16 އޮކްޓޫބަރު 2025
ރައީސް ޑރ. މުޢިއްޒު ފުނަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް

އަންނަ އަހަރު ދައްކަންޖެހޭ ދަރަނި ދެއްކުމަށް އެއްވެސް ދައްޗެއް ނެތް؛ މިހާރު އެއީ ކަންބޮޑުވުން އޮތްކަމެއް ނޫން: ރައީސް

ބޭރުގެ އެކި ފަރާތްތަކުން ނަގާފައިވާ ދަރަނީގެ ތެރެއިން އަންނަ އަހަރު ދައްކަންޖެހޭ ބޮޑު ދަރަނި ދެއްކުމުގައި އެއްވެސް ދައްޗެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ށ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ފުނަދޫގައި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު ވެއްޓިފައިވާ އަނދަވަޅުން ނަގާ ކޮޅަށް ޖެހުމަށް ކުރަމުންދާ މަސައްކަތުގައި ކާމިޔާބީތައް ހާސިލްވަމުންދާ ކަމަށެވެ.

"ރާއްޖޭގެ އިޤްތިޞާދު ނަގާ ކޮޅަށް ޖެހުމަށްވެސް އިރާދަކުރެއްވިއްޔާ މިދަނީ ކާމިޔާބީތައް ހޯދަމުން. އެއްގޮތަަކަށްވެސް އަޅުގަނޑުމެންގެ ތެރޭގައި މިހާރު ކަންބޮޑުވުންއޮތްކަމެއް ނޫން މިއަންނަ އަހަރު ދައްކަންޖެހޭ ދަރަނި ދެއްކުމުގެ ކަންތައްތައް ކުރިއަށްގެންދިއުމުގައި،" ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ނިމިދިޔަ ސަރުކާރުގެ ދިވެހި އެކި ކުންފުނިތައް މެދުވެރިކޮށް ކުރުވާފައި ފައިސާނުދީ ހުރި ބިލުތަކަށް ދައްކަންޖެހޭ ފައިސާވެސް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ދައްކާ ނިންމާލައްވާނެކަމަށް ރައީސް އިޢުލާނުކުރެއްވިއެވެ.

"ކުރިއަށްއޮތް ހަފްތާތެރޭގައި މިދިޔަ ސަރުކާރުން އެތައް ހާސް ރައްޔިތުންނަށް ދަރާފަ ހުރި ބިލުތަކާއި އެއްކޮށް، މިދިޔަ 30 ދުވަސްތަކުގެ ތެރޭގައި އައި ބިލުތަށް ފިޔަވައި، ޑިއު ޕްރޮސެސްގެ ތެރެއިން އައިސްފަ ހުރި ހުރިހާ ބިލަކަށް ފައިސާ ދިނުންވެސް އަޅުގަނޑުމެން ނިންމާނަން،" ރައީސް ވިދާޅުވިއެވެ.

އަދި އިޤްތިޞާދަށް އަންނަމުންދާ ކުރިއެރުންތަކާއެކު ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދެވުމުގެ މަސައްކަތްވެސް ހަލުވި ދުވެލީގައި ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު