އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެވެސް ރެއާލް މޮޅުވެއްޖެ

ފީފާ ކްލަބް ވޯލްޑްކަޕްގައި ރެއާލް މެޑްރިޑުން ކުޅުނު ދެވަނަ މެޗުގައި 10 ކުޅުންތެރިންނާއެކު ކުޅެ މެޗުން މޮޅުވެ ގްރޫޕްގެ އެއްވަނަ ހޯދައިފިއެވެ. ރޭގައި މެކްސިކޯގެ ޕަޗުކާ އާ ދެކޮޅަށް ކުޅުނު މެޗުން ރެއާލް މޮޅުވީ 3-1 އިންނެވެ. މެޗު ފަށައިގެން 7 ވަނަ މިނެޓްގައި ޕަޗުކާގެ ފޯވާޑްއަށް ހުސްކޮށް ލިބުނު ބޯޅައެއް ހިފައިގެން ދަނިކޮށް ރެއާލްގެ ޑިފެންޑަރ ރައުލް އެސެންސިއޯ ކުރި ފައުލްއަކާ ގުޅިގެން ރެފްރީ ވަނީ އޭނާއަށް ރަތްކާޑް ދައްކާފައެވެ. އެހެންކަމުން މެޗުގެ ބޮޑު ބައި ރެއާލް ކުޅުނީ އެއްކުޅުންތެރިޔަކު މަދުކޮންނެވެ. މީގެ ސަބަބުން ރެއާލްގެ ގޯލަށް ޕަޗުކާއިން ދިޔައީ ނުރައްކާތެރި ހަމަލާތަކެއް ފޮނުވަމުންނެވެ. ނަމަވެސް ރެއާލްގެ ގޯލްކީޕަރ ކޯޓޮއިސްވަނީ އެ ހަމަލާތައް ދިފާއުކޮށްފައެވެ. ފުރަތަމަ ހާފު ތެރޭގައި ރެއާލުން ވަނީ ދެ ގޯލު ޖަހާފައެވެ. މި ދެ ގޯލު ޖަހައިދިނީ ބެލިންހަމް އާއި އާރްދާއެވެ. ރެއާލްގެ ފަހު ގޯލު ޖަހައިދިނީ ވަލްވާޑޭ ފަހު ހާފުގައެވެ. ޕަޗުކާގެ ގޯލުވެސް ޖެހީ ފަހުހާފުގައެވެ.

މި ގްރޫޕްގައި ރެޑްބުލް ސަލްޒްބާގް އާއި އަލްހިލާލު ކުޅުނު މެޗު ނިމުނީ ދެ ލަނޑެއް ނުޖެހި ދެ ޓީމު އެއްވަރުވެގެންނެވެ. ކުޅުނު ދެ މެޗުން ރެއާލް އާއި ސަލްޒްބާގް އަށް 4 ޕޮއިންޓް ލިބިފައިވިޔަސް ގޯލުގެ ތަފާތުން އެއްވަނައިގައި އޮތީ ރެއާލްއެވެ.

ގްރޫޕް ޖީ އިން ޔުވެންޓަސް އާއި މެންޗެސްޓަރ ސިޓީ ވަނީ ދެވަނަ ބުރު ޔަގީންކޮށްފައެވެ. ޔުވެންޓަސް ވަނީ ރޭގައި ވިދާދު ކަސަބްލަންކާ 4-1 އިން ބަލިކޮށްފައެވެ. ޔުވެންޓަސްގެ ގޯލުތައް ޖަހައިދިނީ ޔިލްޑިޒް ދެ ގޯލު އަދި ވްލަހޮވިޗް އެއް ގޯލެވެ. އޭނާ ޖެހި ގޯލަކީ ލިބުނު ޕެނަލްޓީއަކުން ޖެހި ގޯލެކެވެ. ޔުވެންޓެސްގެ ފުރަތަމަ ގޯލަކީ ކަސަބްލަންކާ ކުޅުންތެރިޔެއް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

މި ގްރޫޕްގައި މެންޗެސްޓަރ ސިޓީ ވަނީ 6-0 ގެ ބޮޑު ތަފާތަކުން އަލްއައިން ބަލިކޮށްފައެވެ. ސިޓީގެ ގޯލުތައް ޖަހައިދިނީ ގުންޑަސަން ، އެޗެވެއްރީ ، ހާލަންޑް ، ބޮބް އަދި ޗާކީއެވެ. ގުންޑަސަން ދެ ގޯލު ޖަހައިދިނެވެ. ހާލަންޑް ޖެހި ގޯލަކީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން ޖެހި ގޯލެކެވެ. މި ގްރޫޕްގައި ޔުވެންޓަސް އާއި ސިޓީއަށް ދެ މެޗުން 6 ޕޮއިންޓް ލިބިފައިވެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ