ޙަމަލާ ބަދަލުކުރުން މެދުކަނޑާލުމާ ގުޅޭގޮތުން ލުބުނާނުގެ ސަރުކާރާއި އިސްރާއީލުން އެއްބަސްވެފައިވާ ކަމަށް ބުނާ ރޭވުމަށް ލުބުނާނުގައި ހަރަކާތްތެރިވާ ޙިޒްބުالله ޖަމާޢަތުން ދެކޮޅު ހަދައިފިއެވެ. ޙިޒްބުاللهއިން މި ހުށަހެޅުންތައް ބަލައިނުގަތުމަށް ނިންމާފައި މިވަނީ، އިސްރާއީލް ސިފައިން ދެކުނު ލުބުނާނަށް ދެމުންދާ ޙަމަލާތައް ހުއްޓާނުލާނެ ކަމަށާއި އެ ސަރަޙައްދުން ފޭބުމުގެ ވިސްނުމެއް ނެތް ކަމަށް ބުނަމުންދާ ދަނޑިވަޅެއްގައެވެ.
އެމެރިކާއިން އިޢުލާނުކުރި މި އެއްބަސްވުން ތަންފީޛު ކުރުމުގެ މައިގަނޑު ޝަރުތަކީ ޙިޒްބުاللهއިން އިސްރާއީލަށް ޙަމަލާދިނުން ހުއްޓާލައި، ދެކުނު ލުބުނާނުގެ ބޯޑަރު ސަރަޙައްދުން އެ ޖަމާޢަތުގެ މުޖާހިދުން ފަހަތަށް ޖެހުމެވެ. ނަމަވެސް، ދެކުނު ލުބުނާނަށް ވެރިވެގަނެގެން ތިބި އިސްރާއީލް ސިފައިން އެ ސަރަޙައްދުން ފޭބުމާ ގުޅޭ އެއްވެސް ވާހަކައެއް އެމެރިކާގެ ހުށަހެޅުމުގައި ހިމަނާފައެއް ނުވެއެވެ. މި އެއްބަސްވުން ތަންފީޒުކުރުމަށް ޔަހޫދީންނަށް ވާގިވެރިވާ އެމެރިކާއިން އެދުނީ، ޖޫން މަހުގެ 3 ވަނަ ދުވަހުއެވެ
ލުބުނާނުގެ ރައީސް ޖޫޒީފް ޢޫން ވިދާޅުވި ގޮތުގައި އެމެރިކާއިން އެކުލަވާލާފައިވާ މި އޮނިގަނޑަކީ ދާއިމީ ގޮތަކަށް ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް ލިބޭނެ އެންމެ ފަހު ފުރުޞަތެވެ. އަދި ހުރިހާ ފަރާތްތަކުން މިކަމަށް ފެހި ސިގްނަލް ދީފިނަމަ، ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ޙަމަލާތައް ހުއްޓާލައި އެއްބަސްވުމަށް ޢަމަލުކުރަން ފެށޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މިކަމާ ގުޅިގެން ޙިޒްބުاللهގެ އިސްވެރިޔާ ނަޢީމް ޤާސިމް ވިދާޅުވީ، އެމެރިކާގެ މި ހުށަހެޅުމަކީ ލުބުނާނުގެ ރައްޔިތުންގެ އެއްބައި ނައްތާލައި، ބާކީ ތިބި މީހުން އަޅުވެތި ކުރުމަށް ތައްޔާރުކޮށްފައިވާ މަގުޗާޓެއް ކަމަށެވެ. އަދި އިސްތިޢުމާރީ ބާރުތައް ޤައުމުގައި ދެމިތިބިހާ ހިނދަކު އެކަމާ ދެކޮޅަށް ހަނގުރާމަކުރާނެ ބަޔަކު އަބަދުވެސް ތިބޭނެ ކަމަށާއި، ލުބުނާނުގެ އަވަށްތައް ސުންނާފަތިކޮށް ރައްޔިތުން ޝަހީދުކުރާނަމަ އިސްރާއީލުގެ ރަށްތަކަށްވެސް ދެން ރައްކާތެރިކަމެއް ނޯންނާނެ ކަމަށް އޭނާ އިންޒާރު ކުރެއްވިއެވެ.
ދެފަރާތުގެ ދެމެދުގައި ޙަމަލާތައް ވަރުގަދަވެގެންދިޔައީ ފެބްރުއަރީ 28 ގައި އެމެރިކާއާއި އިސްރާއީލް ގުޅިގެން އީރާނަށް ދިން ޙަމަލާއާ ގުޅިގެން، އީރާނުގެ ދިފާޢުގައި މާރިޗު 2 ވަނަ ދުވަހުން ފެށިގެން ޙިޒްބުاللهއިން ހަމަލާދޭން ފެށުމުންނެވެ. މި ހަނގުރާމައިގެ ސަބަބުން ލުބުނާނުގެ 1.2 މިލިޔަން މީހުންގެ ގެދޮރު ގެއްލިފައިވާއިރު، އިސްރާއީލުގެ ދިފާޢީ ވަޒީރު އިސްރާއީލް ކެޓްޒް ބުނެފައިވަނީ ޙިޒްބުاللهގެ ބިނާރުތައް ނައްތާލުމަށް ދޭ ޙަމަލާތައް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެ ކަމަށެވެ.


