ޖަޕާނުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު ބޮޑުވަޒީރުކަމުގެ މަޤާމަށް އިޚްތިޔާރުކުރެއްވުމާ ގުޅިގެން، ހަރ އެކްސަލަންސީ ސަނޭ ޓަކައިޗީއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ހޫނު މަރުޙަބާއެއް ދަންނަވައި، ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އެކްސް އެކައުންޓުގައި ހިއްސާކުރެއްވި ޕޯސްޓެއްގައި، ބޮޑުވަޒީރު ޓަކައިޗީގެ ލީޑަރޝިޕާއި ތަޖުރިބާއާއި ޤާބިލުކަމާއެކު، އެކަމަނާގެ ޒަޢާމަތުގައި ޖަޕާނަށް އިތުރު ކުރިއެރުމާއި ތަރައްޤީ ހޯއްދަވައި ދެއްވޭނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަޤީންކަން އެބައޮތްކަން ހާމަކުރައްވާފައިވެއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަމާއި ގާތްގުޅުން، އިތުރަށް ހަރުދަނާކުރެއްވުމަށް މަސައްކަތްޕުޅު ކުރެއްވުމުގެ ޢަޒުމުގައި ހުންނެވިކަން ހާމަކުރައްވައި، ބޮޑުވަޒީރު ތަކައިޗީއާއި އެކަމަނާގެ ސަރުކާރާއެކު ގާތުން މަސައްކަތްޕުޅު ކުރެއްވުމުގެ ޝައުގުވެރިކަން ހާމަކުރައްވާފައެވެ