ތަނަށްއައި "ދީންމުގުރާތީ" އަކުންނޭތަން ފަސާދަމިވީ
ތަނަށްބަލިމަޑުކަމެއްހެން ފެތުރިގެންނޭތަން ޚަރާބުމިވީ
ޞުލްޙަވެރި ރީތިސާދާ ދިރިއުޅުން އުޅެމުން މިއައިދިވެހީން
ޚުލްޤުނެތް ވަލުގެޖަނަވާރާއި އެއްހަމަޔަށް މިތިބަގެނުވީ
ނެތޭ ދީނަށްފެތޭ އެއްވެސްކަމެއްމީގައި ބަލައިލާއިރު
ނެތޭ ފެންނަން ދޮގާ މަކަރާއި ޙީލަތްނޫންކަމެއްމެނުވީ
މުނާފިޤުކަމުގެ ފޭރާމެއް ގަޔަށްލައި މަތިއޮމާކޮށްގެން
ގުނައިއަދަދެއްނުވާ ހަމަނުޖެހުމޭ ތަނުގައި އުފަންކުރުވީ
ހަތުރު މިތުރުންކަމަށް ހަދަމުން ކަތުރުފަނިހެން ސިކުނޑިހަފަމުން
ހަތަރުއަނގޮޅީމެދަށް އައުމުން މަކަރުވެރި ތާޖެކޭ އެޅުވީ
ނެތޭ ރައްބެއް ރަސޫލެއް އަދި ޤަދަރުވެރިއެއް މައެއްބަފައެއް
ފެތޭ މުސްލިމް އެ ގިއުގަނަޑުރީތި ރޫޅާ ފުނޑުފުނޑޭކުރުވީ
ޢަހުދު ވަޢުދަށް ކަމޭހިތުމާ ބަހުގެ މީހުންގެ އަގުހުރުމާ
އަހުރަވެތިކަން ހިތުގެއޮތުމާ މިކަންކަން ހިތްތަކުންފިލުވީ
ހޮރަކު ހިނިތައް ދެމޭފަދައިން ކޮރަޕްޝަން އޭގެއެންމެ މަތިން
ދޮރަކުގޮސް ޓަކިނުދޭ އެއްވެސް ގެއެއްނެތްފެންވަރަށްގެނުވީ
ހުދާފެއްސާރަތުގެ އަސަރާ އެއަށް ދިވެހީންއެދިން ޤަދަރާ
ނުދާ އެކުވެރިކަމުގެބާރާ ކޮބައިހޭ؟ އަދު އަތުން ބީވީ
ކޮބައިހޭ؟ ލޯބިޤައުމަށްއޮތް ކޮބައިހޭ؟ ކުލުނު ވަޠަނަށްއޮތް
އޮބާލައި ލޯމަތީންދިއުމުގެ ސަބަބަކަށް ކޮންކަމެއްހޭވީ؟
ވަތަށްއޮތްފުށް ޖަހައިމައްޗަށް އަތަށްއައިބާރުގައި އަވަހަށް
އަތަށް މޮޔައެއްގެ ކަނޑިދިނުމުން ވެދާނެގޮތޭ މިހާރުމިވީ
25 ނޮވެމްބަރު 2025
*عبدالعزيزقاسم
ލިލީ ނ.މަނަދޫ



