އީރާނުގެ ރާޑަރު ނިޒާމުތަކަށް އެމެރިކާއިން ޙަމަލާދިނުމާ ގުޅިގެން، ރައްދުގައި ގަލްފު ސަރަޙައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ޙަމަލާދީފައިވާނެ ކަމަށް އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ) އިން ހާމަކޮށްފިއެވެ. މިގޮތުން ބަޙްރަޔިނުގައި ހުންނަ އެމެރިކާގެ ފިފްތު ފްލީޓުގެ މައި މަރުކަޒަށާއި ކުވަޔިތުގެ ޢަލީ އަލް-ސަލީމް ވައިގެ ބަނދަރަށް މިސައިލް ޙަމަލާތައް ކާމިޔާބުކަމާއެކު އަރާފައިވާ ކަމަށް އީރާނުން ބުނާއިރު، އެމެރިކާއިން ވަނީ އެކަން ދޮގުކޮށްފައެވެ.
އެމެރިކާގެ އަސްކަރީ އޮފިޝަލުން ބުނި ގޮތުގައި އީރާނުން ފޮނުވާލި 7 ބެލިސްޓިކް މިސައިލްގެ ތެރެއިން 6 މިސައިލް ދިފާޢުކޮށްފައިވާނެއެވެ. އަދި މި ޙަމަލާތަކުގައި އެމެރިކާ ސިފައިންގެ އެއްވެސް މީހަކަށް ގެއްލުމެއް ވެފައެއް ނުވެއެވެ. މި ޙަމަލާތަކާ ގުޅިގެން ކުވަޔިތުން ވައިގެ ދިފާޢީ ނިޒާމު ބޭނުންކޮށްފައިވާއިރު، ބަޙްރަޔިންއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރައްޔިތުން ގޭގައި މަޑުކުރުމަށް އިލްތިމާސްކޮށްފައެވެ.
މިއީ އެޕްރީލް 8 ގައި ދެޤައުމުގެ ދެމެދުގައި ޙަމަލާ ބަދަލުކުރުން މެދުކަނޑާލުމުގެ އެއްބަސްވުމަކަށް އައިފަހުން ބަދަލުކުރެވުނު ފުރަތަމަ ޙަމަލާތަކެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެމެރިކާގެ ޙަމަލާތަކުގައި އީރާނުގެ މިސައިލް ސްޓޮކުގެ ބޮޑު ބައެއް (ގާތްގަނޑަކަށް %78) ނައްތާލާފައިވާ ކަމަށް ދަޢުވާކޮށްފައެވެ. ނަމަވެސް އީރާނުން މިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.


