15 އޮކްޓޫބަރު 2025

އެމެރިކާގެ ސަރުކާރު ހުއްޓުމަކަށް؛ 750،000 އަށްވުރެ ގިނަ މުވައްޒަފުންގެ މުސާރަ ނުލިބުމުގެ ބިރު

އެމެރިކާގެ ސަރުކާރާއި ޤާނޫނު ހަދާ މަޖިލިސް، ކޮންގްރެސާ ދެމެދު ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް އުފެދި، އެމެރިކާގެ ސަރުކާރު ހުއްޓުމަކަށް ގޮސްފިއެވެ. މިއީ 1981 ވަނަ އަހަރަށްފަހު އެމެރިކާގެ ސަރުކާރު ހުއްޓުމަކަށް އައިސްފައިވާ 15 ވަނަ ފަހަރެވެ.

ސަރުކާރު ހުއްޓުމަކަށް ގޮސްފައި މިވަނީ، ސަރުކާރު ހިންގުމަށް ބޭނުންވާ ޚަރަދުތައް ހަމަޖެއްސުމަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ހުށަހަޅާފައިވާ ކުރު-މުއްދަތުގެ ބިލަކަށް ކޮންގްރެސްގައި ތިއްބެވި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ މެންބަރުން ދެކޮޅު ހެއްދެވުމާ ގުޅިގެންނެވެ.

ސަރުކާރު ހުއްޓުމުގެ ސަބަބުން ކުރިމަތިވާނެ އަސަރުތައް

ސަރުކާރު ހުއްޓުމާ ގުޅިގެން 750،000 އަށްވުރެ ގިނަ މުވައްޒަފުން މުސާރަ ނުލިބޭ ޗުއްޓީއަކަށް ދާން ޖެހޭނެ ކަމަށް ލަފާކުރެވެއެވެ. މީގެ އިތުރުން، ދުވާލަކަށް 400 މިލިއަން ޑޮލަރުގެ އިޤްތިޞާދީ ގެއްލުން ލިބޭނެ ކަމަށް ބެލެވެއެވެ. އަދި ވައިގެ ދަތުރުފަތުރާއި ސައިންޓިފިކް ދިރާސާތަކަށްވެސް ހުއްޓުން އަންނާނެއެވެ.

ޑިމޮކްރެޓުންގެ ޝަރުޠުތައް

ޑިމޮކްރެޓުން ވަނީ ބިލަށް ތާއީދުކުރުމަށް ޝަރުޠުތަކެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި، "އެފޯޑެބަލް ކެއަރ ޤާނޫނުގެ ދަށުން ޞިއްޙީ ޚިދުމަތްތަކަށް ފޯރުކޮށްދޭ އިންޝުއަރެންސް ކަނޑައިލުމަށް ޓްރަމްޕްގެ ސަރުކާރުން ނިންމާފައިވާ ނިންމުން ބަދަލުކުރުން" ހިމެނެއެވެ. ނަމަވެސް ރިޕަބްލިކަނުން މިކަމަށް އިންކާރުކޮށް، މިއީ ސަރުކާރުގެ ޚަރަދުތަކާ ގުޅުން ހުރި ކަމެއް ނޫން ކަމަށް ބުނެފައިވެއެވެ.

އެމެރިކާގެ މި އަހަރުގެ ދައުލަތުގެ ބަޖެޓަކީ 7 ޓްރިލިއަން އެމެރިކާ ޑޮލަރެވެ. މީގެ ތެރެއިން މައްސަލަ ޖެހިފައިވަނީ ސަރުކާރުގެ އިދާރާތައް ހިންގުމަށް ބޭނުންވާ 1.7 ޓްރިލިއަން އެމެރިކާ ޑޮލަރާ މެދުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު