މަސްޖިދުލް އަޤްޞާ އިސްރާޢީލުން ބަންދުކުރުން: މިއީ ނިރުބަވެރި ޢަމަލެއް, ފޮޓޯ:އޭއެފްޕީ

މަސްޖިދުލް އަޤްޞާ ބަންދުކުރުން: މިއީ އިސްރާޢީލުގެ ނިރުބަވެރި ޢަމަލެއް

މަސްޖިދުލް އަޤްޞާއަކީ މުސްލިމުންގެ ތިންވަނަ އެންމެ މުޤައްދަސް ބިނާއެވެ. ނަމަވެސް، މީގެ ކުރިއެކޭވެސް އެއްގޮތަށް، ފަހަކަށް އައިސް އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން މި މިސްކިތް ބަންދުކޮށް، މުސްލިމުން އަޅުކަން ކުރުމަށް ހުރަސްއެޅުމަކީ އާދައިގެ ކަމަކަށް ވަނީ ހަދާފައެވެ. މިސްކިތް ބަންދުކުރުމަކީ ހަމައެކަނި ސަލާމަތީ ފިޔަވަޅެއް ނޫނެވެ. އެއީ މުސްލިމުންގެ މި މުޤައްދަސް ބިނާގެ މައްޗަށް އަތްގަދަކޮށް، އެތަނުގެ ތާރީޚާއި އިސްލާމީވަންތަ ސިފަ ބަދަލުކުރުމަށް ހިންގާ ނިރުބަވެރި ޢަމަލެކެވެ.

އިސްރާއީލުން އަބަދުވެސް މިސްކިތް ބަންދުކުރަނީ "ސަލާމަތީ ފިޔަވަޅެއް" ކަމަށް ބުނެއެވެ. ނަމަވެސް، ފަލަސްޠީނުގެ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ އެއްވެސް ނިޔަތެއް އިސްރާއީލުގެ ކިބައިގައި ނެތްކަން ހާމަވެއެވެ. ފަލަސްޠީނުގެ ގިނަ ގޭގެއަކީ ބޮމުން ރައްކާތެރިވާނެ ވަސީލަތްތައް ނެތް ތަންތަނެވެ. އެހެންކަމުން، މިސްކިތަށް ނުދެވޭ ގޮތަށް މީހުން ގޭގައި ބަންދުކުރުމަކީ އެމީހުންގެ ސަލާމަތަށް ކުރާ ކަމެއް ނޫނެވެ. މިއީ ހަމައެކަނި މުސްލިމުންގެ ދީނީ މިނިވަންކަމަށް ހުރަސްއެޅުމަށް ދައްކާ ބަހަނާއެކެވެ.

މިސްކިތް ބަންދުކުރުމުގެ ފަހަތުގައި މައިގަނޑު ދެ މަޤްޞަދެއް އޮތްކަން ފާހަގަކުރެވެއެވެ. ފުރަތަމަ ކަމަކީ، އަޤްޞާ މިސްކިތުގެ މައްޗަށް އިސްރާއީލުގެ ބާރު ހިނގާކަން ދެއްކުމެވެ. އިސްލާމީ ވަޤްފްގެ ބާރު ކަނޑުވާލައި، މިސްކިތަށް ވަދެނިކުމެވޭނެ ގޮތް ނިންމާނީ އިސްރާއީލުން ކަމަށް ކަނޑައެޅުމެވެ. ދެވަނަ ކަމަކީ، ރަމަޟާން މަހު މިސްކިތް ބަންދުކޮށްގެން، ކުރިމަގުގައި އެތަން މުޅިން ހިސާރުކުރުމަށް ބޭނުންވާ ތަމްރީނުތައް ހޯދުމެވެ. މިއީ މަޑުމަޑުން މިސްކިތުގެ ކޮންޓްރޯލް އަތުލުމަށް ރޭވިފައިވާ ރޭވުމެކެވެ.

މިއީ އިއްޔެއަކު މިއަދަކު ފެށުނު ކަމެއް ނޫނެވެ. 2017 ވަނަ އަހަރު މެޓަލް ޑިޓެކްޓަރު ހަރުކުރުމާއި، 2020 ވަނަ އަހަރު ކޯވިޑްގެ ބަހަނާގައި ރަމަޟާން މަހު މިސްކިތް ބަންދުކުރުމަކީ މި ސިލްސިލާގެ ބައިތަކެވެ. ކޮންމެ ފަހަރަކުވެސް އައު ބަހަނާއެއް ދައްކައިގެން މިސްކިތުގެ ޙުރުމަތް ކަނޑަމުންދެއެވެ. މީގެ އިތުރުން، ޔަހޫދީ ހަރުކަށި ޖަމާޢަތްތަކުން މިސްކިތުގެ ތެރޭގައި އެމީހުންގެ ދީނީ ކަންކަން ކުރިއަށް ގެންދިއުމަށް ކުރާ މަސައްކަތްތަކަށް ނިރުބަވެރި އިސްރާއީލު ސަރުކާރުން ދަނީ އެހީތެރިވަމުންނެވެ.

މަސްޖިދުލް އަޤްޞާ ބަންދުކުރުމަކީ ހަމައެކަނި އިދާރީ ނިންމުމެއް ނޫނެވެ. އެއީ މުސްލިމުންގެ އީމާންތެރިކަމާއި، އެމީހުންގެ ބިމާއި، މުޤައްދަސް ބިނާތަކާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ޢުދުވާނެކެވެ. މިކަމަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުން ސަމާލުކަން ދީ، ހުއްޓުވަން ޖެހިފައިވާ ނުރައްކާތެރި ކަމެކެވެ. އަޤްޞާ މިސްކިތުގެ މިނިވަންކަމަކީ މުޅި އިސްލާމީ އުންމަތުގެ ޙައްޤެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ