ޤައުމީ މުބާރާތުގެ ތަށި ސިފައިންގެ ކްލަބާ ހަވާލުކޮށްދެނީ / ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

ޤައުމީ މުބާރާތް ސިފައިން މިލްކުކޮށްފި

ޖެހިޖެހިގެން ތިން އަހަރު ޤައުމީ ވޮލީބޯޅަ މުބާރާތް ކާމިޔާބުކޮށް ދިވެހި ސިފައިންގެ ކްލަބު އެ މުބާރާތުގެ ތަށި މިލްކުކޮށްފިއެވެ. ރޭގައި ޒުވާނުންގެ އެތެރެ ކޯޓުގައި ކުޅުނު ޤައުމީ ވޮލީބޯޅަ މުބާރާތް 2025 ގެ ފައިނަލްގައި ކްލަބް އެޗްޑީސީގެ މައްޗަށް ސިފައިންގެ ކްލަބު ކުރި ހޯދީ ސީދާ ތިން ސެޓުންނެވެ. ޤައުމީ ތަށި ސިފައިންނަށް މިލްކުވިޔަ ނުދިނުމަށް އެޗްޑީސީ އިން މެޗު ފެށީ ގަދަކޮންނެވެ. އެގޮތުން މެޗުގެ ފުރަތަމަ ސެޓް ސިފައިންގެ ޓީމަށް އެއްވެސް ދޫދިނުމެއް ނެތި ވާދަވެރިކޮށް ކުޅެމުން ގޮސް އެޓީމަށް ލީޑު ގެއްލުނީ 15 އާ ހިސާބުންނެވެ. އެޔަށް ފަހު ސިފައިންގެ ލީޑު ނަގާ ސެޓް ކާމިޔާބުކުރީ 25-21 އިންނެވެ. ދެވަނަ ސެޓް ސިފައިން ފެށީ މާ ވަރުގަދަކޮންނެވެ. ސެޓް ފަށައިގެން ސިފައިންގެ ޓީމަށް ކުޅޭ އިންޑިޔާގެ ޗިރާގުގެ ބާރު ސާވިސްތައް އެޗްޑީސީއަށް ރިސީވް ނުކުރެވިގެން ދިޔަ ތަން ފެނުނެވެ. ސިފައިންގެ ޓީމު ލީޑުގައި މި ސެޓް ނިންމާލީ ފަސޭހަކަމާއެކު 25-14 އިންނެވެ. މެޗުގެ ފަހު ސެޓްވެސް ސިފައިން ލީޑުގައި ސެޓް ނިންމަން ދަނިކޮށް އެޗްޑީސީ އިން ކުޅުން ރަނގަޅުކޮށް ހަމަހަމަކުރިއެވެ. މި ސެޓް ސިފައިން ގެންދިޔައީ 26-24 އިންނެވެ.

ދިވެހި ސިފައިންގެ ކްލަބް ވަނީ މި އަހަރު ކުޅުނު ވީއެމްކަޕާއި ލީގު ވެސް ކާމިޔާބުކޮށް އެއް އަހަރު ތިން މުބާރާތް ދެ އަހަރު ކާމިޔާބުކޮށް ރެކޯޑް ހަދާފައެވެ.

މެޗަށް ފަހު ވަނަވަނަޔަށް ދިޔަ ކުޅުންތެރިންނަށް ޓްރޮފީ ހަވާލުކުރުން އޮތެވެ.

އެންމެ މޮޅު ދިވެހި 3 ކުޅުންތެރިން

  1. ޙުސައިން ރައްޒާން ( ދިވެހި ސިފައިންގެ ކްލަބް )
  2. އިސްމާޢީލް ސާޖިދު ( ކްލަބް އެޗްޑީސީ )
  3. ޙުސައިން ޝާހިދު ( ދިވެހި ސިފައިންގެ ކްލަބް )

އެންމެ މޮޅު ބިދޭސީ 3 ކުޅުންތެރިން

  1. ޗިރާގު ( ދިވެހި ސިފައިންގެ ކްލަބް )
  2. ލުއިޒް ފިލިއްޕެ ( ދިވެހި ސިފައިންގެ ކްލަބް )
  3. ސެބަސްޓިއަން ގިރާލްޑޯ ( ކްލަބް އެޗްޑީސީ )
މުބާރާތުގެ އެންމެ މޮޅު ކޯޗާއި އެންމެ މޮޅު ކުޅުންތެރިން / ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

އެންމެ މޮޅު ކޯޗަށް ހޮވުނީ ދިވެހި ސިފައިންގެ ކްލަބުގެ ކޯޗް ޖުނައިދު ޢަބްދުﷲ ( މާމާ )

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ