ޗައިނާގެ ރައީސް ޝީ ޖިންޕިންގް އަންނަ ހަފުތާގައި އުތުރު ކޮރެއާއަށް ވަޑައިގަންނަވަނީ، ފޮޓޯ: އޭއެފްޕީ

ޗައިނާގެ ރައީސް ޝީ އަންނަ ހަފުތާގައި އުތުރު ކޮރެއާއަށް ވަޑައިގަންނަވަނީ

ޗައިނާގެ ރައީސް ޝީ ޖިންޕިންގް އަންނަ ހަފުތާގައި އުތުރު ކޮރެއާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެއެވެ. މިއީ 2019 ވަނަ އަހަރުގެ ފަހުން އެމަނިކުފާނު އުތުރު ކޮރެއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ދެ ގައުމުގެ ރަސްމީ މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުގައި، ޝީ ޖިންޕިންގް އުތުރު ކޮރެއާއަށް ވަޑައިގަންނަވާނީ އަންނަ ހަފުތާގެ ހޯމަ އަދި އަންގާރަ ދުވަހުއެވެ. މިއީ ފާއިތުވި ހަތް ވަރަކަށް އަހަރުގެ ތެރޭގައި އެމަނިކުފާނު އެ ގައުމަށް ކުރައްވާ ފުރަތަމަ ޒިޔާރަތެވެ.

މި ދަތުރުފުޅުގެ އިއުލާން މި ކުރެވުނީ، އުތުރު ކޮރެއާއިން ނިއުކްލިއާ ބޮން އުފެއްދުމަށް ބޭނުންކުރާ މާއްދާތައް ތައްޔާރުކުރާ އާ މަރުކަޒެއް ދައްކާލިތާ އެއްދުވަސް ފަހުންނެވެ. މާހިރުން ބުނާ ގޮތުގައި، ޝީގެ ދަތުރުފުޅުގެ ކުރިން މި މަރުކަޒު ދައްކާލުމުގެ ބޭނުމަކީ އުތުރު ކޮރެއާއަކީ ނިއުކްލިއާ ބާރެއްގެ ގޮތުގައި ކަނޑައެޅުމަށް އެ ގައުމުގެ ލީޑަރު ކިމް ޖޮންގް އުން ބޭނުންފުޅުވާތީއެވެ. ކިމް ވަނީ އެ ގައުމުގެ ނިއުކްލިއާ ބާރުވެރިކަން ވަރަށް ބޮޑަށް އިތުރުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

މި ދަތުރުފުޅު މި ކުރައްވަނީ ޗައިނާގެ ރައީސް ބެއިޖިންގްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިންއާ ވަކިވަކިން ބައްދަލުކުރެއްވިތާ ކުޑަ ދުވަސްކޮޅެއްގެ ފަހުންނެވެ.

އުތުރު ކޮރެއާއިން ފަހަކަށް އައިސް ރަޝިޔާއާ އެކު ގާތް ގުޅުމެއް ބާއްވަމުން އައި ނަމަވެސް، އެ ގައުމުގެ އެންމެ ބޮޑު ވިޔަފާރި ބައިވެރިޔާ އަދި އެހީތެރިޔާ ކަމަށްވާ ޗައިނާއާ އެކު އޮންނަ ގުޅުން ވެސް މިހާރު އަންނަނީ އިތުރަށް ބަދަހިކުރަމުންނެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހު ބެއިޖިންގްގައި ބޭއްވުނު އަސްކަރީ ޕެރޭޑެއްގެ ތެރެއިން ވެސް ޝީ އަދި ކިމް ބައްދަލުކުރައްވައި، ދެ ގައުމުގެ އެއްބާރުލުން އިތުރުކުރުމަށް ވަނީ ވައުދުވެވަޑައިގެންފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ