24 އޮކްޓޫބަރު 2025
ހުޅުމާލޭގެ 1 ވަނަ ފޭސް އާއި 2 ވަނަ ފޭސް ގުޅޭ ސަރަހައްދު، ފޮޓޯ؛ އެޗްޑީސީ

ބޭންކިން ނިޒާމުގެ ތެރެއިން ގެދޮރު ގަތުމަށް ބޭނުންވާ ފައިސާ އަގުހެޔޮކޮށް ހޯދައިދިނުމަށް ފަންޑެއް ޤާއިމުކޮށްފި

ގެދޮރުވެރިކަން ހާސިލުކުރަން ބޭނުންވާ ފަރާތްތަކަށް ބޭންކިން ނިޒާމުގެ ތެރެއިން އަގުހެޔޮކޮށް ފައިނޭންސް ލިބޭނެ މަގުފަހިކުރުމުގެ ގޮތުން "އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ ސްކީމް" (INAFS) ގެ ދަށުން ޚާއްސަ ފަންޑެއް ޤާއިމުކޮށްފިއެވެ. މި ފަންޑު ޤާއިމުކޮށްފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިހާރު ގެޒެޓުކޮށްފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ ސްކީމާބެހޭ ގަވާއިދުގެ ދަށުންނެވެ.

މި ސްކީމް ހިންގުމުގެ މައިގަނޑު މަޤުޞަދަކީ، އިސްލާމިކް ފައިނޭންސިންގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޚާއްސަކޮށް މާލެ ސަރަހައްދުގައި ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށް އަގުހެޔޮ ފައިނޭންސިންގެ ހައްލެއް ހޯދައިދިނުމެވެ. މި ގަވާއިދާއެކު އުފެދުނު މި ސްކީމް ހިންގުމަށް ހަމަޖެހިފައިވަނީ ފަސް އަހަރުގެ މުއްދަތަށެވެ. މި ގަވާއިދުގައިވާ ގޮތުން ސްކީމާއި ފަންޑު ހިންގާނީ އެކަމަށް އެމްއެމްއޭއިން ކަނޑައަޅާ މާލީ އިދާރާއަކުންނެވެ.

މި ފަންޑަށް ފައިސާ ޖަމާކުރާނެ ގޮތެއް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން، އެމްއެމްއޭއިން އެހެން ގޮތަކަށް ކަނޑަނާޅާހައި ހިނދަކު، ރާއްޖޭގެ ކޮންމެ ބޭންކަކުން ވެސް، އެ ބޭންކަކަށް ލޯނާއި ދަރަނީގެ ގޮތުގައި ލިބެންޖެހޭ ޖުމުލަ ފައިސާގެ ތެރެއިން 10 އިންސައްތައާއި 15 އިންސައްތައާ ދެމެދުގެ އަދަދެއް މި ފަންޑަށް ދޫކުރަންޖެހޭނެއެވެ. މިއީ ގެދޮރު ގަތުމަށް ދޫކުރާ ފައިނޭންސްއަށް ބޭނުންވާ ފައިސާ ބޭންކިން ނިޒާމުގެ ތެރެއިން ހޯދައިދިނުމަށް ވެދެވޭ މުހިންމު އެހީތެރިކަމެކެވެ.

އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ ސްކީމްގެ ދަށުން ދިނުމަށް ހަމަޖެހިފައިވަނީ ދެ ބާވަތެއްގެ ފައިނޭންސިން ފެސިލިޓީއެވެ. އެއީ 'ޓައިޕް އޭ ފައިނޭންސިންގ ފެސިލިޓީ' އާއި 'ޓައިޕް ބީ ފައިނޭންސިންގ ފެސިލިޓީ' އެވެ. މި ދެ ފެސިލިޓީގެ މުއްދަތު އެމްއެމްއޭއިން އެހެން ގޮތަކަށް ކަނޑަނާޅާހައި ހިނދަކު މަދުވެގެން 25 އަހަރު ދުވަހަށް ދިގުވާނެއެވެ. ނަމަވެސް، ފެސިލިޓީ ނަގާ ފަރާތުން ކުރު މުއްދަތެއް ހަމަޖައްސަން އެދިއްޖެނަމަ، އެ މުއްދަތެއް ހަމަޖެއްސޭނެކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު