29 ޑިސެންބަރު 2025

ވަގުތީ ޗެއަރޕާސަން ހޮވުމުގެ ކަންތަކުގައި އެމްޑީޕީގެ ގައުމީ މަޖިލިސް ބޮޑު ޒުވާބަކަށް

އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން ހޮވުމުގެ ކަންތަކުގައި އެމްޑީޕީގެ ގައުމީ މަޖިލިސް ބޮޑު ޒުވާބަކަށް ގޮސްފިއެވެ.

ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު ހޮވުމަށް ރޭ ބޭއްވި ގައުމީ މަޖިލިހުގެ ޖަލްސާ ވަކި ހިސާބަކުން ހުއްޓާލާފައިވަނީ، ފެންނަ ނުފެންނަ ވޯޓާ ގުޅޭ ކަންކަން ހޫނުވެ، ބޮޑެތި ޒުވާބުތަކެއް އުފެދުމާ ގުޅިގެންނެވެ. މި ބައްދަލުވުން ބޭއްވީ، ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިދިޔަ އާދިއްތަ ދުވަހުގެ ރޭ ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ވަގުތީ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލެއްވީ ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދެވެ. އަދި އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަސްލަމް ވެސް މި މަގާމަށް ޝައުގުވެރިކަން ފާޅުކުރެއްވި ނަމަވެސް، އަސްލަމަކީ ގައުމީ މަޖިލިހުގެ މެމްބަރަކަށް ނުވާތީ، އޭނާ އަށް ޗެއާޕާސަންގެ މަސްއޫލިއްޔަތު އަދާކުރެއްވިދާނެތޯ ސުވާލު އުފެދިފައި އޮތެވެ.

ވަހީދުގެ ނަން ހުށަހެޅުނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުންނެވެ. އަދި އަސްލަމްގެ ނަން ހުށަހަޅަން އުޅުނީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ފެކްޝަނުންނެވެ. ބައްދަލުވުމުގައި ފުރަތަމަ ވޯޓަށް އެހީ ވަހީދުގެ ނަމަށެވެ. ވަގުތީ ޗެއާޕާސަން ކަމަށް ވަހީދު އައްޔަން ކުރަން ފެންނަ ކަމަށް 47 މީހަކު ވޯޓު ދިން ނަމަވެސް، މިރޭގެ ބައްދަލުވުމަށް 95 މެމްބަރަކު ހާޒިރުވިއިރު، ވަހީދުގެ ނަން ފާސްވާން 48 ވޯޓު ބޭނުންވެ އެންމެ ވޯޓެއް މަދުވިއެވެ.

"މިހާރު" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ވަހީދަށް ފުރުސަތު ގެއްލުމުން، އަސްލަމްގެ ނަން ހުށަހަޅަން އުޅުނު ހިސާބުން މަސްލަހަތު ގޯސްވެ، ބޮޑު ޒުވާބަކަށް ދިޔައީ އިދިކޮޅު ފެކްޝަނުން އަސްލަމްގެ ނަން ހުށަހަޅަން ފުރުސަތު ނުދިނުމުންނެވެ. ގައުމީ މަޖިލިހުގެ މެމްބަރަކު ވިދާޅުވި ގޮތުގައި، ޒުވާބު ކުރަން ފެށި ގޮތަށް ބައްދަލުވުން ކުރިއަށް ގެންދެވޭ ގޮތެއް ނުވެ، އެއްބަޔަކު އަނެއް ބަޔަކު އަރައިގަންނަ ހިސާބުގައި ތިއްބެވުމުގެ ސަބަބުން ބައްދަލުވުން ނިންމާލީއެވެ.

މި ބައްދަލުވުމުގެ ރިޔާސަތުގައި އިންނެވީ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) އެވެ. އޭނާއަކީ ކުރީގެ ޗެއާޕާސަން ފައްޔާޒުގެ ފެކްޝަންގެ އިސް މެމްބަރެކެވެ. ބައްދަލުވުން ނިންމައިލުމަށް ފަހު ވެސް އިވެންޓު ހޯލުގެ ބޭރުގައި ދެ ފެކްޝަންގެ މެމްބަރުންގެ މެދުގައި ހޫނު ޒުވާބުތަކެއް ހިނގާފައިވެއެވެ.

ޗެއާޕާސަންގެ މަގާމުން ފައްޔާޒު އިސްތިއުފާ ދެއްވި މައިގަނޑު އެއް ސަބަބަކީ، ކުރީގެ ރައީސް ނަޝީދާއި ރައީސް ޞާލިހާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުން އަރައި ނުގަނެވުން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. ފައްޔާޒު ފާހަގަކުރެއްވި ގޮތުގައި، މާޒީގައި ހިތަށްވީ ތަދުގެ ބަދަލު ހޯދަން އުޅެގެން އެމްޑީޕީ އަށް ކުރިއެރުން ލިބޭ ތަން ފެނިވަޑައިނުގަންނަވާ ކަމަށާއި، ކުރިމަގު އޮތީ އެންމެން އެއްވެގެން ކަމަށެވެ.

ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމާ ގުޅިގެން އެ މަނިކުފާނު ބަލައިގަތުމާ މެދު ބޮޑު ދެބަސްވުމެއް ވަނީ އުފެދިފަ އެވެ. މީގެ އިތުރުން، 2028 ގެ ރިޔާސީ އިންތިހާބަށް ނެރޭނެ ކެންޑިޑޭޓަކު ކަނޑައެޅުމުގައި ވެސް އެމްޑީޕީ މިހާރު ވަނީ ބައިބައިވެފަ އެވެ. އަދި ދާދި ފަހުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕެއްގައި 2023 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީ ފެއިލްވި މައްސަލާގައި ނަޝީދާއި ޞާލިހާ ދެމެދު ޒުވާބެއް ހިނގާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު