނީ 3 ގޯލު ޖަހާ ހެޓްރިކް ހަދާފައެވެ. މުސިއަލާ ޖެހި ދެވަނަ ގޯލަކީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން ޖެހި ގޯލެކެވެ. ބަޔާންގެ އަނެއް ގޯލު ޖެހީ އެޓީމުގެ ފުލްބެކް ޝަޗާ ބޮއޭ އެވެ.
ގުރޫޕް ބީ ގައި އެންމެފަހުގެ ޔޫއެފާ ޗެމްޕިއަން ފްރާންސްގެ ޕީއެސްޖީ ވަނީ ތަފާތު ބޮޑުކޮށް ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑް ބަލިކޮށްފައެވެ. އެމެރިކާގެ ޕަސަޑީނާ ގައި ކުޅުނު މި މެޗުން ޕީއެސްޖީ މޮޅުވީ 4 ލަނޑު 0 ލަނޑުންނެވެ. ޕީއެސްޖީގެ ފުރަތަމަ ދެ ގޯލު ޖެހީ ފުރަތަމަ ހާފުގައި ރުއިޒް އާއި ވިޓީނިއާ އެވެ. އަދި ފަހު ދެގޯލު ޖެހީ އެތްލެޓިކޯގެ ޑިފެންޑަރ ލެންގެޓްއަށް ދެ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލިފަހުންނެވެ. ޕީއެސްޖީގެ ފަހު ދެގޯލު ޖެހީ މަޔޫލޫ އާއި ލީއެވެ. ލީ ޖެހި ގޯލަކީ ލިބުނު ޕެނަލްޓީއަކުން ޖެހި ގޯލެކެވެ.
މި ގްރޫޕްގައި ހިމެނޭ އަނެއް ދެ ޓީމުކަމަށްވާ ބްރެޒިލްގެ ބޮޓަފޯގޯ ވަނީ އެމެރިކާގެ ސީޓްލް ސަންޑާރސް 2-1 އިން ރޭގައި ބަލިކޮށްފައެވެ.
ގްރޫޕް އޭ ގައި ޕޯޗްގަލްގެ ޕޯޓޯ އާއި ބްރެޒިލްގެ ޕަލްމެއިރަސް ކުޅުނު މެޗު ނިމުނީ ދެ ޓީމަށް ވެސް ގޯލެއް ނުޖެހި އެއްވަރު ވެގެންނެވެ. މި ގްރޫޕްގައި ދެން ހިމެނޭ އިންޓަމިއާމީ އާއި އަލްއަހްލީ އެފްސީ ކުޅުނު މެޗުވެސް ވަނީ ދެ ޓީމަށް ގޯލެއް ނުޖެހި އެއްވަރުވެފައެވެ.
ކްލަބް ވޯލްޑްކަޕްގައި ޗެލްސީ ކުޅޭ ފުރަތަމަ މެޗު މިރޭ ރާއްޖެ ގަޑިން 12:00 ގައި ނިކުންނާނީ އެމެރިކާގެ ލޮސް އެންޖެލެސް އާ ދެކޮޅަށެވެ.


