ޤައުމީ ޞިއްޙީ ލެބޯޓަރީ ވެގެންދާނީ އެމްއެފްޑީއޭގެ މަސައްކަތްތައް ހަރުދަނާކުރުމަށް ހިންގޭ މުހިއްމު މަޝްރޫޢަކަށް

ޤައުމީ ޞިއްޙީ ލެބޯޓަރީ ވެގެންދާނީ މޯލްޑިވްސް ފުޑް އެންޑް ޑަރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ މަސައްކަތްތައް ހަރުދަނާކުރުމަށް ހިންގޭ މުހިއްމު މަޝްރޫޢަކަށް ކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ވަނީ އެމްއެފްޑީއޭގެ މަސައްކަތްތަކާއި ޞިއްޙީ ދާއިރާ ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލް ހިއްސާކުރައްވާފައެވެ.

ވަޒީރު ނާޡިމް ވިދާޅުވީ އެމްއެފްޑީއޭއަށް މި އަހަރާއި އަންނަ އަހަރު ގެނެވޭ އެންމެ ބޮޑު ކުރިއެރުމަކީ ޤައުމީ ޞިއްޙީ ލެބޯޓަރީ ޤާއިމްކުރުމުގެ މަސައްކަތް ކަމަށެވެ. މިހާރު މި ލެބޯޓަރީ ހިނގަމުންދަނީ ޞިއްޙީ ވުޒާރާ ހިނގަމުންދާ އިމާރާތުގައި ކަމަށާއި، ނަމަވެސް އެއީ ޖާގައިގެ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުން އެފަދަ ތަނެއް ހިންގުމަށް އެންމެ އެކަށީގެންވާ ތަނެއް ނޫންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މި ގޮންޖެހުންތަކަށް ހައްލު ހޯދުމުގެ ގޮތުން ސަރުކާރާއި ޔޫރަޕިއަން އިންވެސްޓުމަންޓު ބޭންކުގެ ލޯނު އެހީގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢަކީ 25 މިލިޔަން ޑޮލަރުގެ މަޝްރޫޢެކެވެ. ވަޒީރު ވިދާޅުވީ "މި މަޝްރޫޢުގެ ދަށުން ޤައުމީ ލެބޯޓަރީގެ ފީސިބިލިޓީ ހެދުމުގެ މަސައްކަތް ޖަރުމަންގެ ޖައިޓެކް ކޮންސަލްޓިން ޤްރޫޕާއި 1.2 މިލިޔަން ޑޮލަރަށް ހަވާލުކޮށްފައިވާއިރު، މީގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައި" ކަމަށެވެ. އަދި މިއަހަރުގެ ޖޫން ނުވަތަ ޖުލައި މަހުގެ ތެރޭގައި މަޝްރޫޢު ކޮންޓްރެޓްކުރުމަށް އިޢުލާންކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މި މަޝްރޫޢަށް ބޭނުންވާ 26,000 އަކަ ފޫޓުގެ ބިން ހުޅުމާލެއިން މިހާރު ވަނީ ހަމަޖެހިފައެވެ. މި ލެބޯޓަރީ ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ދެ އިމާރާތެއްގެ ގޮތުގައެވެ. އެއީ 9 ފަންގިފިލާގެ އިމާރާތަކާއި 3 ފަންގިފިލާގެ އިމާރާތެކެވެ. މީގެ ތެރެއިން އެއް އިމާރާތް ޚާއްސަކުރާނީ އެމްއެފްޑީއޭގެ އިދާރީ އަދި ޓެކްނިކަލް މަސައްކަތްތަކަށެވެ. އަދި ދެވަނަ އިމާރާތް ޚާއްސަކުރާނީ ސީދާ ލެބޯޓަރީގެ މަސައްކަތްތަކަށެވެ.

އަލަށް ޤާއިމްކުރާ ލެބޯޓަރީއާއެކު ވައިރޮލޮޖީ ރިސްކު ލެވެލް 2 އަދި 3 ގެ ވައިރަސްތައް ތަހުލީލުކުރުމުގެ އިންތިޒާމްތަކާއި، ބެކްޓީރީއާއި ގުޅުންހުރި ތަހުލީލުތައް ކުރުމުގެ ޤާބިލްކަން ލިބިގެންދާނެއެވެ. ވަޒީރު ވިދާޅުވީ މީގެ ސަބަބުން ކާބޯތަކެއްޗާއި ބޭސް ތަހުލީލު ކުރުމުގެ މަސައްކަތް ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީވެގެންދާނެ ކަމަށެވެ.

މީގެ އިތުރުން، މި ލެބޯޓަރީގެ ސަބަބުން ރާއްޖެ އެތެރެކުރާ އަދި ބޭރުކުރާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ ތަހުލީލުތައް ފުޅާވެ، ޞިއްޙީ ދާއިރާގެ ދިރާސާތަކަށް ފަހި ފުރުސަތުތަކެއް ލިބޭނެއެވެ. އަދި މި އިމާރާތުގައި ޤައުމީ އިންފްލުއެންޒާ ސެންޓަރުގެ ޚިދުމަތްވެސް ޤާއިމްވެގެންދާނެ ކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ