ކަށީގެ ވަރުގަދަކަން އިތުރުކުރުމަށް މަސައްކަތް ކުރަންޖެހެނީ ވަކި އުމުރެއްގައިތަ؟

ކަށީގެ ބަލިތަކާއި ކަށީގެ ވަރުގަދަކަން ނުވަތަ ބޯން ޑެންސިޓީ ދަށްވުމަކީ ހަމައެކަނި ވަކި އުމުރެއްގެ އަންހެނުންނަށް ދިމާވާ ކަމެއް ކަމަށް ގިނަ ބަޔަކަށް ހީވެފައި އޮތް ނަމަވެސް، މިއީ މުޅި އުމުރަށް ދުރާލާ ތައްޔާރުވާންޖެހޭ ކަމެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ. ކަށީގެ ދުޅަހެޔޮކަމަކީ މުސްތަގުބަލަށްޓަކައި ކުރެވޭ އިންވެސްޓްމަންޓެއްގެ ގޮތުގައި ޑޮކްޓަރުން ސިފަކުރެއެވެ.

ކަށީގެ ވަރުގަދަކަން އިތުރުކުރެވޭނީ ކޮން އުމުރެއްގައި؟
އެންގްލެވުޑް އޯތޮޕީޑިކް އެސޯސިއޭޓްސްގެ އޯތޮޕީޑިކް ސާޖަން ޑރ. ޑޮނަލްޑް ޗުއާންގް ވިދާޅުވި ގޮތުގައި، އިންސާނެއްގެ ކަށީގެ ވަރުގަދަކަން އޭގެ އެންމެ މަތީ ދަރަޖައަށް ދަނީ އުމުރުން 30 އަހަރު ފުރުމުގެ ކުރިންނެވެ. އަދި އުމުރުން 40 އަހަރުވުމުން ކަށީގެ ވަރުގަދަކަން ކޮންމެ އަހަރަކުވެސް މަދުވަމުންދާން ފަށައެވެ. އެހެންކަމުން، 30 އަހަރުން މަތީގެ މީހުންނަށް އޮތް އެންމެ މުހިންމު ކަމަކީ ކަށީގެ ވަރުގަދަކަން އިތުރުކުރުމުގެ ބަދަލުގައި، މިހާރު ހުރި ވަރުގަދަކަން ދެމެހެއްޓުމެވެ.

ނިއު ޔޯކް ޔުނިވާސިޓީގެ ގްރޮސްމަން ސްކޫލް އޮފް މެޑިސިންގެ އެސިސްޓަންޓް ޕްރޮފެސަރ ޑރ. ނަޓާޝާ ދެސާއީ ވިދާޅުވީ، ކަށީގެ ދުޅަހެޔޮކަމަށްޓަކައި އާދަތައް ބަދަލުކުރުމަކީ ދުވަހަކުވެސް ލަސްވެފައިވާ ކަމެއް ނޫން ކަމަށެވެ. "ދުޅަހެޔޮ އާދަތައް އަށަގެންނެވުމަކީ އަބަދުވެސް ފައިދާ ކުރާނެ ކަމެއް. ނަމަވެސް ކުރިން ކުރެވުނު މަސައްކަތުގެ މައްޗަށް ހުރިހާ ކަމެއް ބިނާވާތީ، ވީހާވެސް އަވަހަކަށް ފެށުން މުހިންމު،" ޑރ. ދެސާއީ ވިދާޅުވިއެވެ.

ކަށި ވަރުގަދަކުރުމަށް ކުރެވިދާނެ ކަންތައްތައް
ކަށީގެ ވަރުގަދަކަން ދެމެހެއްޓުމަށްޓަކައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ޑޮކްޓަރުން ފާހަގަކުރަނީ ސްޓްރެންތް ޓްރެއިނިންގް ނުވަތަ ބަރު އުފުލައިގެން ކުރާ ކަސްރަތުތަކެވެ. ޑރ. ދެސާއީ ތަފްސީލްކޮށްދެއްވި ގޮތުގައި، ބަރު އުފުލައިގެން ކަސްރަތު ކުރާއިރު ކަށިތަކަށް ޕްރެޝަރު ދެވުމުން، ކަށީގެ ޓިޝޫތައް އުފައްދާ ސެލްތައް ހީވާގިވެ، އިތުރަށް ކަށި ވަރުގަދަކޮށްދެއެވެ.

މީގެ އިތުރުން، ހިނގުމާއި، ދުވުމާއި، އަދި ފުންމުން ފަދަ ކަސްރަތުތަކަކީވެސް ކަށިތަކަށް ބާރުދީ ވަރުގަދަކޮށްދޭނެ ކަންކަމެވެ. ސިއްހީ މާހިރުން ލަފާދެނީ ބޮޑެތި މީހުން ހަފްތާއަކު މަދުވެގެން 150 މިނެޓު ކަސްރަތު ކުރުމަށެވެ. މިއީ ހަމައެކަނި މަސްތައް ވަރުގަދަކުރުމަށް ކުރާ ކަމެއް ނޫން ކަމަށާއި، މިއީ ކަށިތަކަށް ކުރިމަތިވާ ޕްރެޝަރަށް ކަށިތައް އާދަވެ، ވަރުގަދަވުމަށް މަގުފަހިވާ ކަމެއް ކަމަށް ޑޮކްޓަރުން ފާހަގަކުރެއެވެ.


ނޯޓް: ޞިއްޙަތާ ގުޅުންހުރި ކަންކަމުގައި ޞިއްޙީ މާހިރުންނާއި ޑޮކްޓަރުންގެ ލަފާ ހޯދުން މުހިއްމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ