ޔަހޫދީ ދައުލަތުގެ ހިމާޔަތްދަށުގައި ހައްދުފަހަނައަޅާފައިވާ ޔަހޫދީ ވަޒަންވެރިން އަޤްޞާ މިސްކިތުގެ ޚުރުމަތް ކަނޑާލުމަށް ހިންގަމުންދާ ޢަމަލުތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
ދިވެހި ޚާރިޖިއްޔާއިން ނެރުނު ބަޔާނުގައި ވިދާޅުވީ، ޔަހޫދީ ސިފައިންގެ ހިމާޔަތާއެކު ޔަހޫދީ ވަޒަންވެރިން އަޤްޞާ މިސްކިތުގެ ސަރަހައްދަށް ވަދެގަނެ، އިސްރާއީލުގެ ދިދަ އުފުލައި، އަދި ނަމާދުކުރާ މީހުން ވަނުން މަނާކޮށް ހުރަސްއަޅަމުންދާ ކަމަށެވެ. މިފަދަ އަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު، އަދި އަޤްޞާ މިސްކިތުގެ މާތްކަމާއި، ޤާނޫނީ ހައިސިއްޔަތާއި، ތާރީޚީ އަދި ދީނީ މުހިންމުކަން ނަގާލުމަށް ގަސްތުގައި ހިންގާ ނުރައްކާތެރި އަމަލުތަކެއް ކަމަށް ދިވެހި ސަރުކާރުން ވިދާޅުވިއެވެ.
އިސްލާމީ އުންމަތުގެ އެންމެ މުގައްދަސް އެއް ބިނާގެ ތާރީޚީ އަދި ޤާނޫނީ ހައިސިއްޔަތަށް އިހުތިރާމް ކުޑަކޮށް، އިންސާނީ ހައްޤުތަކަށް އަރައިގަންނަމުންދާ ދިއުން ހުއްޓުވައި، އެފަރާތްތައް ޖަވާބުދާރީ ކުރުވުމަށްޓަކައި ބައިނަލްއަޤްވާމީ މުޖުތަމައުން ކުއްލި އަދި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާ ގޮވާލުން ތަކުރާރުކޮށްފައެވެ.
ސަރުކާރުން ވިދާޅުވީ ފަލަސްތީނުގެ ހައްޤުގައި ވަކާލާތުކުރުމުގައި ރާއްޖެ އަބަދުވެސް ދެމިއޮންނާނެ ކަމަށެވެ. އަދި އިސްލާމީ މުގައްދަސް ބިނާތައް ހިމާޔަތްކުރުމަށާއި، ފަލަސްތީނުގެ ރައްޔިތުންގެ ހައްޤުތައް ހޯދައިދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމައުން ކުއްލި ފިޔަވަޅުތަކެއް އެޅުމަށް ދިވެހިރާއްޖެއިން ގޮވާލާ ގޮވާލުންވެސް ވަނީ ބަޔާނުގައި ތަކުރާރުކޮށްފައެވެ.


