ރިޔާޟުގައި ހުންނަ އެމެރިކާ އެމްބަސީއަށް ޑްރޯން ހަމަލާތަކެއް ދީފި

ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟުގައި ހުންނަ އެމެރިކާގެ އެމްބަސީއަށް ދެ ޑްރޯން ހަމަލާއެއް އަމާޒުވެފައިވާ ކަމަށް ސައުދީ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ. މި ހަމަލާގެ ސަބަބުން އެމްބަސީގައި ކުޑަ އަލިފާނުގެ ހާދިސާއެއް ހިނގައި، ބައެއް ތަންތަނަށް ކުދިކުދި ގެއްލުންތައް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސައުދީ އަރަބިއްޔާގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެމެރިކާގެ މިޝަނުން ކުއްލި އިރުޝާދެއް ނެރެފައިވެއެެވެ. މި އިރުޝާދު ނެރެފައިވަނީ ޖިއްދާ، ރިޔާޟް އަދި އެހެނިހެން ސަރަހައްދުތަކުގައި ތިބި އެމެރިކާގެ ރައްޔިތުންނަށެވެ. މި ފިޔަވަޅަކީ ސައުދީއަށް ދެވޭ ޑްރޯން ހަމަލާތަކާ ގުޅިގެން ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅި ފިޔަވަޅެކެވެ. އެގޮތުން، އެމެރިކާ ރައްޔިތުން ތިބި ތަންތަނުގައި މަޑުކުރުމަށާއި ސަމާލުވުމަށް ވަނީ އަންގާފައެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ކޮންގްރެސްގެ ލީޑަރުންނަށް މައުލޫމާތު ދެމުން ބުނީ، އެމެރިކާއިން އީރާނަށް ހަމަލާދިނީ އިޒްރޭލުން އީރާނަށް ހަމަލާދޭނެކަން އެނގޭތީ އާއި، އޭގެ ސަބަބުން އެމެރިކާގެ ސިފައިންނަށް އީރާނުގެ ފަރާތުން ރައްދު ހަމަލާތަކެއް އަތުވެދާނެ ކަމަށް ބެލެވޭތީ ކަމަށެވެ.

ނަމަވެސް، އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވަނީ ރޫބިއޯގެ ވާހަކަތަކަށް ރައްދު ދެއްވާފައެވެ. އަރަގްޗީ ވިދާޅުވީ ރޫބިއޯގެ ވާހަކަތަކުން އެނގެނީ އެމެރިކާއަށް އެއްވެސް ކަހަލަ "ކުއްލި ނުރައްކަލެއް" ނެތްކަން ކަމަށާއި، އެމެރިކާ މި ހަނގުރާމައިގެ ތެރެއަށް ވަދެފައިވަނީ "އިޒްރޭލުގެ ފަރާތުން" ކަމަށެވެ.

މި ސަރަހައްދުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް އީރާނުން ދެމުންދާ ހަމަލާތައް އަދިވެސް ދަނީ ކުރިއަށެވެ. އެގޮތުން ބަހްރޭން އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށް ހަމަލާދީފައިވާ ކަމަށް އީރާނުން ދަނީ ދައުވާ ކުރަމުންނެވެ. ހަމައެއާއެކު، ލުބުނާނުގެ ހިޒްބުالله އިން ވެސް ވަނީ އިޒްރޭލުގެ އުތުރުގައި އޮންނަ އެއާ ބޭސްއަކަށް ހަމަލާދީފައިވާ ކަމަށް ބުނެފައެވެ.

މި ހަމަލާތަކާ ގުޅިގެން އިޒްރޭލުން ވަނީ ލުބުނާނުގެ ބެއިރޫތުގެ ދެކުނު ސަރަހައްދުތަކަށް ބޮން އަޅާފައެވެ. މި ހަމަލާތައް ދީފައިވަނީ ލުބުނާނުގެ ގާތްގަނޑަކަށް 59 ސަރަހައްދަކުން މީހުން ހުސްކުރުމަށް އަންގައި ނޯޓިސް ނެރުމަށްފަހުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ