ސްޓެލްކޯގެ ކަރަންޓާއި ގުޅުންހުރި ހުރިހާ ހިދުމަތްތަކެއް އެއް ފުރާޅެއްގެ ދަށުން ފަސޭހަކަމާއެކު ލިބޭނެ ގޮތަށް ފަރުމާކޮށްފައިވާ ކަސްޓަމަރ ސަރވިސް ޕޯޓަލް 'ވަށަނި’ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ. ޒަމާނީ ފަސޭހަތަކާއެކު ތައާރަފްކުރި މި ޕޯޓަލް އިފްތިތާހުކޮށްދެއްވީ ސްޓެލްކޯ ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރުއެވެ.
މި ޕޯޓަލްއަކީ ޚިދުމަތްތައް ވަށާޖެހި، ފަސޭހަކަމާއެކު އެއްތަނަކުން ލިބޭނެ ގޮތަށް ފަރުމާކޮށްފައިވާ ނިޒާމެކެވެ. މި ޕޯޓަލްގައި އީފާސް (eFaas) މެދުވެރިކޮށް ފަސޭހަކަމާއެކު ރަޖިސްޓްރީ ކޮށްލެވޭނެއެވެ. އަދި ޔޫ.އާރް.އޭ ގެ އިލެކްޓްރިކަލް އިންޖިނިއަރިންގ ލައިސަންސް އޮންނަ ފަރާތްތަކަށް، އެ ފަރާތެއްގެ ނަމުގައި ހުށަހެޅޭ ޚިދުމަތްތަކުގެ ފޯމުތައް ބަލައިގަނެ، އެޕްރޫވް ކުރުމުގެ ފުރުޞަތުވެސް މި ޕޯޓަލް މެދުވެރިކޮށް ލިބިގެންދާނެއެވެ.
މީގެ އިތުރުން، ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް މި ޕޯޓަލް މެދުވެރިކޮށް ކަރަންޓުގެ ޚިދުމަތްތަކަށް އެދުމާއި ފައިސާ ދެއްކުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. ކަސްޓަމަރުން ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ މައުލޫމާތާއި، ކުރިން ހޯދާފައިވާ ހިދުމަތްތަކުގެ ތަފްސީލުގެ އިތުރުން، ހިދުމަތްތަކުގެ މަރުހަލާތައް ކުރިއަށްދާގޮތުގެ އަދާހަމަ މައުލޫމާތު އެސްއެމްއެސް މެދުވެރިކޮށް ފޯނަށް ލިބެމުންދާނެ ކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ.
ޕޯޓަލް އިފްތިތާހު ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ޑރ. އަލީ އަޒުވަރު ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންނަވާ މޯލްޑިވްސް 2.0 އަދި ރާއްޖޭގެ ޑިޖިޓަލައިޒޭޝަން ޕްރޮގްރާމާއި ގުޅިފައިވާ ވަރަށް މުހިއްމު މަސައްކަތެއް ކަމަށެވެ. "ވަށާ ޖެހޭ ހިދުމަތެއް. އަޅުގަނޑުމެންގެ ހިދުމަތް އޮންލައިން ކުރެވި ޕޭޕަރލެސް ސިސްޓަމަކަށް މިވެގެން މިދިޔައީ. މިއީ އަޅުގަނޑުމެން ދުވަސްތަކެއް ވަންދެން ކުރަމުން އައި އުއްމީދެއްގެ ނިމުން. އެހެން ވީމަ މިއަދަކީ ވަރަށް ފާހަގަކޮށްލެވޭ ކުންފުނީގެ ހަޔާތުގައި މުހިއްމު ދުވަހެއް ކަމަށް އަޅުގަނޑު ދެކެނީ،" އަޒުވަރު ވިދާޅުވިއެވެ.
އަޒުވަރު އިތުރަށް ވިދާޅުވީ، މި ހިދުމަތަކީ އާންމުން ބަލައިގަންނާނެ، އަދި ކުންފުނީގެ ހިދުމަތްތައް މިހާރަށްވުރެ ބޮޑަށް ލުއިފަސޭހަކަމާއެކު ލިބިގެންދާނެ ކަމެއް ކަމަށެވެ. އަދި މި އިންޑަސްޓްރީގައި އޮންލައިންކޮށް ހިދުމަތް ދިނުމުގައި އެހެން ހަރުފަތަކަށް ގެންގޮސްދޭ މަސައްކަތަކަށް މިކަން ވާނެ ކަމަށާއި، ސްޓެލްކޯގެ ހިދުމަތްތަކަކީ 24 ގަޑި އިރު ދޭ ހިދުމަތަކަށް ވުމުން އެ ފަސޭހަ ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.


