"އިބުނު ބަތޫތާ" މިފަހަރުވެސް ކިނޮޅަހުގައި

"އިބުނު ބަތޫތާ" މިފަހަރުވެސް ކިނޮޅަހުގައި

ރ. ކިނޮޅަހުގައި މި އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް ތައްޔާރުކޮށްފައި ވަނީ 14 ވަނަ ޤަރުނުގައި ދިވެހިރާއްޖެއަށް ޒިޔާރަތްކުރެއްވި މޮރޮކޯގެ ތާރީޚީ ދަތުރުވެރިޔާ އިބްނު ބައްޠޫޠާގެ ކެރެކްޓަރާއި ދިވެހި ސަގާފީ ކުޅިވަރުތަކާއި ޒަމާނީ މުނިފޫހިފިލުވުން ގުޅުވައިލައިގެން ހަތަރު ދުވަހަށް ބަހައިލެވިފައިވާ ފުރިހަމަ ޕްރޮގްރާމެކެވެ.
މި ހަރަކާތްތައް ފެށެނީ 25 މެއި ވާ ހޯމަ ދުވަހު ބާއްވާ މަސް ރޭހުންނެވެ.

މި ޢީދުގައި އެންމެ ޚާއްޞަ ކަމަކީ އިބްނު ބައްޠޫޠާގެ ކެރެކްޓަރ ރަށަށް ޒިޔާރަތްކުރާ ގޮތަށް ރާވައިފައިވާ ތަމްސީލީ ހަރަކާތްތަކެވެ. އެ ގޮތުން ޢީދު ވިލޭރޭ އިބްނު ބައްޠޫޠާ ރަށަށް އައުމުން ރައްޔިތުން ނިކުމެ މަރުޙަބާ ކިޔުމާއި، އޭނާގެ ޝަރަފުގައި 7 ބަޑީގެ ސަލާމް އެރުވުން ހިމެނެއެވެ. ޢީދުގެ ތިންވަނަ ދުވަހު އިބްނު ބައްޠޫޠާ އިސްރަށްވެހިންނަށް ޒިޔާރަތްކުރުމާއި، ރައްޔިތުންގެ ބާބަކިއުއަށް ދަޢުވަތު އެރުވުމާއި، ހަވާ އެރުވުމާއި، އެންމެ ފަހުން އިބްނު ބައްޠޫޠާ ރަށުން ފުރުވައިލުން ވެސް ހިމެނެއެވެ.

ސަގާފީ ކުޅިވަރުތަކުގެ ތެރޭގައި ބޮޑެތި މީހުންގެ މަންޑި ކުޅުމާއި، ކުޑަކުދިންގެ ދިގުފޯލި ކުޅުމާއި، ގުދުބެ ހެއްދުމާއި ނެރުމާއި، މަހާއި ކޯޑި ހެއްދުމާއި ނެރުމާއި، ހިރިކުޅުމާއި، ފުޅަނދުބުރު ނެރުން ހިމެނެއެވެ. މީގެ އިތުރުން ވެދުމަށް ދިއުމާއި ސްކޫލު ކުދިންގެ ޑްރާމާ އާއި ހުނަރު ހުށަހެޅުމުގެ ސްޓޭޖް ޙަރަކާތް ހިމަނައިފައިވެއެވެ.
އަންހެނުންނަށް ޚާއްޞަ ކުޅިވަރުތަކުގެ ތެރޭގައި ފުލޯކު ވާހަކަ ކިޔުމާއި، 3 ޓީމަށް ބަހައިލައިގެން ކުޅޭ ތިންމުގޯއްޔާއި ފައިގަތަޅާ ކުޅުމާއި، ބަށި މެޗާއި، ޕަޗަސް އާއި، ބޮޑެތި މީހުންގެ ޓާސްކާއި، ގަނޑުފިއްލާ ކުޅުމާއި، ބީޗް ހޭންޑް ބޯލް އާއި، ބެލޫން ގޭމުތަކާއި، ފެން ކުޅިވަރުތަކާއި، ވާދެމުމާއި ކަށްޓަށް ދުވުމާއި ރިލޭ ރޭސް ހިމެނެއެވެ. ކުޑަކުދިންނަށް ވެސް ބަށި މެޗާއި ޓާސްކާއި އެކި ކުޅިވަރުތައް ރާވައިފައިވެއެވެ.

"އިބުނު ބަތޫތާ" މިފަހަރުވެސް ކިނޮޅަހުގައި

ކިނޮޅަހު ކައުންސިލުން ވަނީ މި ޢީދުގައި އެންމެ ރީތިކޮށް ޒީނަތްތެރިކޮށް ދިއްލި 10 ގެއަކަށް އިނާމު ދިނުމަށް ނިންމައިފައެވެ. ޢީދުގެ ފަހު ދުވަހު އިނާމު ދިނުމުގެ ރަސްމިއްޔާތު ބާއްވާ ގޮތަށް ހަމަޖެހިފައިވެއެވެ.

ކިނޮޅަހުން މި އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމުގެ ގޮތުން ޢީދު ދުވަހު މެންދުރު ރަށުގައި ދިރިއުޅޭ އެންމެންނަށާއި ޒިޔާރަތްކުރާ މެހެމާނުންނަށް ހުޅުވައިލެވިގެން ރައްޔިތުންގެ ބޮޑު ޖާފަތެއްވެސް އޮންނާނެއެވެ. މި ޖާފަތުގައި ރަށުގައި ދިރިއުޅޭ ހުރިހާ އެންމެންނަށް ބައިވެރިވެވޭނެއެވެ. ކެއްކުމަށް މަޝްހޫރު ކިނޮޅަހު ކަނބަލުން ތައްޔާރުކުރާ ރަހަ މީރު ކެއުންތައް މި ޖާފަތުގައި ހިމެނޭނެއެވެ. އަދި ޢީދު ދެވަނަ ދުވަހުން ފެށިގެން އެކި ގޭގޭގައި ސައި ތައްޔާރުކޮށް މީހުންނަށް ދަޢުވަތު ދީ މެހެމާންދާރީ އަދާކުރުމުގެ ރީތި ސަގާފަތް ދެމެހެއްޓުމަކީ އެރަށުގައި އާއްމުކަމެކެވެ.

ކިނޮޅަހަކީ ރ. އަތޮޅުގައި ރަށަށް ޒިޔާރަތްކުރާ މެހެމާނުންނަށް އެންމެ ރަނގަޅު މެހެމާންދާރީއެއް ދޭ އެއް ރަށެވެ. މި ޢީދަކީ އެ ރަށުގެ ރައްޔިތުންގެ އެއްބައިވަންތަކަމާއި މެހެމާންދާރީގެ ރީތި ނަމޫނާއެއް ދައްކައިދޭ ޢީދަކަށް ވާނެ ކަމަށް ބެލެވެއެވެ.

ފާހަގަކޮށްލެވޭ ކަމަކީ ކިނޮޅަހުގައި ޢީދު ފާހަގަކުރަނީ ދީނުގެ އިމުގެ ތެރެއިން ކަމެވެ. ބޮޑުބެރާއި މިއުޒިކާއި ދެ ޖިންސު މަސްހުނި ނުވެ، އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޢީދު ފާހަގަކުރާ މަދު ރަށްރަށުގެ ތެރޭގައި ކިނޮޅަސް ހިމެނެއެވެ. މި ފަހަރުގެ ޕްރޮގްރާމުން ފެނިގެން ދަނީ ތާރީޚީ ޝަޚްޞިއްޔަތެއް މެދުވެރިކޮށް ޤައުމީ ސަގާފަތާއި މުޖުތަމަޢުގެ އެއްބައިވަންތަކަން ދިރުވައި އާލާކުރުމުގެ ރީތި ނަމޫނާއެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ