ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ދޭ ބެލޮންޑިއޯ 2025 އަށް ނޮމިނޭޝަން އިއުލާންކުރި އިރު ، އެންމެ ގިނައީ ޕެރިސް ސެއިންޓް ޖާމަން( ޕީއެސްޖީ ) ގެ ކުޅުންތެރިންނެވެ. 7 އޮގަސްޓްގައި އިއުލާންކުރި 30 ކުޅުންތެރިންގެ ތެރޭގައި ޔޫއެފާ ޗެމްޕިއަންސްލީގުގެ ޗެމްޕިއަންކަން އެންމެ ފަހުން ހޯދި ޕީއެސްޖީގެ 8 ކުޅުންތެރިން ހިމެނެއެވެ. އޭގެ ތެރޭގައި މިފަހަރު ބެލެންޑިއޯ ހޯދާނެކަމަށް ގިނަ ބަޔަކު ބުނާ ފްރާންސްގެ އުސްމާން ޑެމްބަލޭ ހިމެނެއެވެ. ދެން އެންމެ ގިނަ ކުޅުންތެރިން ހިމެނެނީ ބާސެލޯނާ އާއި ލިވަޕޫލުންނެވެ. ރެއާލް މެޑްރިޑުން ހިމެނުނީ ތިން ކުޅުންތެރިންނެވެ. މެންޗެސްޓަރ ސިޓީގެ އެންމެ ކުޅުންތެރިޔެއް ހިމެނޭއިރު ، ޖުލައި މަހު ނިމުނު ފީފާ ކްލަބް ވޯލްޑްކަޕްގެ ޗެމްޕިއަން ޗެލްސީގެ ވެސް އެއް ކުޅުންތެރިޔެއް ހިމެނެއެވެ. ބެލެންޑިއޯ 2025 އަށް ނޮމިނޭޓްވި 30 ކުޅުންތެރިންގެ ތެރޭގައި ގޯލް ކީޕަރަކަށް ހުރީ ހަމައެކަނި ޕީއެސްޖީގެ ޑޮންރުއްމާއެވެ.
ބެލެންޑިއޯ 2025 އަށް ނޮމިނޭޓްވި 30 ކުޅުންތެރިން
ޕީއެސްޖީ
އުސްމާން ޑެމްބަލޭ ، ގިއާންލޫޖީ ޑޮނަރުއްމާ ، ޑެސިރޭ ޑޫއޭ، ކަވާރާ، ނޫނޭ މެންޑެސް ، ޖާއޯ ނެވެސް ، ވިޓީނިއާ ، ފަބިއަން ރުއިޒް
ބާސެލޯނާ
ޔަމިލް ޔަމާލް ، ޕެޑްރީ ، ރަފީނާ ، ލެވަންޑޮސްކީ
ރެއާލް މެޑްރިޑް
ކިލިއަން އެމްބާޕޭ ، ވިނީސިއަސް ޖޫނިއަސް ، ބެލިންގހަމް
ލިވަޕޫލް
މުޙައްމަދު ސަލާހު ، ވެންޑައިކް ، މެކަލިސްޓަރ ، ފްލޮރިއަން ވިޓްޒް
އާސެނަލް
ޑެކްލެން ރައިސް ، ވިކްޓަރ ޔޮކެރެސް
ބަޔާން މިއުނިކް
ހެރީ ކޭން ، މައިކަލް އޮލިސޭ
އިންޓަރމިލާން
ލައުޓާރޯ މާޓިނެޒް ، ޑެންޒަލް ޑަމްފްރިއެސް
ޗެލްސީ
ކޯލް ޕާމަރ
މެންޗެސްޓަރ ސިޓީ
އާލިން ހާލަންޑް
ނަޕޯލީ
ސްކޮޓް މެކްޓޮމިނޭ
ބުރޫޝިއާ ޑޯޓްމަންޑް
ސެހޫ ގުރެއްސީ
22 ސެޕްޓެމްބަރ ގައި ފްރާންސްގެ ޕެރިހުގައި އޮންނަ ބެލެންޑިއޯ ދިނުމުގެ ޚަފްލާގައި އެންމެ މޮޅު ގޯލް ކީޕަރާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ އާއި އެންމެ މޮޅު ކޯޗާއި އެންމެ މޮޅު ކްލަބް ހޮވާނެއެވެ. އަންހެން ކުޅުންތެރިންގެ ތެރެއިންގެ ތެރެއިންވެސް މި މަޤާމްތައް ހޮވާނެއެވެ.


