ދިވެހިރާއްޖޭގެ އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ކާމިޔާބީ ފާހަގަކުރުމާއި، އެފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާގެ އިސްނެންގެވުމާއެކު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ)އިން ދިނުމަށް ހަމަޖެހިފައިވާ މޯލްޑިވްސް އެމް.އެސް.އެމް.އީ އެވޯޑްސް 2025 ގެ ޢާންމުންގެ މަޤުބޫލުކަމާއެކު ހޮވާ އެވޯޑުތަކުގެ ނޮމިނޭޝަންތައް އިޢުލާންކޮށްފިއެވެ. ބީ.ސީ.ސީން ވިދާޅުވެފައިވަނީ، މި ބައިގައި 7 ދާއިރާއެއްގެ ވިޔަފާރިތައް ވާދަކުރުމަށް ކަނޑައެޅިފައިވާ ކަމަށެވެ.
މޯލްޑިވްސް އެމް.އެސް.އެމް.އީ އެވޯޑްސް 2025 އަށް ފޯމު ހުށަހެޅުމަށް 11 ގިންތިއަކަށް ހުޅުވާލާފައިވާއިރު، އޭގެ ތެރެއިން ޢާންމުންގެ ވޯޓަށް ހުޅުވާލެވިފައިވާ ބައިތަކަށް ވާދަކުރާ 7 ދާއިރާއެއްގެ ނޮމިނޭޝަން ވަނީ ކަނޑައެޅިފައެވެ. މި ދާއިރާތަކުގެ ތެރޭގައި ކާބޯތަކެތި އުފެއްދުމުގެ ދާއިރާއާއި، ލައިފް ސްޓައިލް ބްރޭންޑާއި، އަންނައުނު ފަރުމާ ކުރުމާއި ފެޝަންގެ ދާއިރާ ހިމެނެއެވެ. މީގެ އިތުރުން މުނިފޫހިފިލުވުމުގެ ދާއިރާއާއި، ކުރެހުމާއި އަތްތެރި މަސައްކަތުގެ ދާއިރާއާއި، ފޮޓޯގްރެފީގެ ދާއިރާގެ އިތުރުން އެންމެ މަޤުބޫލު މާކެޓިންގ ފަރމް ހިމެނެއެވެ.
ކާބޯތަކެތި އުފެއްދުމުގެ ދާއިރާއިން ވާދަކުރާ ފަރާތްތަކުގެ ތެރޭގައި މައި ކޭކްސް އެންޑް ސްވީޓްސް، ޕަލާޓޯ، ފުޑީސް، ބާބާ ކާޑިޔާ އަދި މެރާކީ ހިމެނެއެވެ. ލައިފް ސްޓައިލް ބްރޭންޑްގެ ގޮތުގައި ޓްރޮޕިކަލް ޑިޒައިންސް، ޝޮޕް އެޓް މަރީ، އައިލެންޑް ޓަޗް މޯލްޑިވްސް، ޓޮޑީ އަދި ބަސްކް ހިމެނެއެވެ. އަދި އަންނައުނު ފަރުމާ ކުރުމާއި ފެޝަންގެ ދާއިރާއިން ފާތިމާ، ލައިބާ، ލިންކޯ، މުނިކާ އަދި ފަލަކް ވަނީ ނޮމިނޭޓްވެފައެވެ. މުނިފޫހިފިލުވުމުގެ ދާއިރާއިން ޑިޓިއުން ބޭންޑް އާއި ސާދަތިރީސްއަށެއް ވާދަކުރާ އިރު، އެންމެ މަޤުބޫލު މާކެޓިންގ ފަރމްގެ ގޮތުގައި ލޫޕް ކްރާފްޓް، ޕަބްލިސިޓީ ބިޔުރޯ އަދި އޯޕަން ސްކައި ގްރޫޕް ހިމެނެއެވެ.
ޢާންމުންގެ ވޯޓަށް ހުޅުވާލާފައިވާ މި ދާއިރާތަކަށް ވޯޓުދިނުމުގެ ސުންގަޑިއަކީ 3 ނޮވެމްބަރ 2025 ވާ ހޯމަ ދުވަހުގެރޭ 12:00 އެވެ. ޢާންމުންގެ މަޤުބޫލު އެވޯޑުތަކުގެ އިތުރުން ފަނޑިޔާރުން ހޮއްވަވާ 13 ގިންތިއަކުންވެސް ވިޔަފާރިތަކަށް އެވޯޑު ދިނުމަށް ހަމަޖެހިފައިވެއެވެ. މި ދާއިރާތަކަށް ހުށަހެޅުނު ފަރާތްތަކުގެ އިވެލުއޭޝަން މަރުޙަލާ މިހާރު ވަނީ ފެށިފައެވެ. މި އެވޯޑުތަކަށް އެންމެކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ވަރަށް ބޮޑު ތަރުޙީބެއް ލިބިފައިވާކަން ބީ.ސީ.ސީން ފާހަގަކުރައްވައެވެ.
އެމް.އެސް.އެމް.އީ އެވޯޑްސްއަކީ ދިވެހިރާއްޖޭގެ ކުދި ވިޔަފާރިތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގު ވަޒަންކޮށް، އެފަރާތްތަކަށް އައު ބާޒާރުތަކަށް މަގުފަހިކޮށް، އިތުރު ހިތްވަރެއް ދިނުމަށް މަގުފަހިކޮށްދޭނެ އެވޯޑެކެވެ. މި އެވޯޑުތަކުގެ ސަބަބުން ދިވެހި މަސައްކަތްތެރިންގެ އުފެއްދުންތެރިކަމާއި، ހުނަރު، އަދި ކުރިއެރުން ފާހަގަވެ، އިޤްތިޞާދަށް ކުރާ އަސަރު އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.



