ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް ރަށްރަށަށް ވަޑައިގަތުމުގެ ވިސްނުން ނުގެންގުޅުއްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިކަން ހާމަކުރެއްވީ ޕީއެންސީން ބޭއްވި ތަރާވީހެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު ރައްޔިތުންގެ ގާތަށް ވަޑައިގަންނަވަނީ ގައުމީ ވިސްނުމެއްގައި، ހަވާލުކުރެވިފައިވާ ޒިންމާތައް އަދާކުރުމަށެވެ. އަދި އިންތިހާބަކާ ދިމާކޮށް ކެމްޕެއިން ކުރުމުގެ ބޭނުމުގައި ރަށްރަށަށް ދިއުމުގެ ބަދަލުގައި، ސަރުކާރުގެ ބޮޑު މަޝްރޫއެއް ނިމިގެން އެކަން ފާހަގަކުރުމަށް ރައްޔިތުން އެދިއްޖެ ނަމަ އެ ރަށަކަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.

މީގެ ކުރިން ރާއްޖޭގެ ރައީސުން އިންތިހާބުތަކާ ދިމާކޮށް ރަށްރަށަށް ވަޑައިގަންނަވާ އުސޫލާ މި ސަރުކާރުގެ ވިސްނުން ތަފާތުކަން ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން ބޭނުންވަނީ ވީ އެންމެ އަވަހަކަށް ރައްޔިތުންނާ ބައްދަލުކޮށް ކަންކަން ކޮށްދިނުމަށް ކަމަށެވެ.
ރައީސް މުއިއްޒު ވަނީ ވެރިކަމުގެ ފުރަތަމަ ދެ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގަތުމުގެ އަމާޒު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ހާސިލްކުރައްވާފައެވެ. ރައީސް އޮފީހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެމަނިކުފާނު ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށަށް ވަޑައިގެންފައެވެ. މީގެ އިތުރުން 63 ރަށަކަށް ދެވަނަ ފަހަރަށް ވެސް ޒިޔާރަތްކުރައްވާފައިވެއެވެ.


