ޕޮލިސް ކްލަބުގެ ޗިރާގު . / / ފޮޓޯ: ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް

ބަލިވިޔަސް ގްރޫޕްގެ އެއްވަނަ ހޯދީ ސިފައިން

ވީއޭއެމް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޕޮލިސް ކްލަބު އަތުން ދިވެހި ސިފައިންގެ ކްލަބު ބަލިވިޔަސް ގްރޫޕްގެ އެއްވަނަ ހޯދީ ސިފައިންގެ ކްލަބެވެ. އިއްޔެ މެންދުރުފަހު ކުޅުނު މި މެޗުގެ ފުރަތަމަ ސެޓް 25-19 އިން ޕޮލިހުން ގެންގޮސްފައި އޮއްވާ ޖެހިގެން އައި ދެ ސެޓް 25-19 އަދި 25-21 އިން ސިފައިންގެ ކްލަބު ވަނީ ކާމިޔާބުކޮށްފައެވެ. މެޗުގެ ހަތަރުވަނަ ސެޓް ޕޮލިހުން 25-17 ގެންގޮސް އަދި ފަހު ސެޓް 15-8 އިން ކާމިޔާބުކޮށް ޕޮލިހުން މެޗު ނިންމާލިއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ޕޮލިސް ޓީމުގެ އިންޑިޔާގެ ޗިރާގެވެ. މި މެޗުން ލިބުނު އެއް ޕޮއިންޓާއެކު ސިފައިންނަށް ވަނީ ޖުމްލަ 7 ޕޮއިންޓް ލިބިފައެވެ.

މި ގްރޫޕްގައި އިއްޔެ ހަވީރު ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ދަ ސަދަން ސްޕޯޓްސް ކްލަބު ބައްދަލުކުރި މެޗު ސީދާ 3 ސެޓުން މެޗު ކާމިޔާބު ކުރީ ދަނޑިމަގެވެ. އެޓީމުން ސެޓްތައް ގެންދިޔައީ 25-20 ، 25-12 އަދި 25-19 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ކުޅޭ މޮންގޯލިޔާ ކުޅުންތެރިޔާ ބަޓްސޫރީއެވެ.

ގްރޫޕް އޭ ގެ ފަހު މެޗުގައި ބައްދަލުކުރީ ކްލަބް އެޗްޑީސީ އާއި ހުރާ ކޮމިއުނިޓީ ކްލަބެވެ. ގްރޫޕްގެ އެއްވަނަ ހޯދުމަށް ދެޓީމަށްވެސް މުހިއްމު މި މެޗު ކާމިޔާބު ކުރީ ފޯރިގަދަ ކުޅުމަކަށްފަހު ކްލަބް އެޗްޑީސީއެވެ. ފުރަތަމަ ސެޓް 25-22 އިން ހުރާ އިން ކާމިޔާބުކޮށްފައިވަނިކޮށް ޖެހިގެން އައި ތިން ސެޓް 25-21 ، 28-26 އަދި 25-22 އިން ކާމިޔާބުކޮށް އެޗްޑީސީ އިން 3 ޕޮއިންޓް ހޯދާ ގްރޫޕްގެ އެއްވަނަ ހޯދިއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެޗްޑީސީގެ ޖާޒީ ނަންބަރު 19 ޝަމާއިލް ޙުސައިންއެވެ.

9 ޕޮއިންޓާއެކު މި ގްރޫޕްގެ އެއްވަނަ އެޗްޑީސީއަށް ލިބުނުއިރު ، ހުރާ އަށް ލިބުނީ 6 ޕޮއިންޓާއެކު ދެވަނައެވެ.

މިރޭ 8:30 ގައި ކުޅޭނީ ކްލިފިކޭޝަން މެޗެވެ. މި މެޗުގައި ބައްދަލުކުރާނީ ދެ ގްރޫޕުންވެސް ތިން ވަނަޔަށް ދިޔަ ދެ ޓީމެވެ. ގްރޫޕް އޭ އިން ތިން ވަނަޔަށް ދިޔައީ ސްޕޯޓްސް ކްލަބު ސިޓީއެވެ. ގްރޫޕް ބީ އިން ތިން ވަނަ އަށް ދިޔައީ ޕޮލިސް ކްލަބެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ