މިސްކިތްތަކުގެ މަޝްރޫޢުތަކާއި ގުޅޭ ގޮތުން މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދަށް ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރު ކުރެއްވި ގިނަ ސުވާލުތަކަށް ވަޒީރު ތަފްސީލީ ޖަވާބުތަކެއް ދެއްވައިފިއެވެ.
އެގޮތުން ވަޒީރުގެ ވާހަކަފުޅުގައި ވަނީ އެކި މަޝްރޫޢުތަކުގެ ތަފްސީލް ދެއްވާފައެވެ. އަދި ބައެއް މަސައްކަތްތައް ނުނިމި ލަސްވާ ސަބަބުތަކާއި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ވަޒީރު ވަނީ ޙިއްސާ ކުރައްވާފައެވެ.
އެގޮތުން ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވީ، މީގެ ކުރިން ފަށާފައިވާހުރި ބައެއް މަޝްރޫޢުތައް ނުނިމި ލަސްވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ މަޝްރޫޢުތައް ކަމުގެ ތަޖުރިބާއާއި ޤާބިލްކަން ނެތް ކުންފުނިތަކާއި ހަވާލުކޮށްފައިވާ ހުރުންކަމަށާއި މިފަދަ އެތައް ގޮންޖެހުންތަކަކާއެކުވެސް މަޝްރޫޢުތަކުގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު ވުޒާރާއިން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.
މީގެ އިތުރުން ވަޒީރުގެ ވާހަކަފުޅުގައި ވަނީ ފާއިތުވެދިޔަ ސަރުކާރު ނިމިގެންދިޔައިރު އެކި ކުންފުނިތަކަށް ދައްކަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދައްކާ އޮތްކަން ފާހަގަކުރައްވާ މި ސަރުކާރު ފެށުނީއްސުރެ މިހާތަނަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އެކި މަޝްރޫޢުތަކަށް 170 މިލިއަނަށްވުރެ ގިނަ ރުފިޔާ ކުންފުނިތަކަށް ދައްކާފައިވާކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
ވަޒީރުގެ ވާހަކަފުޅުގައި ވަނީ 2026 ވަނަ އަހަރުގެތެރޭގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިސްލާމީ ދާއިރާއިން ގިނަ މަޝްރޫޢުތަކެއް ނިންމާ އިފްތިތާޙް ކުރުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން މިސްކިތްތަކާއި އިސްލާމީ މަރުކަޒުތަކާއި ޤުރުއާނާއި ބެހޭ މަރުކަޒުތައް ހިމެނޭހެން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް 2026 ވަނަ އަހަރު ނިމިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މި ސަރުކާރުން މިހާރު ޢިމާރާތް ކުރަމުންދާ މިސްކިތްތަކާއި އިސްލާމީ މަރުކަޒުތަކުގައި ރަނގަޅު ވަސީލަތްތައް ޤާއިމް ކުރުމަކީ އަމާޒެއްކަމަށާއި އެގޮތުން ހއ. ދިއްދޫގައި މިހާރު މަސައްކަތް ނިމިފައިވާ އިސްލާމީ މަރުކަޒުގެ ހުޅުވޭއިރު އެ މަރުކަޒު ހުޅުވިގެންދާނީ ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮތްޕެއްގެ ގޮތުގައިިކަމަށާއި ހުރިހާ ވަސީލަތެއް ޤާއިމް ކުރެވި ލައިބްރަރީވެސް ޤާއިމްކުރެވިގެންދާނެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ، އަމާޒަކީ މިސްކިތްތަކާއި މަރުކަޒުތަކަކަކީ ޢިލްމީ އަދި އިޖުތިމާޢީ ފައިދާތައް މުޖުތަމަޢުތަކަށް ކުރާނެ ތަންތަނަށް ހެދުންކަމަށެވެ.
ވަޒީރުގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުއްވުމަށް މި ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މި ސަރުކާރުން މުޅި ރާއްޖޭގައި ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުއްވުމަށް ގިނަގުނަ މަަސައްކަތްތަކެއް ކުރަމުން ގެންދާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮފިތައް ޤާއިމް ކުރުމަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު އިޢުލާން ކުރައްވާފައިވާ ސިޔާސަތެއްކަމަށާއި މިއާއެކު ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުން އިތުރު ހަރުފަތަކަށް ގެންދެވޭނެކަމަށެވެ.
ވަޒީރު ވިދާޅުވީ، މި ދައުރުގެ ތެރޭގައި 500 ޙާފިޡުން އުފެއްދުމަށް އަމާޒު ހިފާފައިވާކަމަށާއި ފާއިތުވެދިޔަ ރަމަޟާން މަހުގެ 27 ވިލޭރޭ ބޭއްވުނު ޙާފިޡުންގެ ދަސްވެނިވުމުގައި 24 ޙާފިޡުން ދަސްވެނިވެފައިވާއިރު 1447 ވަނަ އަހަރުގެ ދަސްވެނިވުމުގައި 50 އަށްވުރެ ގިނަ ޙާފިޡުން ދަސްވެނިވާނެކަމަށް ލަފާކުރެެވޭކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޙާފިޡުންނަށް ދެމުންދާ އެލަވަންސް ދެގުނައަށް އިތުރުކުރެވި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދު ފުރިހަމަކުރެވިފައިވާކަން ވަޒީރުވަނީ ފާހަގަކުރައްވާފައެވެ.
ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އިސްލާމީ ދާއިރާގެ މަޝްރޫޢުތަކުގެ މަސައްކަތް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ގާތުން ބައްލަވާކަމަށާއި މަސައްކަތްތައް ވީހާވެސް އަވަހަށް ނިންމުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.