19 އޮކްޓޫބަރު 2025
ލެކްޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު

ލޯކަލް ކައުންސިލް އިންތިޚާބު މާރިޗު 28 ގައި؛ ކެންޑިޑެސީއަށް ހުޅުވާލުން ޖެނުއަރީ 17 ގައި

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު 2026 ވަނަ އަހަރުގެ މާރިޗު 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ. މި އިންތިޚާބަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކެންޑިޑެސީ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވޭނީ އަންނަ އަހަރުގެ ޖެނުއަރީ 17 ގައި ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާ، ޕީއެސްއެމް ނިއުސްގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޒާހިދު ވިދާޅުވީ، މި އިންތިޚާބަކީ އިދާރީގޮތުން އެންމެ ބުރަ އަދި އެންމެ ގިނަ ތައްޔާރީތަކެއް ވާންޖެހޭ އިންތިޚާބު ކަމަށެވެ. އެގޮތުން އިންތިޚާބުގެ އިދާރީ މަސައްކަތްތަކަށް 270 އަށްވުރެ ގިނަ މުވައްޒަފުން ބޭނުންވާ ކަމަށާއި، މި މުވައްޒަފުން ހޯދުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ.

"ޓްރެއިނަރުންގެ ގޮތުގައިވެސް 110 ވަރަކަށް މީހުން އެބަ ބޭނުންވޭ. މިހާރު 115 ވަރަކަށް މީހުން ވަނީ ކުރިމަތިލާފައި. މިހާރު ކުރިއަށްދަނީ އިންޓަވިއު ޕްރޮސެސް،" ޒާހިދު ވިދާޅުވިއެވެ.

މި އިންތިޚާބުގެ އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ ކެންޑިޑެސީ ހުށަހެޅުމުގެ މަރުހަލާ ޑިޖިޓަލްކުރުމެވެ. އެގޮތުން ކެންޑިޑޭޓުން ކެންޑިޑެސީ ހުށަހަޅަންޖެހޭނީ އިލެކްޝަންސް ކޮމިޝަންގެ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. މިއީ އިދާރީ އިންތިޒާމްތައް ފަސޭހަކޮށް، ޚަރަދު ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ކޮމިޝަނުން ފާހަގަކުރެއެވެ.

އިލެކްޝަންސް ކޮމިޝަނުން ލަފާކުރާ ގޮތުގައި މި އިންތިޚާބު ބޭއްވުމަށް 70 އިން 80 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ޚަރަދުވާނެއެވެ. އަދި ކެންޑިޑޭޓުންނަށް އޮންލައިން ޕޯޓަލްއާ އަހުލުވެރިވުމަށް، ކެންޑިޑެސީއަށް ހުޅުވާލުމުގެ ކުރިން އެ ފުރުސަތު ދެވޭނެ ކަމަށްވެސް ކޮމިޝަނުން ބުނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު