ލުބްނާނުގެ ވެރިރަށް ބެއިރޫތަށް ޔަހޫދީ ފައުޖުން ދޭ ކޮންމެ ޙަމަލާއެއްގެ ނަތީޖާއަކީ ހުޅަނގު އޭޝިޔާގައި ހަނގުރާމަ އަލުން ފެށިގެންދިޔުން ކަމުގައި ވިދާޅުވެ، އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ އިންޒާރު ދެއްވައިފިއެވެ. ބެއިރޫތަށް ޙަމަލާދިނުމަށް ޔަހޫދީ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ އަމުރުކުރި ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު ދެކެވުނު ވާހަކަތަކަށް ފަހު މިހާރު ވަނީ އެ ޢުދުވާން މަޑުޖައްސައިލާފައެވެ.
އެމެރިކާ މެދުވެރިވެގެން ކުރިއަށްދިޔަ މަޝްވަރާތަކަށް ފަހު، ލުބްނާނާއި ޔަހޫދީ ދައުލަތުން ވަނީ ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުން އައުކުރުމަށް ނިންމާފައެވެ. މި އެއްބަސްވުމުގެ ދަށުން "ޕައިލެޓް ޒޯންތަކެއް" ކަނޑައަޅައި، އެ ސަރަޙައްދުތައް ބެލެހެއްޓުމުގެ ފުރިހަމަ ބާރު ލުބްނާންގެ އަސްކަރިއްޔާއަށް ދޭނެއެވެ. އަދި ދައުލަތުން ބޭރު ހަތިޔާރުއެޅި ޖަމާޢަތްތަކާއި، އަލް-ލަޔިޠާނީ ކޯރުގެ ދެކުނުގައި ޙިޒްބުالله އިން ހަރަކާތްތެރިވުން މަނާވާނެއެވެ. މިކަމާ ގުޅޭ އިތުރު މަޝްވަރާތައް ޖޫން 22 ގެ ފަހުން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ހުޅަނގު އޭޝިޔާގެ މަސްރަޙު ނުތަނަވަސްވީ، އެމެރިކާއިން އީރާނާ ދެކޮޅަށް ފެބުރުވަރީ 28 ގައި ހަނގުރާމައެއް ފަށައި، 3,000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލުމާ ގުޅިގެންނެވެ. އީރާނުން ބަދަލުހިފުމުގެ ގޮތުން ޔަހޫދީ ދައުލަތަށާއި ގަލްފުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ޙަމަލާދީ، ހުރްމުޒް ކަނޑުއޮޅި ބަންދުކުރިއެވެ. އެޕްރީލް 8 ގެ އެއްބަސްވުން ދެމިއޮތް ނަމަވެސް، ޤަޝަމު ޖަޒީރާގައި ހުރި އީރާނުގެ މަރުކަޒަކަށް އެމެރިކާއިން ދިން ޙަމަލާގެ ރައްދުގައި، އީރާނުގެ އައިއާރްޖީސީން ވަނީ ކުވެއިތާއި ބަޙްރެއިންގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ.
ޢަރާޤިޖީ ވިދާޅުވީ މިއީ އަމިއްލަ ދިފާޢުގައި ދިން ރައްދު ޙަމަލާތަކެއް ކަމަށާއި، އީރާނަށް ޙަމަލާދޭން އެމެރިކާއިން ބޭނުންކުރާ ގަލްފުގެ ޤައުމުތަކަށް ޙަމަލާދިނުމުގައި ދެމިއޮންނާނެ ކަމަށެވެ. ޢަރާޤިޖީ މިހެން ވިދާޅުވީ، ގަލްފުގެ ބައިވެރިން ކަމަށްވާ ޔޫއޭއީއާއި ކުވެއިތުން އެމެރިކާއަށް ފުރިހަމައަށް އެއްބާރުލުންދޭ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ ވިދާޅުވުމާ ގުޅިގެންނެވެ. އީރާނުން ބުނާ ގޮތުގައި އަސްކަރީ ކުރިމަތިލުންތައް ހުއްޓުވޭނީ ލުބްނާނު ވެސް ހިމެނޭ ގޮތަށް ހަނގުރާމަ ހުއްޓައިލައިގެންނެވެ. އެޕްރީލް 17 ގެ ފަހުން ޙަމަލާ ބަދަލުކުރުން މެދުކަނޑައިލަން އެއްބަސްވި ނަމަވެސް، މާރިޗު 2 ގެ ފަހުން ޔަހޫދީން ދިން ޙަމަލާތަކުގައި ލުބްނާނުން 3,500 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.


