ކުރީގެ ސަރުކާރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލުމަށް މޮރިޝަސްއަށް ސިޓީ ފޮނުވި މައްސަލައަކީ ޤައުމަށް ވީ އެންމެ މަތީ ދަރަޖައިގެ ޚިޔާނާތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އައްޑޫ ޕީއެންސީން ބޭއްވި ދަ ގްރޭޓަރ އައްޑޫ އިވެންޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިކަން ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މަޝްވަރާއެއް ނެތި، ޤާނޫނާ ޚިލާފަށް ކަމަށެވެ.
ޗާގޯސް މައްސަލައިގައި ކުރީ ސަރުކާރުން ޢަމަލުކުރި ގޮތަށް ފާޑުވިދާޅުވަމުން ރައީސް ފާހަގަކުރެއްވީ، މޮރިޝަސްއިން އެދިގެން ނޫން ނަމަވެސް، ރާއްޖެއަށް ގެއްލުންވާ ގޮތަށް މައްސަލަ އިޓްލޮސްއަށް ގެންދަން ކުރީ ސަރުކާރުން އިސްވެ ހުށަހެޅި ކަމަށެވެ.
އަދި މިކަމަށްޓަކައި ބޭރުގެ ވަކީލުންނަށް ދައުލަތުގެ ބަޖެޓުން 37 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. އާބިޓްރޭޝަން މަރުހަލާގައި އޮތް ނަމަ މައްސަލަ އިސްތިއުނާފު ކުރުމުގެ ފުރުސަތު އޮތް ނަމަވެސް، އިޓްލޮސްއަށް މައްސަލަ ގެންދިއުމުން އެ ފުރުސަތު ހަނިވެގެން ދިޔަ ކަމަށް ރައީސް ވިދާޅުވިއެވެ.
މިހާރުގެ ސަރުކާރުން ވަނީ ކުރީ ސަރުކާރުން މޮރިޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެންގޮސްފައެވެ. އަދި މި މައްސަލަ ދިރާސާކޮށް، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދު އަނބުރާ ހޯދުމަށްޓަކައި ޤާނޫނީ ޓީމެއް އެކުލަވާލައި މަސައްކަތް ފަށާފައިވާ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
މައްސަލަ ކާމިޔާބު ކުރުމުގައި ގޮންޖެހުންތަކެއް ހުރި ނަމަވެސް، ރާއްޖޭގެ ޙައްޤުގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.


