ދަރިފުޅު ނަމާދަށް ލޯބިޖެއްސުމަށް އިރުޝާދެއް!

ދަރިންނަކީ މާތްﷲ އަޅުގަނޑުމެންނާ ހަވާލުކުރައްވާފައިވާ ވަރަށް ބޮޑު އަމާނާތެކެވެ. މި އަމާނާތް ހެޔޮގޮތުގައި ބެލެހެއްޓުމަށްޓަކައި އެކުދިންނަށް ދީނީ އަގީދާ އުނގަންނައިދީ، ނަމާދަށް ލޯބިޖެއްސުމަކީ ކޮންމެ މައިންބަަފައިގެ މައްޗަށް އޮތް ވާޖިބެކެވެ. ކުޑަކުދިންނަކީ ފިތުރަތުގެ ސާފުކަންމަތީ ތިބޭ ބަޔަކަށްވާއިރު، އެކުދިންގެ ހިތްތަކުގައި ނަމާދަށް ލޯބި ޖެއްސުމަށްޓަކައި މައިންބަފައިން ހާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ.

ދުއާކުރުމާއި ނަމޫނާ ދެއްކުން
ދަރިންނަކީ ނަމާދު ގާއިމުކުރާ ބަޔަކު ކަމުގައި ލެއްވުން އެދި މާތްﷲގެ ހަޟުރަތުގައި ގިނަގިނައިން ދުޢާކުރުމަކީ އެންމެ ފުރަތަމަ ކުރަންޖެހޭ ކަމެވެ. ހަމައެއާއެކު، މައިންބަފައިންނަކީ ނަމާދަށް ރައްކާތެރިވާ ބަޔަކަށް ވާންޖެހެއެވެ. ކޮންމެ ކަމެއްގައި މަސްއޫލުވެ އުޅުނު ކަމުގައިވިޔަސް، ނަމާދު ވަގުތުވުމުން އެކަމެއް ހުއްޓާލައި ނަމާދަށް އަވަސްވެގަތުމުގެ އާދަ ދަރިންނަށް ދައްކަން ވާނެއެވެ. މައިންބަފައިންނަކީ ނަމާދަށް އިސްކަންދޭ ބަޔަކަށް ވެއްޖެނަމަ، ދަރިންވެސް އެކަން ނަމޫނާއެއްގެ ގޮތުގައި ބަލައިގަންނާނެއެވެ.

ދަރިފުޅު ނަމާދުގައި ބައިވެރިކުރުން
ދަރިފުޅު ތަންދޮރު އެނގޭވަރު ވުމުން، ބައްޕަ މިސްކިތަށްދާއިރު ފިރިހެން ދަރިފުޅު ގޮވައިގެން ދިއުމަކީ ނަމާދަށް ލޯބިޖެއްސުމަށް ކުރެވިދާނެ ވަރަށް މުހިއްމު ކަމެކެވެ. ހަމައެފަދައިން، މަންމަ ގޭގައި ނަމާދުކުރާއިރު ދަރިފުޅު ކައިރީގައި ބަހައްޓައިގެން ނަމާދުކުރުމުން، ނަމާދުކުރާ ގޮތާއި އޭގެ މުހިއްމުކަން ދަރިފުޅަށް އިހުސާސްވާނެއެވެ. މިކަމުގެ ސަބަބުން ނަމާދަކީ ދިރިއުޅުމުގެ ބައެއްގެ ގޮތުގައި ދަރިފުޅު ދެކެން ފަށާނެއެވެ.

އެކުވެރިންނާއި ހިތްވަރުދިނުން
ކުދިންގެ އަހުލާގަށް އެންމެ ބޮޑު ނުފޫޒެއް ފޯރުވާ އެއް ބަޔަކީ އެކުދިންގެ އެކުވެރިންނެވެ. އެހެންކަމުން، ދަރިފުޅުގެ އެކުވެރިންނަކީ ނަމާދު ގާއިމުކުރާ ކުދިންތޯ ބެލުމަކީ މުހިއްމު ކަމެކެވެ. ނަމާދު ނުކުރާ ކުދިންނާ އެކުވެރިވިޔަ ނުދީ، ހެޔޮލަފާ ރަނގަޅު ކުދިންނާ ގުޅުން ބަދަހިކުރުމަށް ބާރުއަޅަންޖެހެއެވެ. މީގެ އިތުރުން، ދަރިފުޅު ނަމާދަށް ރައްކާތެރިވާނަމަ އެކަމުގެ އަގުވަޒަންކޮށް، ހިތްވަރުދީ، ތައުރީފުކުރުމަކީ އެކަމުގައި ދެމިހުރުމަށް ދަރިފުޅަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެކެވެ.

ޖުމްލަގޮތެއްގައި ދަރިން ނަމާދަށް ލޯބިޖެއްސުމަކީ ކެތްތެރިކަމާއެކު ކުރަންޖެހޭ މަސައްކަތެކެވެ. ދުޢާކުރުމާއި، އަމަލީ ނަމޫނާ ދެއްކުމާއި، ރަނގަޅު މާހައުލެއް ގާއިމުކޮށްދިނުމަކީ ދަރިންނަކީ ނަމާދު ގާއިމުކުރާ ބަޔަކަށް ހެދުމަށްޓަކައި އެޅޭނެ އެންމެ ވަރުގަދަ ފިޔަވަޅުތަކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ