ކަކުލުގައި ރިއްސާ ނަމަ މި ބުއިމުން ލުޔެއް ލިބިދާނެ!

ވިއްސާރަ މޫސުމަކީ ހުޅުހުޅުގައި ރިއްސުމުގެ ޝަކުވާ އާންމު ދުވަސްވަރެކެވެ. ވަރަށް ގިނަ މީހުންނަށް މި ދުވަސްވަރު ހުޅުހުޅު ހަރުވުމާއި، ހާއްސަކޮށް ކަކުލަށް އުނދަގޫވުން އިތުރުވާކަން ފާހަގަކުރެވެއެވެ. މާހިރުން ވިދާޅުވާ ގޮތުގައި ވައިގެ ޕްރެޝަރަށް އަންނަ ބަދަލުތަކާއި، ވިއްސާރަވުމުގެ ސަބަބުން ހަރަކާތްތެރިވެ އުޅޭ މިންވަރު މަދުވުމަކީ ހުޅުހުޅުގެ ވަށައިގެންވާ ދުޅަހެޔޮކަން ކުޑަވެ، ދުޅަވުން އިތުރުވާ ކަމެކެވެ. ދާއިމީކޮށް ނުވަތަ ބޮޑަށް ތަދުވާނަމަ ޑޮކްޓަރީ ފަރުވާ ހޯދުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ނަމަވެސް، ދިރާސާތަކުން ދައްކާ ގޮތުގައި އާދައިގެ ރީނދޫ ސައިތައްޓަކުން ގުދުރަތީ ލުޔެއް ލިބިދާނެއެވެ.

މީގެ ސިއްރަކީ ރީނދޫގައި ހިމެނޭ އެކްޓިވް ކޮމްޕައުންޑެއް ކަމަށްވާ 'ކާކިއުމިން' އެވެ. ކާކިއުމިން އަކީ ދުޅަ ތިރިކޮށްދިނުމުގެ ބާރުގަދަ ސިފަތަކެއް އެކުލެވިގެންވާ މާއްދާއެއް ކަމުން، މިއީ ދުޅަވުމުގެ ސަބަބުން އުފެދޭ ތަދު ކުޑަކޮށްދިނުމަށް އެހީތެރިވެދޭ އެއްޗެކެވެ. 'ބީ.އެމް.ސީ ކޮމްޕްލިމެންޓަރީ މެޑިސިން އެންޑް ތެރަޕީސް' ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި، ކަކުލުގެ ހުޅު ހަލާކުވުމުގެ މައްސަލަ ތަހައްމަލު ކުރަމުންދާ މީހުން ރީނދޫ ބޭނުންކޮށްގެން ކުރި ފަރުވާތަކަށް ފަހު، ތަދުވާ މިންވަރު 30 އިންސައްތައާ ހަމައަށް ކުޑަވެފައިވެއެވެ.

'ބީ.އެމް.ޖޭ އޯޕަން ސްޕޯޓް އެންޑް އެކްސަސައިޒް މެޑިސިން' ގައި ޝާއިއުކޮށްފައިވާ އެހެން ދިރާސާއަކުން ދައްކާ ގޮތުގައި، ކާކިއުމިން މަސައްކަތް ކުރަނީ ހަށިގަނޑުގައި ދުޅަ އުފައްދާ މަގުތަކަށް އަމާޒުކޮށްގެންނެވެ. ދުޅަ ތިރިކޮށްދިނުމުގެ އިތުރުން، ރީނދޫ ސައިގައި ހިމެނޭ އެންޓިއޮކްސިޑެންޓް ސިފަތަކުގެ ސަބަބުން އޮކްސިޑޭޓިވް ސްޓްރެސް ކުޑަކޮށްދީ، ހުޅުތަކަށް އިތުރު ގެއްލުންވުމުން ސަލާމަތްކޮށްދެއެވެ.

'ކަރަންޓް ރޫމަޓޮލޮޖީ ރިޕޯޓްސް' ގައި ފާހަގަކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި، ރީނދޫގެ އެކްސްޓްރެކްޓްތަކުގެ ސަބަބުން ދާއިމީކޮށް ހުޅުހުޅުގައި ރިއްސާ މީހުންގެ ހަރަކާތްތެރިކަން އިތުރުވެގެންދެއެވެ. މީގެ އިތުރުން، އާންމުކޮށް ބޭނުންކުރާ ތަދުކަނޑުވާ ބޭސްތަކާއި ޚިލާފަށް، ރީނދޫ ބޭނުންކޮށްގެން ކުރާ ފަރުވާތަކުން ކުރިމަތިވާ ނޭދެވޭ އަސަރުތައް މަދުކަން ދިރާސާވެރިން ފާހަގަކުރެއެވެ. ނަމަވެސް، މިއީ ޑޮކްޓަރުން ދީފައިވާ ބޭހުގެ ބަދަލުގައި ބޭނުންކުރަންޖެހޭ އެއްޗެއް ނޫނެވެ.

ގޭގައި ރީނދޫ ސައި ތައްޔާރުކުރުމަކީ ވަރަށް ފަސޭހަ ކަމެކެވެ. އެއް ތަށި ފެން ކައްކާފައި އޭގެ ތެރެއަށް ބައި ސަމުސާ ނުވަތަ އެއް ސަމުސާ ރީނދޫ ޕައުޑަރު ނުވަތަ ތާޒާ ރީނދޫކޮޅެއް ޗިސްކޮށްފައި އަޅާށެވެ. އިތުރު ސިއްހީ ފައިދާތަކަށްޓަކައި އިނގުރު، ފޮނިތޮށި ނުވަތަ ކުޑަ އަސޭމިރުސް ކޮޅެއް އެއްކުރެވިދާނެއެވެ. ރަހަ މީރުކުރުމަށްޓަކައި މަދު މިންވަރަކަށް މާމުއިވެސް ބޭނުންކުރެވިދާނެއެވެ.

މީގެ ތެރެއިން އަސޭމިރުހަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. އޭގައި ހިމެނޭ 'ޕައިޕަރިން' ކިޔާ މާއްދާއެއްގެ ސަބަބުން، ހަށިގަނޑަށް ކާކިއުމިން ދަމައިގަންނަ މިންވަރު ވަރަށް ބޮޑަށް އިތުރުކޮށްދީ، އޭގެ ނަތީޖާ ފުރިހަމައަށް ލިބުމަށް އެހީތެރިވެދެއެވެ.

ރީނދޫ ސައިގެ ފައިދާ ހާއްސަކޮށް އުމުރުން ދުވަސްވުމުގެ ސަބަބުން ހުޅުހުޅު ހަރުވާ މީހުންނަށާއި، އޮސްޓިއޯއާތުރައިޓިސް ހުންނަ މީހުންނަށާއި، ގިނަ ވަގުތު އިށީނދެގެން ތިބެ މަސައްކަތްކުރާ އޮފީސް މުވައްޒަފުންގެ އިތުރުން ވިއްސާރަ މޫސުމުގައި ހުޅުހުޅަށް އުނދަގޫވާ ކޮންމެ މީހަކަށްވެސް ކުރާނެއެވެ.

ނަމަވެސް، ރީނދޫ ސައި ބުއިމަކީ އެންމެންނަށް އެންމެ ރަނގަޅު ކަމަކަށް ނުވެދާނެއެވެ. މާ ގިނައިން ބުއިމުގެ ސަބަބުން ބައެއް މީހުންގެ ބަނޑަށް އުނދަގޫވުން ނުވަތަ އެސިޑް ރިފްލަކްސް މެދުވެރިވެދާނެއެވެ. އަދި ލޭ ދިޔާކުރާ ބޭހާއި ހަކުރު ބައްޔަށް ބޭސްކުރާ މީހުންނަށް މީގެ ސަބަބުން ނޭދެވޭ އަސަރެއް ކޮށްފާނެއެވެ. އެހެންކަމުން، އެއްވެސް ބޭހެއް ގަވާއިދުން ބޭނުންކުރާ މީހަކު ރީނދޫ ސައި ބޯން ފެށުމުގެ ކުރިން ސިއްހީ މާހިރެއްގެ ލަފާ ހޯދަންވާނެއެވެ.

ހުޅުހުޅުގައި ރިއްސުމާއެކު ދުޅަވުން، ރަތްވުން، ހޫނުވުން، ހުން އައުން، ހަރަކާތްކުރަން ވަރަށް ބޮޑަށް އުނދަގޫވުން ނުވަތަ ގިނަ ހަފުތާތަކަކަށް މި އަލާމާތްތައް ދެމިގެންދާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ޑޮކްޓަރުން އިރުޝާދު ދެއްވައެވެ.ރިނދޫ ސައި ބޭނުންކުރުމަކީ ހުޅުތަކުގެ ދުޅަހެޔޮކަމަށް އެހީތެރިވެދޭނެ ކަމެއް ނަމަވެސް، މިއީ ހުޅުތަކުގެ ބަލިތަކަށް އޮތް ފަރުވާއެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި، ދުޅަހެޔޮ ދިރިއުޅުމުގެ އާދަކާދައިގެ ބައެއްގެ ގޮތުގައި ބެލުން މުހިންމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ