ޤައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލްގައި ދިވެހި ސިފައިންގެ ކްލަބާ ދެކޮޅަށް ކުޅޭނެ ޓީމަކަށް ކްލަބް އެޗްޑީސީ ހޮވިއްޖެއެވެ. ފައިނަލަށް އެޓީމު ހޮވުނީ ރޭގައި ކުޅުނު ސެމީ ފައިނަލްގައި ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ބައްދަލުކޮށް 3 ސެޓް 1ސެޓުން މެޗުން މޮޅުވެގެންނެވެ. މެޗުގެ ފުރަތަމަ ސެޓް ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް ގެންދިޔައީ 25-23 އިންނެވެ. ނަމަވެސް ޖެހިގެން އައި ސެޓް ވަރަށް ވަރަށް ފަސޭހަކަމާއެކު 25-16 އިން އެޗްޑީސީ އިން ކާމިޔާބުކުރިއެވެ. އަދި އަނެއް ދެ ސެޓް 25-20 އަދި 25-23 އިން ކާމިޔާބުކޮށް ފައިނަލުން ޖާގަ ހޯދިއެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކްލަބް އެޗްޑީސީގެ އިސްމާޢިލް ސާޖިދު( ކުޑަކާއްޓޭ)އެވެ. މެޗަށް ފަހު މުބާރާތުގެ ތިން ވަނަޔަށް ދިޔަ ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ބްރޯންޒް މެޑަލް އާއި ސެޓްފިކެޓް ދިނުން އޮތެވެ.

ޤައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ 14 ޖުލައި ވާ ހޯމަ ދުވަހުގެ ރޭ 8:30 ގައި ޒުވާނުން މަރުކަޒް އެތެރެ ކޯޓްގައެވެ. ބައްދަލު ކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބާއި ރަނައަޕް ކްލަބް އެޗްޑީސީއެވެ.


