ޣައްޒާގެ އިދާރީ އަދި ސަރުކާރުގެ ހިންގުން "ނޭޝަނަލް ޣައްޒާ އެޑްމިނިސްޓްރޭޝަން ކޮމިޓީ" އާ ހަވާލުކުރުމަށް ބޭނުންވާ ހުރިހާ އިޖުރާއަތްތަކެއް ފުރިހަމަކޮށްފައިވާ ކަމަށް ހަމާސް ޖަމާއަތުން މިއަދު އިއުލާނުކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ ޣައްޒާގެ ކޮންޓްރޯލާ މެދު ހިޔާލުތަފާތުވުންތައް އުފެދިފައިވާ ދަނޑިވަޅެއްގައި، ހަރުކަށި ފިޔަވަޅުތަކާއެކު ރަފަހް ބޯޑަރު އަލުން ހުޅުވާލާފައިވާ ވަގުތެއްގައެވެ.
ހަމާސްގެ ތަރުޖަމާނު ހާޒިމް ގާސިމް ވިދާޅުވީ، ސަރުކާރުގެ ވުޒާރާތަކާއި އިދާރީ ދާއިރާތައް ކޮމިޓީއާ ހަވާލުކުރުމުގެ މަސައްކަތް ބެލެހެއްޓުމަށްޓަކައި ހާއްސަ ސުޕަވައިޒަރީ ބޮޑީއެއް އެކުލަވާލާފައިވާ ކަމަށެވެ. މި ބޮޑީގައި ފަލަސްތީނުގެ އެކި ފެކްޝަންތަކާއި، ގަބީލާތަކުގެ މަންދޫބުންނާއި، މަދަނީ ޖަމިއްޔާތަކުގެ އިތުރުން ބައިނަލްއަގުވާމީ މުއައްސަސާތަކާ ގުޅުންހުރި ފަރާތްތައް ހިމެނޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ގާސިމް އިތުރަށް ވިދާޅުވީ، ޣައްޒާގައި ހިނގަމުންދާ ހަނގުރާމައަށް ފަހު އެ ސަރަހައްދު އަލުން އާރާދުކުރުމުގެ މަސައްކަތް ފެށުމަށްޓަކައި، ކޮމިޓީގެ މަސައްކަތްތަކަށް ހުރިހާ ފަރާތްތަކުން އެއްބާރުލުން ދިނުމަށް ގޮވާލާ ކަމަށެވެ. މި ކޮމިޓީން މަސައްކަތް ފަށާނީ އެ ކޮމިޓީގެ މެންބަރުން ޣައްޒާއަށް ވަނުމުން ކަމަށްވެސް ހަމާސް އިން ބުނެއެވެ.
މީގެ އިތުރުން، އިސްރާއީލުން ޣައްޒާގައި ޖާސޫސުންނާއި އެހީތެރިން ތިބި ކަމަށް ބުނާ ސަރަހައްދުތަކަށް ހަމަލާދެމުންދާ ކަމަށްވެސް ހަމާސް އިން ވަނީ ތުހުމަތުކޮށްފައެވެ. މި ހުރިހާ ކަމެއްގެ ތެރެއިން ރަފަހް ބޯޑަރު ހުޅުވާލާފައިވީ ނަމަވެސް، އެތަނުގެ ކޮންޓްރޯލާ ބެހޭގޮތުން އަދިވެސް ވަނީ ސުވާލު އުފެދިފައެވެ.


