ހާއްޕެ މަޑުއްވަރީއާ ދެކޮޅަށް ކުޅެނީ /ފޮޓޯ: ރ.އަތޮޅު ކައުންސިލް

އަރުތަ ފުޓްސަލް: ހާއްޕެ ދަނީ ތަފާތު ދައްކަމުން

އަރުތަ ފުޓްސަލް މުބާރާތުގެ ގްރޫޕްއޭ ގައި މަޑުއްވަރީ ޓީމުގެ އިރުފާން ގޯލެއް ޖަހާފައި ވަނިކޮށް ފަހަތުން އަރާ 6 ޖަހައިގެން އިނގުރައިދޫ ޓީމުން ވަނީ މުބާރާތުގެ ދެވަނަ މޮޅު ހޯދާފައެވެ. ރޭގައި ރަސްމާދޫ ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗުގައިވެސް ތަފާތު ދެއްކީ މަޝްހޫރު ފުޓްސަލް ކުޅުންތެރިޔާ އިނގުރައިދޫ ޓީމުގެ ޢަލީ ހާފިޒު ( ހާއްޕެ )އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ވެސް ހޮވުނު ހާއްޕެވަނީ މި މެޗުގައި 3 ގޯލު ޖަހާ ހެޓްރިކް ހަދާފައެވެ. މި މުބާރާތުގައި އިނގުރައިދޫ ކުޅުނު ދެ މެޗުން ހާއްޕެ ވަނީ 7 ގޯލު ޖަހާފައެވެ. ރޭގައި އިނގުރައިދޫ ޓީމުގެ އެހެން ގޯލުތައް ޖަހައިދިނީ މަޝީދު އާއި މިޝްއަލް އާއި ޒަހްވާންއެވެ.

އިއްޔެ ކުޅުނު ފޯރިގަދަ އަނެއް މެޗަކީ ގްރޫޕްބީ ގައި ދުވާފަރާއި ހުޅުދުއްފާރު ބައްދަލުކުރި މެޗެވެ. މެޗުގެ ފުރަތަމަ ދެ ގޯލު ޖެހީ ހުޅުދުއްފާރު ޓީމުގެ މުޙައްމަދު އަލީފުއެވެ. ނަމަވެސް އަރުތަ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ދުވާފަރުން ދެވަނަ ހާފުގައި މޫސާ ލަތީފު ގޯލެއް ޖަހާ ފަރަގު ކޮށްދިނެވެ. މެޗު ނިމެން ކައިރިވެފައިވަނިކޮށް ހުޅުދުއްފާރު ޓީމުގެ ގޯލު ކީޕަރު ބޯޅަ އަތަށް ނަގައިގެން 4 ސިކުންތަށް ވުރެއް ގިނައިރު ހުރުމުގެ ސަބަބުން ދުވާފަރު ޓީމަށް ލިބުނު ނުސީދާ ހިލޭ ޖެހުމަކުން އަނާން ގޯލެއް ޖަހާ ނަތީޖާ ހަމަހަމަކޮށްދިނެވެ. ދުވާފަރުން ލަނޑު ޖެހިތާ އިރުކޮޅެއް ފަހުން އެޓީމުގެ ކުޅުންތެރިޔަކަށް ހުސްކޮށް ލިބުނު ބޯޅައެއް ހިފައިގެން ދަނިކޮށް ހުޅުދުއްފާރު ޓީމުގެ ކީޕަރު އަތުން ބޯޅައިގައި ޖެހުމުން ސީދާ ރަތްކާޑެއް ދައްކާ ދަނޑުން ފޮނުވާލިއެވެ. އަދި ދުވާފަރު ޓީމަށް ލިބުނު ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ ސާފުނުކޮށްލެވި އުޅެނިކޮށް މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނު މޫސާ ލަތީފު ވަނީ ހުސްކޮށް އޮތް ގޯލެއްގެ ތެރެޔަށް ބޯޅަ ވައްދާލާ މެޗުން ދުވާފަރު މޮޅު ކޮށްދީފައެވެ.

ގްރޫޕް އޭ ގައި ރޭ ރަސްމާދޫ މޮޅުވީ ވާދޫއާ ބައްދަލުކޮށް 2 ލަނޑު 1 ލަނޑުންނެވެ. ރަސްމަދޫ ޓީމުގެ ގޯލުތައް ޖެހީ ނަވީން އާއި ފާރިސްއެވެ. ވާދޫގެ ހަމައެކަނި ގޯލު ޖަހައިދިނީ އާރިފްއެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ރަސްމާދޫ ޓީމުގެ ނަވީންއެވެ.

މިއަދު ހަވީރު ކުޅޭނީ އޭ ގްރޫޕްގެ ވާދޫ އާއި މާކުރަތު ބައްދަލުކުރާ މެޗެވެ. އަދި ރޭގަނޑު ކުޅޭނީ ބީ ގްރޫޕްގެ ދުވާފަރާއި އިންނަމާދޫ ބައްދަލުކުރާ މެޗާއި މީދޫ އާއި ކިނޮޅަސް ބައްދަލުކުރާ މެޗެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ