24 އޮކްޓޫބަރު 2025
ޗައިނާގެ ޗޮންޗިން އެއަރލައިނަށް އައު ޓާމިނަލުން ޚިދުމަތް ފެށުން، ފޮޓޯ؛ އެމްއޭސީއެލް

ޗައިނާގެ ޗޮންޗިން އެއަރލައިނަށް އައު ޓާމިނަލުން ޚިދުމަތް ދޭން ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އައު ފަސިންޖަރ ޓާމިނަލް، ޓާމިނަލް 1 އިން ޗައިނާގެ ޗޮންޗިން އެއަރލައިނަށް ޚިދުމަތް ދޭން ފަށައިފިކަން އެއަރޕޯޓް އޮޕަރޭޓްކުރާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވަނީ އިއުލާނުކޮށްފައެވެ. މިކަމުގެ ސަބަބުން ޗޮންޗިން އެއަރލައިނަކީ ޓާމިނަލް 1 އިން ޚިދުމަތް ދޭން ފެށި 12 ވަނަ އެއަރލައިންގެ ގޮތުގައި ވެގެންދިޔައެވެ. މި ހިދުމަތް ފެށުން ފާހަގަކުރުމަށްޓަކައި ޚާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ.

މި ހަފްލާ ޝަރަފުވެރިކޮށްދެއްވީ އެމްއޭސީއެލްގެ ބޯޑު ޑިރެކްޓަރު އިބްރާހިމް މަހުދީއެވެ. އައު ޓާމިނަލުން ޚިދުމަތް ދިނުމަށް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން ޗޮންޗިން އެއަރލައިންގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވިފައިވެއެވެ. މިފަދަ ބޮޑެތި އެއަރލައިންތައް އައު ޓާމިނަލަށް ބަދަލުކުރުމަކީ އެމްއޭސީއެލްގެ އަމާޒެވެ.

އަލަށް ފެށި މި ޚިދުމަތާ ގުޅިގެން ޓާމިނަލް 1 އިން އެ އެއަރލައިނުގައި ދަތުރުކުރި 142 ފަސިންޖަރުންނަށް ވަނީ ހަދިޔާ އަރުވާފައެވެ. މީގެ އިތުރުން މަގުބޫލު ޗައިނާ ސިޓީއަކުން ޓާމިނަލް 1 އަށް ކައިރި ކުރި ޗޮންޗިން އެއަރލައިންގެ ފުރަތަމަ މަތިންދާ ބޯޓުން ރާއްޖެ އައި 79 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައެވެ. މިކަމުގެ ސަބަބުން މުޅި އެއަރޕޯޓަށް ވަނީ އުފާވެރި މާހައުލެއް ގެނެސްދީފައެވެ.

މި ހާއްސަ ހަފްލާގައި ވިލާ ޓްރެވަލްސްގެ އެއަރޕޯޓް ސްޓޭޝަން މެނޭޖަރު މުހައްމަދު ފައްޔާޒު އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އެހެނިހެން އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ. ޗައިނާގެ އެންމެ ބޮޑު އެއް އެއަރލައިން ކަމަށްވާ ޗައިނާ ސަދާން އެއަރލައިންސްގެ ދަށުން ހިންގާ ޗޮންޗިން އެއަރލައިނަކީ 24 ޖޫން 2024 ގައި ރާއްޖެއަށް ދަތުރުތައް ފެށި އެއަރލައިނެކެވެ.

އެމްއޭސީއެލްގެ އަމާޒަކީ ދިވެހިރާއްޖެއަށް ދަތުރުކުރާ ކޮންމެ އެއަރލައިނަކަށްވެސް އެންމެ ފުރިހަމަ އަދި ރަނގަޅު ފެންވަރުގެ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ. ޗޮންޗިން އެއަރލައިންއަށް ޓާމިނަލް 1 އިން ޚިދުމަތް ދޭން ފެށުމަކީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ދަތުރުފަތުރުގެ ދާއިރާއަށް އިތުރު ފަސޭހަތަކެއް ގެނެސްދޭނެ ކަމެއް ކަމަށް ބެލެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު