ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ

އީރާނުގެ ޑްރޯންތައް ހުއްޓުވުމަށް އެމެރިކާއާއެކު ބޮޑު އެއްބަސްވުމެއް ގާއިމުކުރުމަށް ޒެލެންސްކީ ބާރުއަޅައިފި

ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ، އެމެރިކާގެ ވައިޓް ހައުސްއަށް އިޝާރާތްކުރައްވައި، އީރާނުން އުފައްދާ ޑްރޯންތައް ވައްޓާލުމަށް އެމެރިކާއާއި ގަލްފުގެ ގައުމުތަކަށް އެހީތެރިވެދެވޭނެ ފަދަ "ބޮޑު ޑްރޯން އުފެއްދުމުގެ އެއްބަސްވުމެއް" ގާއިމުކުރުމަށް ބާރުއަޅައި ވާހަކަދައްކައިފިއެވެ.

ޖަރުމަނުގެ ނޫސްވެރިއެއް ކަމަށްވާ ގޯޑަން ރެޕިންސްކީއަށް ދިން އިންޓަވިއުއެއްގައި ޒެލެންސްކީ ބުނީ، އެމެރިކާއާއެކު ޑްރޯން އުފެއްދުމުގެ ބޮޑު އެއްބަސްވުމެއްގައި ސޮއިކުރަން ބޭނުންވި ނަމަވެސް، އެކަމަށް ވައިޓް ހައުސްގެ ހުއްދަ ބޭނުންވާ ކަމަށެވެ. މިއީ މިދިޔަ އަހަރު އެމެރިކާއިން ދެކޮޅު ހަދާފައިވާ އެއްބަސްވުމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޒެލެންސްކީ ބުނި ގޮތުގައި މި އެއްބަސްވުމަކީ ތަފާތު ވައްތަރުގެ ޑްރޯންތަކާއި ވައިގެ ދިފާއީ ނިޒާމުތަކާ ގުޅޭ އެއްބަސްވުމެކެވެ. "މި ނިޒާމުތައް މަސައްކަތް ކުރަނީ އެއް ސިސްޓަމެއްގެ ގޮތުގައި. މީގެ އެހީގައި އީރާނުގެ ސަތޭކަ ނުވަތަ އެތައް ހާސް 'ޝާހިދު' ޑްރޯންތަކާއި މިސައިލްތަކުން ދިފާއުވެވިދާނެ،" ޒެލެންސްކީ ބުންޏެވެ.

މިހާތަނަށް މި އެއްބަސްވުމުގައި ސޮއިކުރުމުގެ ފުރުސަތު ލިބިފައި ނުވާކަން ފާހަގަކުރަމުން ޒެލެންސްކީ ބުނީ، މެދުއިރުމަތީގައި މިހާރު ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް ބަލައި، އެމެރިކާގެ ރަހުމަތްތެރިން މި ނިންމުމާ ގާތަށް ޖެހިލާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މި އެއްބަސްވުމުގެ ސަބަބުން ޔޫކްރެއިންގެ އިތުރުން އެ ސަރަހައްދުގައި ތިބި އެމެރިކާގެ ބައިވެރިންނަށް ވެސް އީރާނުގެ ނުރައްކާތަކުން ސަލާމަތްވުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ޔޫކްރެއިންގެ ރައީސް ގަބޫލުކުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ