16 އޮކްޓޫބަރު 2025
ށ. ފުނަދޫ އެއަރޕޯޓުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަޝްރޫޢު އެމްއޭސީއެލްއާ ހަވާލުކުރުން، ފޮޓޯ: ރައީސް އޮފީސް

ށ. ފުނަދޫ އެއަރޕޯޓުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަޝްރޫޢު އެމްއޭސީއެލްއާ ހަވާލުކޮށްފި

ށ. ފުނަދޫ އެއަރޕޯޓުގެ ޚިދުމަތްތައް ފުޅާކޮށް ތަރައްޤީކުރުމުގެ މަޝްރޫޢު މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢު ފަށްޓަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތެއްގައި މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރެވެ.

އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވި ގޮތުގައި، މި މަޝްރޫޢުގެ ދަށުން އެންމެ އިސްކަމެއް ދެވޭނީ އެއަރޕޯޓަށް ރޭގަނޑު ފްލައިޓް ޖެއްސޭ ގޮތަށް ލައިޓް ހަރުކުރުމުގެ މަސައްކަތަށެވެ. "މި މަސައްކަތް ޑިސެމްބަރު މަސް ނިމުމުގެ ކުރިން ނިންމުމަށް ވަނީ ރޭވިފައި" ޝަރީފް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި މި މަޝްރޫޢު ކުރިއަށް ގެންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި ހިމެނެނީ ރޭގަނޑު ފްލައިޓް ޖެއްސުމަށް ލައިޓް ހަރުކުރުމުގެ މަސައްކަތާއި، ޒަމާނީ ފެންވަރުގެ ލައުންޖެއް ތަރައްޤީކުރުމާއި، ރެސްޓޯރެންޓް ހެދުމާއި، ޓާމިނަލްގެ ފެންވަރު މަތިކުރުމުގެ އިތުރުން ބެލްޓް ހަރުކުރުން ފަދަ ކަންކަމެވެ.

2020 ވަނަ އަހަރު ހުޅުވުނު ށ. ފުނަދޫ އެއަރޕޯޓަކީ އެ އަތޮޅުގައި އޮންނަ ހަމައެކަނި އެއަރޕޯޓެވެ. މި އެއަރޕޯޓުގައި 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް ތަރައްޤީކޮށްފައިވެއެވެ. އަދި ޓެކްސީވޭގައި 90 މީޓަރު، އޭޕްރަންގެ ފުޅާމިނުގައި 50 މީޓަރު އަދި ދިގުމިނުގައި 150 މީޓަރު ހުރެއެވެ.

މި މަޝްރޫޢުގެ ސަބަބުން ށ. އަތޮޅުގެ ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ލިބި، އެއަރޕޯޓުގެ ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް ބެލެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު