ކާވާ ޗެމްޕިއަންސްލީގު 2025 ގޯލްޑް މެޗުގައި ކަޒަކިސްތާނުގެ ޒައިކް ވީސީ އާ ދެކޮޅަށް ކުޅޭނީ ކިރިގިސްތާނުގެ ބިޝެކްއެވެ. ޕޮއިންޓް އުސޫލުން ކުޅުނު ބުރުގައި ކޮންމެ ޓީމެއް ފަސް މެޗު ކުޅުނުއިރު ، 13 ޕޮއިންޓާއިއެކު އެއްވަނަ ހޯދީ ޒައިކް ވީސީއެވެ. 11 ޕޮއިންޓް ލިބިގެން ބިޝެކް އާއި ނޭޕާލް ޓީމު އެއްވަރުވެގެން ސެޓް ރޭޝިއޯ އިން ކުރި ލިބެނީ ބިޝެކްއަށެވެ. އެ ޓީމުން 12 ސެޓް ހޯދިއިރު ގެއްލުނީ 6 ސެޓެވެ. އަދި ނޭޕާލް ޓީމުން 14 ސެޓް ލިބުނުއިރު 8 ސެޓް ގެއްލުނެވެ. އެހެންކަމުން ފައިނަލްގައި ޒައިކް އާ ދެކޮޅަށް ބިޝެކް ކުޅޭއިރު ، ބްރޯންޒް މެޑަލް މެޗުގައި ބައްދަލުކުރާނީ ނޭޕާލް ޓީމާއި ލަންކާ ޓީމެވެ.
ރޭގައި ހެލްޕް ނޭޕާލް ސްޕޯޓްސް ކްލަބާއި ސްރީލަންކާ ޕޯޓްސް އޮތޯރިޓީ ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކުރީ ނޭޕާލް ޓީމެވެ. ނޭޕާލްގެ ގިނަ ޢަދަދެއްގެ ސަޕޯޓަރުން ކުރިމަތީގައި އެ ޓީމުގެ ސެޓްތައް ގެންދިޔައީ 25-16 ، 25-22 އަދި 25-23 އިންނެވެ.
އިއްޔެ ހަވީރު ކުޅުނު މެޗުން އެޗްޑީސީ އާ ބައްދަލުކޮށް ސިފައިންގެ ކްލަބު މޮޅުވީ 3 ސެޓް 2 ސެޓުންނެވެ. ސިފައިންގެ ސެޓްތައް ގެންދިޔައީ 25-22 ، 25-19 އަދި 16-14 އިންނެވެ. އެޗްޑީސީގެ ސެޓްތައް ގެންދިޔައީ 25-23 އަދި 25-19 އިންނެވެ.
މިއަދު ހަވީރު 4:15 ގައި ތިން ވަނަ ހޮވާ މެޗުގައި ބައްދަލުކުރާނީ ހެލްޕް ނޭޕާލް ސްޕޯޓްސް ކްލަބާއި ސްރީލަންކާ ޕޯޓްސް އޮތޯރިޓީއެވެ. އަދި ރަން މެޑަލް މެޗުގައި މިރޭ 8:15 ގައި ބައްދަލުކުރާނީ ކަޒަކިސްތާނުގެ ޒައިކް ވީސީ އާ ކިރިގިސްތާނުގެ ބިޝެކްއެވެ.


