ރާއްޖޭގެ 60 އަށްވުރެ ގިނަ ރަށަކަށް އެމްބިއުލާންސް ފޯރުކޮށްދިނުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ކުރިއަށް ގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ލ. ދަނބިދޫގެ ރައްޔިތުންނާ މުޚާޠަބުކުރައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެރަށުގެ ސިއްޙީ މަރުކަޒަށް ބޭނުންވާ ޚިދުމަތްތައް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން އިތުރު ވޯޑަކާއެކު ސިއްޙީ މަރުކަޒުގެ ޖާގަ އިތުރުކުރެވިގެންދާނެ ކަމަށެވެ. އަދި އެރަށަށްވެސް އެމްބިއުލާންސްގެ ޚިދުމަތް ލިބިގެންދާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
އިސްދޫ-ކަލައިދޫ ކޯޒްވޭގެ މަޝްރޫޢާ ގުޅިގެން ދަނބިދޫއަށް އަންނާނެ އިޤްތިޞާދީ ކުރިއެރުމަށް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވީ، "މިއާއެކު އަންނާނެ އެންމެބޮޑު ބަދަލަކީ، އިޤްތިޞާދީގޮތުން އަންނާނެ ކުރިއެރުން މިރަށްތަކަށް. ވަރަށް ގިނަ ދުވަސްވެއްޖެ ސޮއިކޮށްފައި އޮންނަތާ. މާދަމާ އަޅުގަނޑުމެން އެމަސައްކަތް ޢަމަލީ ގޮތުން ފަށާނަން" ކަމަށެވެ.
މީގެއިތުރުން، ދަނބިދޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އަވަހަށް ޖަނަރޭޓަރެއް ގެނެވޭނެ ކަމަށާއި، ނަރުދަމާގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތްވެސް މިއަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކުރުމަށް އާރްޑީސީއާ ވަނީ ހަވާލުކުރެވިފައެވެ. މި މަޝްރޫޢުތަކަކީ ސަރުކާރުން ދަނބިދޫގެ ތަރައްޤީއަށް ގެންނަ މުހިންމު ބަދަލުތަކެއް ކަމުގައި ފާހަގަކުރެވެއެވެ.