މެސީއަށް އަނިޔާ ވެއްޖެ

އެމެރިކާގެ މޭޖަރ ލީގު ސޮކަރ ( އެމްއެލްއެސް ) ގެ އިންޓަރމިއާމީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީއަށް އަނިޔާ ވެއްޖެއެވެ. މެސީއަށް އަނިޔާވީ ރޭ ފަތިހު ރާއްޖެ ގަޑިން 4:00 ގައި ކްލަބް ނެކާސާ އާ ދެކޮޅަށް އިންޓަރމިއާމީ ކުޅުނު ލީގުކަޕްގެ މެޗުގެ 11 ވަނަ މިނެޓްގައެވެ. ފަރުވާ ދިނުމަށްފަހު މެސީ ވަނީ ބަދަލުކޮށްފައެވެ. ބޭރުގެ ރިޕޯޓްތައް ބުނާ ގޮތުން މެސީގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާ އެހާ ސީރިއަސްއެއް ނޫނެވެ.  ނަމަވެސް މެސީ ކުޅުމުގެ ތެރެޔަށް އާދެވޭނީ ޔަގީން ވާނީ ޓެސްޓްތައް ހަދާ ނަތީޖާ ލިބުމުންކަމަށެވެ. ލަފާކުރެވޭ ގޮތުގައި ލީގުކަޕްގެ ފަހު މެޗުގައި ޕުމަސް އާއި ދެކޮޅަށް ކުޅޭ މެޗާއި ލީގުގައި އޯލެންޑް އާ ދެކޮޅަށް ކުޅޭ މެޗު މެސީއަށް ގެއްލޭނެއެވެ.

މެސީ ވަނީ މި ސީޒަންގައި އިންޓަމިއާމީ ކުޅުނު 17 މެޗުން 16 މެޗުގައި ފުލް ކޮށް ކުޅެފައެވެ.

ކްލަބު ނެކާސާ އާ ދެކޮޅަށް އިންޓަރމިއާމީ ކުޅުނު މެޗުގެ އެ ޓީމު ވަނީ ޕެނަލްޓީ ޖަހައިގެން ކާމިޔާބުކޮށްފައެވެ. 12 ވަނަ މިނެޓްގައި ޑިޕޯލް ދިން ޕާހަކުން އެ ޓީމުގެ ފުރަތަމަ ގޯލު ޖެހީ ސެގޯވިއާއެވެ. އިންޓަރމިއާމީ ގޯލު ޖެހިތާ 5 މިނެޓް ފަހުން އެ ޓީމުގެ ޑިފެންޑަރ ފަލްކޯންއަށް ވަނީ ރަތްކާޑް ދައްކާފައެވެ. އޭނާއަށް ރަތްކާޑް ދެއްކީ ނެކާސާ ފޯވާޑް ބޯޅަ ހިފައިންގެން ދަނިކޮށް އެންމެ ފަހު ޑިފެންޑަރގެ ގޮތުގައި ހުރެ ފައުލް ކުރީމައެވެ. 10 ކުޅުންތެރިންނާ އެކު ކުޅެމުން ދިޔަ އިންޓަރމިއާމީ ކޮޅަށް ނެކާސާ ފުރަތަމަ ގޯލު ޖެހީ  33 ވަނަ މިނެޓްގައެވެ.

މެޗުގެ 60 ވަނަ މިނެޓްގައި ނެކާސްގެ ޑިފެންޑަރަކަށް ދެ ރީނދޫ ކާޑު ހަމަވެގެން ރަތްކާޑް ދައްކާ ދަނޑުން ފޮނުވާލާފައި ވަނިކޮށް އެޓީމުން ވަނީ 81 ވަނަ މިނެޓްގައި ގޯލެއް ޖަހާ ލީޑު ނަގާފައެވެ. ނަމަވެސް މެޗުގެ އިތުރު ވަގުތުގައި ޑިޕޯލް ނަގައިދިން ހުރަހަކުން ބޮލުން ޖަހާ އިންޓަރ މިއާމީއަށް އެއްވަރުކޮށްދިނީ ޖޯޑީ އަލްބާއެވެ.

ދެ ޓީމު އެއްވަރުވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީން އިންޓަމިއާމީގެ ފަސް ޕެނަލްޓީވެސް ކާމިޔާބުވިއެވެ. ނެކާސް ގެ ކުޅުންތެރިޔެއް ޖެހި ޕެނަލްޓީ އިންޓަރ މިއާމީގެ ގޯލު ކީޕަރ ވަނީ މަތަކޮށްފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ